Roadha Mihaaru
ކާރަކަށް އެދުނީ މެމްބަރުންނަށް ނޭނގި: ޓްރައިބިއުނަލް

ކާރެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވީ މެމްބަރުންނާ މަޝްވަރާނުކޮށް: ޓްރައިބިއުނަލް

14 ނޮވެމްބަރ 2019

ވާރޭވެހޭ ދުވަސްތަކުގައި މެމްބަރުން އޮފީހަށް ވަޑައިގަތުމަށް ކާރެއް ބޭނުންވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު ދެއްކެވި ވާހަކަތަކާ މެދު ފާޑުކިއުން އަމާޒުވުމުން، ދިފާއުވެވަޑައިގެން އެހެން މެމްބަރުން ބަޔާނެއް މިއަދު ނެރުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވާރޭވެހޭ ދުވަސްތަކުގައި މެމްބަރުން އޮފީހަށް ވަޑައިގަތުމަށް ކާރެއް ބޭނުންވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު ދެއްކެވި ވާހަކަތަކާ މެދު ފާޑުކިއުން އަމާޒުވުމުން، ދިފާއުވެވަޑައިގެން އެހެން މެމްބަރުން ބަޔާނެއް މިއަދު ނެރުއްވައިފި އެވެ.

ޒާހިރު ފިޔަވައި ޓްރައިބިއުނަލްގައި ތިއްބަވާ ފަސް މެމްބަރުން ސޮއި ކުރައްވާފައިވާ ބަޔާނުގައި އޮތީ، ކާރެއް ބޭނުންވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ކޮމިޓީގައި ރައީސް ވިދާޅުވީ އެހެން މެމްބަރުންނަށް އެނގިވަޑައިގެން ނޫން ކަަމަށެވެ. ކާރެއް ހޯދުމާ ގުޅޭ މަޝްވަރާއެއް ވެސް މެމްބަރުންގެ މެދުގައި ކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

ބަޖެޓް ކޮމިޓީ އަށް ވަޑައިގަތީ އިދާރީ މުވައްޒަފުންތަކަކާ އެކު ޒާހިރު އެކަންޏެވެ. އެހެން އެއްވެސް މެމްބަރަކު ވަޑައެއް ނުގަންނަވަ އެވެ. އެއީ، ކޮމިޓީ އަށް ހާޒިރުވާން އޮތް ގަޑީގެ ކުޑައިރުކޮޅެއް ކުރިން ޒާހިރު އެކަން މެމްބަރުންނަށް އެންގެވުމުން ކަން އެނގިފައިވެ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ޒާހިރު ވިދާޅުވީ ވާރޭ ވެހޭ ދުވަސްތަކުގައި މެމްބަރުން ތަންތަނަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ކުޑައެއް ނަނަގަވައިގެން ކަމަށެވެ. ވާރޭވެހުނަސް އެއްވެސް އަޑުއެހުމެއް ލަސްކުރެވެން ނޯންނަ ކަަމަށާއި އެއީ މައްސަލަތައް ދިގުދަންމަން ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ބަލަނީ ޓްރައިބިއުނަލްގެ އޮފީހުގައި ނޫންތޯ އަދި އެ ހާލަތުގައި ކާރެއް ބޭނުންވަނީ ކީއްވެތޯ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެއްސެވުމުން، ޒާހިރު ވިދާޅުވީ ކާރެއް ބޭނުންވަނީ އެކި ތަންތަނުގައި ދިރިއުޅުއްވާ މެމްބަރުން ގެއިން އޮފީހަށް ވަޑައިގަތުމަށް ކަމަށެވެ.

"އަޅުގަނޑަށް އަމިއްލަ ކާރެއްގައި ވެސް ދެވިދާނެ، ޝަކުވާއެއް ނެތް. އެކަމަކު މެމްބަރުންގެ ޝަކުވާތައް އެބަހުރި ވާރޭވެހޭ ދުވަސްތަކުގައި ތިމަންނާމެން ބިރުގަނެއޭ ވާރޭތެރޭގައި ސައިކަލެއްގައި ދާން، ކަހާލުމުގެ ފުރުސަތު އޮތީމަ. އަޅުގަނޑަށް ވެސް ދިމާވެފައި އެބަހުރި އެ ކަހަލަ ހާދިސާތައް. އެހެންވީމަ އެއީ ވެލިޑް ކޮންސާނެއް ކަމަށް ދެކެނީ،" ޒާހިރު ވިދާޅުވި އެވެ.

ޗިޓު ބަހާ މުވައްޒަފުން ދަތުރުކުރަން ވެސް އުޅަނދެއް ނެތުމުން ދޭން ޖެހޭނީ 200ރ.ގެ ފައިސާގެ އެލަވަންސެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒާހިރުގެ މި ވާހަކަތަކާ މެދު ބަޔާނުގައި މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ބަޔާނުގައި ބުނީ މެމްބަރުން ކާރެއް ބޭނުންވެގެން ޝަކުވާއެއް ޓްރައިބިއުނަލްގެ ރައީސް ޒާހިރާއި އެ ނޫން ބޭފުޅަކަށް އަދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ.

އަންނަ އަހަރަށް އެ އޮފީހަށް ލަފާކޮށްފައިވާ ބަޖެޓާ މެދު ވެސް މެމްބަރުންގެ ޝަކުވާއެއް ނެތް ކަަމަށް ބަޔާނުގައިވެ އެވެ. އެ ބަޖެޓް އެކުލަވާލީ، ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން، ޓްރައިބިއުނަލްގެ މެމްބަރުންނާއި މުވައްޒަފުން އެކުލަވާލާފައިވާ ތަސައްވުރާ އެއްގޮތަށް ކަމަށް ބަޔާނުގައިވެ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ދެއްކެވި ވާހަކަފުޅުތަކަކީ އެ ބޭފުޅާގެ ފަރުދީ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުތަކެއް ކަމާއި އެ ވާހަކަފުޅުތަކަކީ އެހެން މެމްބަރުން ގާނޫނީ ގޮތުން ޒިންމާ އުފުލަން ޖެހޭ ވާހަކަތަކެއް ނޫން ކަމުގައި ދެކެމެވެ.

އެ މެމްބަރުންނަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ބަޔާނުގައި ދީފައިވެ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާ އެކެވެ. ފަސް އަހަރުގެ މުއްދަތަށް އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ޒާހިރުގެ އިތުރުން އައިމިނަތު އަބްދުﷲ ޒުހައިރާއި ފާތުމަތު މަހީރާ މުހައްމަދާއި އަބްދުﷲ މިފްރާޒް ނިޒާރާއި މަރިޔަމް ޝަމްއާ އާއި އިބްރާހިމާއި މަރިޔަމް ރިޝްފާ އެވެ.