Roadha Mihaaru
ރައީސްގެ ވާހަކަފުޅު: މިއީ ސަރުކާރަށް ކާމިޔާބު އަހަރެއް

ރައީސްގެ ވާހަކަފުޅު: މިއީ ސަރުކާރަށް ކާމިޔާބު އަހަރެއް

10 ނޮވެމްބަރ 2019

މި ސަރުކާރުގެ ފުރަތަމަ އަހަރު ކާމިޔާބު ކަމަށާއި ގިނަ މަޝްރޫއުތަކެއް ފަށާފައިވާއިރު ނަތީޖާ ވެސް އަވަހަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ސަރުކާރުގެ ފުރަތަމަ އަހަރު ކާމިޔާބު ކަމަށާއި ގިނަ މަޝްރޫއުތަކެއް ފަށާފައިވާއިރު ނަތީޖާ ވެސް އަވަހަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ފެށި މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ މެދުތެރޭގައި ފެންނަން ފަށާނެ ކަމަށެވެ. ތައުލީމީ ދާއިރާއަށް ގެނައި އެންމެ ހެޔޮ ބަދަލަކީ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށުން ކަމަށް ވިދާޅުވި އެވެ.

ރައީސް ފާހަގަ ކުރެއްވި ކާމިޔާބީތަކާއި ބައެއް ތަފާސް ހިސާބުތައް

- އައިޖީއެމްއެޗުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.

- ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައި 4736 ދަރިވަރުން ބައިވެރި ވެފައިވާއިރު 567 ދަރިވަރުންނަށް ވަނީ ސްޓޫޑެންޓް ލޯން ދޫކޮށްފައި.

- ރަށްރަށުގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ވަނީ ބަޖެޓްކޮށްފައި. އަންނަ އަހަރު ހުޅުމާލޭގައި އިތުރު ފްލެޓް އަޅަން ފަށާނެ.

- 34 ރަށެއްގެ ބަނދަރު މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލު ކުރެވި، އޭގެ ތެރެއިން 14 ރަށެއްގައި އަމަލީ މަސައްކަތް ވަނީ ފަށާފައި. އަދި ހަތް ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ.

- 33 ރަށެއްގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވާއިރު އަމާޒަކީ އެ މަޝްރޫއުތައް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ނިމުމުގެ ކުރިން މަސައްކަތް ފެށުން

- ޚާރިޖީ ދާއިރާ ވަރަށް ކާމިޔާބު. އަވަށްޓެރި ގައުމުތަކާ ރަހުމަތްތެރިކަން އިޔާދަކުރެވި ބައެއް ގައުމުތަކާ ގުޅުން ގާއިމް ވެއްޖެ. ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ވަނީ ދީފައި.

- އެންމެ ބޮޑު އިސްކަމެއް ސަރުކާރުން ދިނީ މުޖުތަމައުގެ ހަމަޖެހުން ގާއިމްކުރުމަށް. ފުލުހުންގެ ވޭތުވެދިޔަ ހަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިނގީ މި އަހަރު. ވޭތުވެދިޔަ ހަ އަހަރު ގޭންގް ކުށްތަކުގައި މާލޭގެ މަގުތަކުގައި 21 މީހަކު މަރާލާފައިވޭ. މި އަހަރު ގޭންގް ކުށްތަކުގައި، އެކަކުގެ ފުރާނަވެސް ގެއްލިފައި ނުވާ ކަން ރައީސް ފާހަގަކުރެއްވި.

ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫއުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ހިމެނޭ ކަމަށާއި އާ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މިހާރު އަލުން ފަށައިގަނެ، ވަރަށް ހަލުއި ކަމާއެކުގައި ކުރިއަށް ދާ ކަމަށެވެ. އޭގެ އިތުރުން ގުޅީފަޅުގައި ތަރައްގީ ކުރާ ބަނދަރު މަޝްރޫއު ވެސް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި އޭރުން ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އަވަސްވެ ހަރަދު ކުޑަވެ، ބާޒާރުގައި ތަކެތީގެ އަގު ވެސް ކުޑަވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މި ސަރުކާރުން ނުހިންގާނެ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާފައިވާނީ ވެސް ދުނިޔޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކަށް ވިސްނައި، ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ މިންވަރަށް ބަލައި، ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު، ފުރިހަމައަށް ތަންފީޒު ކުރެވޭނެ ބަޖެޓެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރު ޑރ. ހަސަން ހަމީދު (ކ) އާއި އައިޔޫއެމްގެ ޗާންސެލަރު ޑރ. ޒާހިރު ހުސައިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރު ޑރ. ހަސަން ހަމީދު (ކ) އާއި އައިޔޫއެމްގެ ޗާންސެލަރު ޑރ. ޒާހިރު ހުސައިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެކަމަކު ވިސްނުންތެރިކަމާ އެކު، ތައްޔާރުނުވެ ތިބެއްޖެ ނަމަ 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ ކުރީ ސަރުކާރުން ބޮޑު އިންޓްރެސްޓްގައި ވިއްކާފައިވާ 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް އެ އަހަރުގެ ތެރޭގައި އެއްފަހަރާ ދައްކަންޖެހޭނެތީ. މިކަމަށް ވެސް ހައްލެއް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" ދައުލަތުގެ ގިނަ އިސްވެރިންތަކެއް ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.