Roadha Mihaaru
ބަޖެޓް ބަހުސް މާދަމާ މަޖިލިހުގައި ފަށަނީ

ބަޖެޓް ބަހުސް މާދަމާ މަޖިލިހުގައި ފަށަނީ

11 ނޮވެމްބަރ 2019

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބަޖެޓު ބަހުސް ކުރިއަށް ގެންދަން ވާނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ. މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ބަޖެޓު ހުށަހެޅުއްވި އިރު، ބަހުސް ފަށަން ދިން މުއްދަތު މިއަދަށް ހަމަވާނެ އެވެ.

އެނގިފައިވާ ގޮތުގައި މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެންމެ މުހިންމު ކަމަކަށް އޮތީ ވެސް ބަޖެޓު ބަހުސެވެ. ބަޖެޓު ބަހުސް ފެށުމަށް ހަމަޖެހިފައިވާ އިރު، އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ގުޅިގެން އުފައްދާފައިވާ ބަޖެޓު ކޮމިޓީން ގެންދަނީ ސަރުކާރުގެ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އާންމު ކޮމިޓީން ވަނީ މަޖިލިހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރަން 21 ގަޑިއިރު ކަނޑައަޅައިފަ އެވެ. ކޮމިޓީން ކަނޑައެޅި ގޮތުން ފުރަތަމަ ފުރުސަތުގައި ކޮންމެ މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 15 މިނިިޓެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަން ކޮންމެ މެމްބަރަކަށް ހަތް މިނިޓު ލިބިވަޑައިގަންނަވަ އެވެ.

ބަހުސް ކުރިއަށް ދާ އިރު، ފިނޭންސް މިނިސްޓަރަށް 45 މިނިޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވަ އެވެ.

މިދިޔަ ބުދަ ދުވަހު މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ހަފުތާގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ ބަޖެޓަށް ބަހުސް ކުރުން ކަމަށެވެ. އަދި ބަޖެޓުގެ ބަހުސް ނިންމުމަށް ރޭގަނޑު ވެސް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވުމަށް ފަހު އަމީރު މަޖިލިހުގައި ވިދާޅުވި ގޮތުގައި ބަޖެޓު ވެގެންދާނީ ދިވެހިންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަގުފަހިކޮށްދޭނެ ބަޖެޓަކަށެވެ. އަދި މި ބަޖެޓުން ދިވެހިންގެ އުންމީދުތަކުގައި ކުލަ ޖައްސައި ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބަޖެޓުގެ ސަބަބުން ރައްޔިތުންގެ އަތްމަތި ތަނަވަސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.