Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

12 ނޮވެމްބަރ 2019

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" ގެ ޝޫޓިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމުގައި ޖަޔަލަލީތާގެ ރޯލް ކަންގަނާ ރަނާވަތު ކުޅޭ އިރު، ފިލްމުގެ މުހިއްމު ރޯލަކުން އަރުވިންދު ސްވާމީ ވެސް ފެނިގެންދާނެ އެވެ. "ތަލައިވީ" ގެ ޑައިރެކްޓަރަކީ އޭއެލް ވިޖޭ އެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ކަންގަނާގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާހްބަލީ" ގެ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ކޭވީ ވިޖެންދުރަޕްރަސާދެވެ.

"ތަލައިވީ" ބެލުންތެރިންނަށް ތިން ބަހަކުން ގެނެސްދޭނެ އެވެ. އެއީ ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުންނެވެ.

މި ފިލްމުގައި ޖަޔަލަލީތާގެ ރޯލް ކުޅެން ކަންގަނާ ކަތަކް ޑާންސާއި ސައުތުގެ އެކްސެންޓުން ވާހަކަ ދައްކަން ދަސްކުރަން ގިނަ ދުވަހުގެ ޓްރޭނިންތަކެއް ވެސް ހަދާފައިވެ އެވެ.

"ތަލައިވީ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. ޖަޔަލަލީތާ އަވަހާރަވީ 2016 ގަ އެވެ.

"މައިދާން" 2020 ގެ ނޮވެމްބަރުގައި

އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގައި ސިފަކުރާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމު "މައިދާން" އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައި ރިލީޒްކުރަން ތާވަލުކޮށްފި އެވެ.

މިދިޔަ އަހަރު "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކުރާ ފިލްމުގެ ޓައިޓްލް ރޯލް ކުޅެނީ އަޖޭ ދޭވްގަން އެވެ. "މައިދާން" ގެ ބަތަލާއަކީ މި އަހަރު އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދި ސައުތުގެ ބަތަލާ ކީރްތީ ސުރޭޝް އެވެ.

މި ފިލްމަކީ ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެވެ.

އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އަޖޭގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 10 ގައި ރިލީޒްކުރާ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.

"ބެލް ބޮޓަމް" ގެ ޕޯސްޓަރު ދައްކާލައިފި

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ކަންނާޑާ ފިލްމު "ބެލް ބޮޓަމް" ގެ ހިންދީ ރިމެކްގެ ޕޯސްޓަރު ހަމަ އެ ނަމުގައި ދައްކާލައިފި އެވެ.

މި ފިލްމުގެ ބަތަލަކީ އަކްޝޭ ކުމާރެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ނިކިލް އަދުވާނީ އާއި ވާޝޫ ބަގްނާނީ އެވެ.

ބަތަލާއަކު އަދި ހަމަނުޖައްސާ "ބެލް ބޮޓަމް" ގެ ޝޫޓިން އަންނަ އަހަރުގެ މެދުތެރޭގައި ފަށަން ޕްލޭންކޮށްފައިވާ އިރު، ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ 22، 2021 ގަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ 2017 ގައި ރިލީޒްކުރި ފަރްހާން އަޚްތަރުގެ "ލަކްނޯ ސެންޓްރަލް" ހެދި ރަންޖީތު އެމް ތެވާރީ އެވެ.

"ބެލް ބޮޓަމް" އަކީ ޖަޔަތީރުތާ ޑައިރެކްޓްކޮށް، މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން ކްރައިމް ކޮމެޑީ ތުރިލާއެކެވެ. މި ފިލްމުގެ ލީޑް ރޯލް ކުޅުނީ ރިޝަބް ޝެޓީ އާއި ހަރީޕްރިޔާ އެވެ.

އާމިރުގެ ސިފަ ހާމަވެއްޖެ

ޗަންދީގަރްގައި މިހާރު ޝޫޓިން ކުރިއަށްދާ އާމިރު ޚާންގެ އާ ފިލްމު "ލާލް ސިންގް ޗައްޑާ" ގައި އޭނާ ފެންނާނެ ސިފަ ސޯޝަލް މީޑިއާގައި ލީކްވެއްޖެ އެވެ.

އިންސްޓްގަރާމްގައި ދައުރުވަމުންދާ ފޮޓޯއެއްގައި ފެންނަނީ ބޮޑު ތުނބުޅިއެއްގައި ހުރި އާމިރު ފަގުޑިއެއް އަޅައިގެން ގަދަ އަށް ބެގީ ޖަހާލައިގެން ހުއްޓަ އެވެ.

އޭނާގެ އިތުރުން ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރްގެ ފޮޓޯއެއް ވެސް ސެޓުން ލީކްވެފައިވެ އެވެ. ކަރީނާ ފެންނަނީ ދޯޕައްޓާ ހެދުމެއްގައި ވަރަށް ސާދާ ގޮތަކަށެވެ.

"ލާލް ސިންގް ޗައްޑާ" އަކީ 1994 ގައި ރިލީޒްކުރި ޓޮމް ހޭންކްސްގެ "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އަންނަ އަހަރުގެ ކްރިސްމަސްގައި ރިލީޒްކުރާ ފިލްމުގެ ޑައިރެކްޓަރަކީ އަދުވައިތު ޗަންދަނެވެ.