Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

25 ފެބުރުއަރީ 2020

އަންނަ މަހު ރިލީޒްކުރަން ނިންމާފައިވާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ އާ ފިލްމު "ސޫރިޔާވަންޝީ" ސިނަމާތަކަށް ގެންނަ ތާރީހަށް ބަދަލެއް ގެނެސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ރިލީޒްކުރަން ނިންމާފައިވާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ އާ ފިލްމު "ސޫރިޔާވަންޝީ" ސިނަމާތަކަށް ގެންނަ ތާރީހަށް ބަދަލެއް ގެނެސްފި އެވެ.

ކުރިން އަންނަ މަހުގެ 27 ގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް މި ކޮޕް ޑްރާމާ މިހާރު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އޭގެ ތިން ދުވަސްކުރިން މާޗް 24 ގަ އެވެ. ކަރަން ޖޯހަރްގެ ދަރުމާއިން ޕްރޮޑިއުސްކޮށްފައިވާ "ސޫރިޔާވަންޝީ" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ އަށް ބިނާކުރާ ފިލްމެކެވެ.

އެގޮތުން އަޖޭގެ ސިންގަމް އާއި ރަންވީރުގެ ސިމްބާ އަށް ފަހު، މި ފަހަރު އަކްޝޭ ކުމާރުގެ ސޫރިއާވަންޝީ އެވެ. މި ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކެއިފެވެ.

"ސޫރިޔާވަންޝީ" ގެ އެންމެ ހާއްސަ އެއް ކަމަކަށްވެގެން ދާނީ އަކްޝޭ 1994 ގައި ކުޅުނު ފިލްމު "މޮހޮރާ" ގެ ވާރޭތެރޭގެ އައިކޮނިކް ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ވާޝަނެއް ފިލްމުގައި ހިމެނުމެވެ. އަދި މި ފިލްމުގެ ހާއްސަ ފެނިލުންތަކުން އަޖޭ އާއި ރަންވީރު ވެސް ފެންނާނެ އެވެ.

"ތަލައިވީ" ގެ ޕޯސްޓަރެއް

ބަތަލާ ކަންގަނާ ރަނާވަތު، އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލުން ފެނިގެންދާ ފިލްމު "ތަލައިވީ" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރު އޭއެލް ވިޖޭ ޑައިރެކްޓްކުރާ ފިލްމެކެވެ. "ތަލައިވީ" އަކީ ހިންދީ ބަހުގެ އިތުރުން ތަމަޅަ އަދި ތެލެގޫ ބަހުން ގެނެސްދޭނެ ފިލްމެކެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަރުވިންދް ސްވާމީ، ޕޫރްނާ، ޕްރަކާޝް ރާޖް، ޖިއްޝޫ ސެންގުޕްތާ އަދި މަދޫ ހިމެނެ އެވެ.

"ތަލައިވީ" ސިނަމާތަކަށް އަންނާނީ ޖޫން 26 ގަ އެވެ.

"ގުޑް ނިއުޒް" އެމެޒޯނަށް

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ގުޑް ނިއުޒް" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.

މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާ ޑައިރެކްޓްކުރި ފިލްމެކެވެ. ބޮކްސް އޮފީހުގައި 318.57 ކްރޯޑް ރުޕީސް (44 މިލިއަން ޑޮލަރު) ހޯދި މި ފިލްމަކީ އެންމެ 60 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖާއި ކިއާރާ އަދުވާނީ މުހިއްމު ރޯލްތައް ކުޅުނު "ގުޑް ނިއުޒް" ގައި ކިޔައިދެނީ އައިވީއެފްގެ އެހީގައި ދަރިއަކު ހޯދަން މަސައްކަތްކުރާ ދެމަފިރިއެއްގެ ދަރިފަނި އެހެން ބައެއްގެ ދަރިފަންޏާ އޮޅުންބޮޅުންވުމުން ހިނގާ ހާދިސާތަކެވެ.

ބަންސާލީގެ ފިލްމެއް ބޫމީ

ބޮލީވުޑްގައި މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ބޫމީ ޕެޑްނޭކަރް، ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޒުވާން ބަތަލާ ސޮއިކުރީ އަދި ނަން އިއުލާންނުކުރާ، ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމަކަށެވެ. އަދި މި ފިލްމު ޑައިރެކްޓްކުރާނީ އާ މީހަކު ކަމަށް ބުންޏެވެ.

ނޫސްތަކުން ބުނިގޮތުގައި ފިލްމުގެ ޓީމުން މިހާރު އަންނަނީ އިތުރު ކާސްޓުން ވެސް ނެގުމުގެ މަސައްކަތްކުރަމުންނެވެ. ބަންސާލީ މި ވަގުތު އަންނަނީ އާލިއާ ބަޓާ އެކު މި އަހަރުގެ ސެޕްޓެމްބަރު 11 ގައި ގެނެސްދޭ "ގަންގްބާއީ ކަތިއަވާޅީ" ގެ މަސައްކަތްކުރަމުންނެވެ.

މިދިޔަ އަހަރު ހަތަރު ފިލްމަކުން ފެނުނު ބޫމީގެ އެންމެ ފަހުގެ ފިލްމުތަކަކީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" އާއި "ޝުބް މަންގަލް ޒާދާ ސާވްވާން" އެވެ.

އޭނާގެ އަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑޯލީ ކިޓީ އޯރް ވޯ ޗަމަތުކޭ ސިތާރޭ" އާއި "ތަޚުތު" އާއި "ދުރުގާވަތީ" ހިމެނެ އެވެ.