Roadha Mihaaru
ގޭގައި ތިއްބަސް ބަޖެޓު ބަހުސަށް ގެންނާނަން: ނަޝީދު

ގޭގައި ތިއްބަސް ބަޖެޓު ބަހުސަށް މެމްބަރުން ގެންނާނަން: ނަޝީދު

12 ނޮވެމްބަރ 2019

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމުގެ ފުރުސަތު ގެއްލެން ބޭނުންފުޅު ނުވާތީ، މެމްބަރުން ގޭގައި ތިއްބެވިޔަސް، ބަހުސަށް މަޖިލިހަށް ގެންނަވާނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމުގެ ފުރުސަތު ގެއްލެން ބޭނުންފުޅު ނުވާތީ، މެމްބަރުން ގޭގައި ތިއްބެވިޔަސް، ބަހުސަށް މަޖިލިހަށް ގެންނަވާނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރެއްވުމުގެ ފުރުސަތު ހުޅުވާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވަގުތު ޖެހޭ އިރު ވަޑައިގެން ނެތް މެމްބަރުންނަށް ފުރުސަތު ގެއްލޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެހެން ބަހުސްތަކާއި މި ބަހުސާ ވަރަށް ބޮޑަށް ތަފާތު ވާނެ. ކޮންމެ މެމްބަރަކަށް 15 މިނިޓު ލިބިވަޑައިގަންނަވާނެ. އެއް މެމްބަރަކަށް ފަހު އަނެއް މެމްބަރެއްގެ ނަން އަޅުގަނޑު ދަންނަވަމުން ގެންދާނަން. މިއަދު މަޖިލިސް ހަވީރު ފަހެއް ޖަހަންދެން ދެމިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބަޖެޓު ބަހުސް 21 ގަޑިއިރަށް ކުރިއަށް ގެންދަން ޖެހެ އެވެ.

"މިތަނުގައި ވަޑައިގެން ނެތް ނަމަ، ފަހަކުން ނެތް މެމްބަރަކަށް ފުރުސަތެއް ނޭރުވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އާންމު ކޮމިޓީން ވަނީ މަޖިލިހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރަން 21 ގަޑިއިރު ކަނޑައެޅި އިރު، ފުރަތަމަ ފުރުސަތުގައި ކޮންމެ މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 15 މިނިިޓެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަން ކޮންމެ މެމްބަރަކަށް ހަތް މިނިޓު ލިބިވަޑައިގަންނަވަ އެވެ. ބަހުސް ކުރިއަށް ދާ އިރު، ފިނޭންސް މިނިސްޓަރަށް 45 މިނިޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވަ އެވެ.

ނަޝީދު ވިދާޅުވީ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމަށް ދަންނަވައިގެން މެމްބަރުން ގޭގައި ތިއްބެވި ނަމަވެސް "ފުރުސަތު ޖެހޭ ގަޑިއަށް ތިބޭފުޅުން ގެންނާނަން" ކަމަށެވެ.

"އެހެންވީމަ އަނބިކަނބަލުންނާއި ފިރިކަލުންނަށް ދަންނަވާތީ މިކަމުގައި ސާޖެންޓް އެޓް އާމްސް އުޅުއްވާނެ ކަމަށް،" ބަހުސް ފެއްޓެވުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ނަޝީދު ވިދާޅުވި އެވެ.