Roadha Mihaaru
ސިޔާސީ ނުފޫޒަކީ ކުޅިވަރަށް ލިބޭ ނިކަމެތިކަން: ޝަވީދު

ސިޔާސީ ނުފޫޒަކީ ކުޅިވަރަށް ލިބޭ ނިކަމެތިކަން: ޝަވީދު

16 ނޮވެމްބަރ 2019

ރާއްޖޭގެ ކުޅިވަރަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމަކީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއަށް ތިން ވަނަ ފަރާތެއްގެ ސިޔާސީ ނުފޫޒު ވަދެ އެ ކުޅިވަރެއް ހަލާކުވެގެންދިއުން ކަމަށް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ ކުޅިވަރަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމަކީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއަށް ތިން ވަނަ ފަރާތެއްގެ ސިޔާސީ ނުފޫޒު ވަދެ އެ ކުޅިވަރެއް ހަލާކުވެގެންދިއުން ކަމަށް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަވީދު ވިދާޅުވީ ކުޅިވަރުގެ އެންމެ ސީނިއާ މީހެއްގެ ހައިސިއްޔަތުން އޭނާ އެންމެ ދެކެން ބޭނުންނުވާނެ ދުވަހަކީ ސިޔާސީ ނުރަނގަޅު ނުފޫޒުތަކެއް ވަދެ ކުޅިވަރުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުވުން ކަމަށެވެ.

"އެންމެ ކަންބޮޑުވާ އެއް ކަމަކީ ކުޅިވަރު ޑިވައިޑް ވެދާނެތީ. މި ޕީޕީއެމް އެމްޑީޕީ އަށް ގޮސްފާނެތީ. އެއީ އަޅުގަނޑުމެން ކުޅިވަރުގައި ދެކޭނެ އެންމެ ނިކަމެތި ދުވަސް. އެއީ މީގެ ކުރީގައި އަންނާނީ މިސާލަކަށް ފުޓްބޯޅައިގައި ބައްސާމް ޓީމެއް ނުވަތަ އަނެއްކޮޅުން ޓޮމްގެ ޓީމެއް. ނުވަތަ އަޅުގަނޑުމެންގެ އޮލިމްޕިކް ކޮމިޓީގައި ވެސް އަންނާނީ އަޅުގަނޑުމެންގެ ތެރެއިން އުފެދިގެން އަންނަ ޓީމަކާއި އޮޕޮޒިޝަންގެ ޓީމެއް. އަންނައިރު އަޅުގަނޑުމެންގެ ތެރޭގައި ތިބޭނީ ކުޅިވަރުގެ އެއް ފިކުރުގެ މީހުން. އެކަމަކު އިންޑިވިޖިއަލް ބްލަޑް ޓެސްޓް ހަދައިފިއްޔާ ވެދާނެ ތަފާތު ޕާޓީއެއްގެ ބަޔަކަށް ވެސް،" ޝަވީދު ވިދާޅުވި އެވެ.

މިއަދުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި އަހަރު ދެ އެސޯސިއޭޝަނަކާއި މައްސަލަތަކެއް ދިމާވި ނަަމަވެސް ހަގީގަތުގައި އެއީ ސިޔާސީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ކަމެއްގައި އެއްވެސް އެސޯސިއޭޝަނެއްގެ ފަހަތުން ދުވެ ނަހަދާނެ ކަމަށާއި ކުޅިވަރު އެސޯސިއޭޝަން އޭގެ ޒާތުގައި ރަނގަޅަށް ހިނގާނަމަ އެކުގައި މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފް އެ ވިދާޅުވި ގޮތަށް ކަންތައްތައް ދާނެކަން "ހިތާހިތުން" ގަބޫލުކުރައްވާ ކަމަށް ޝަވީދު ވިދާޅުވި އެވެ. ޝަވީދު ވަނީ ސަރުކާރުގެ އެކި ދުވަސްވަރު ހުރި އިސް ފަރާތްތަކާ އޭނާއާ މައްސަލަތަކެއް ޖެހުނުއިރު ވެސް އޭނާ ބޭނުންވީ ކުޅިވަރު ސަލާމަތްކުރަން ކަމަށާއި އަބަދުވެސް މަސައްކަތްކުރީ އެ މަގުސަދުގައި ކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ އެވޯޑް ހަފްލާގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ކ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު --. ފޮޓޯ: ނިޝާން އަލީ/މިހާރު

އެފްއޭއެމްގެ އެވޯޑް ހަފްލާގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ކ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު --. ފޮޓޯ: ނިޝާން އަލީ/މިހާރު

"ތިމަންނަމެން ސަރުކާރުން މީގެ ތެރެއަށް އަތްބާނަން ބޭނުންނުވާ ވާހަަކަ. އެންމެ އެކަށޭނެ މީހާ (އެސޯސިއޭޝަނުގައި) ހުރީމަ އެ ހިސާބުން ތިމަންނަ މެންނަން ނިމުނީ ކަމަށް. އެއީ ކަންނޭނގެ ކުޅިވަރުގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ،" ޝަވީދު ވިދާޅުވި އެވެ.

މި އަހަރު ސްޕޯޓްސް މިނިސްޓްރީ އާއި އެންމެ މައްސަލަ ބޮޑުވީ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އެވެ. އެފްއޭއެމްގެ ލީޑަޝިޕާ ސްޕޯޓްސް މިނިސްޓްރީއާ ޖެހުނު މައްސަލައިގައި ފީފާގެ އިންޒާރަށް ފަހު މަޑުވެގެން ގޮސް މިހާރު އެފްއޭއެމްގެ ލީޑަޝިޕާއި ސްޕޯޓްސް މިނިސްޓްރީ އޮތީ އެކުގަ އެވެ. އެކަމަކު ވީއޭއެމް މައްސަލައިގައި އަދިވެސް އޮތީ ހައްލެއް ނުލިބި އެވެ. ޝަވީދު ވިދާޅުވީ މި ދެ އެސޯސިއޭޝަނާއި ދެމެދު ދިމާވި ކަންތައްތަކުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ.

"ދެ އެސޯސިއޭޝަނެއްގެ ކަންތައް ގޮސްފައި އޮތީ ދެ ގޮތަަކަށް. ފުޓްބޯޅަ އެސޯސިއޭޝަންގެ މެނޭޖްމަންޓާ ޓީމުތަކާ ދެމެދު ކުއެންސްޓަނަބަލެއް ނޫން. އެކަމަކު ވޮލީގެ އެބަ ހުރި އެޑިޝަނަލް އިޝޫސްތައް (އިތުރު މައްސަލަތައް). މި ވަގުތު އަޅުގަނޑަކަށް ނޭނގެ ކޮން ފަރާތެއްގެ އަތްމައްޗަށްތޯ ވޮލީ އެސޯސިއޭޝަން ދާނީ. އަޅުގަނޑު ބޭނުންވަނީ މީގެ އަސްލު ސްޓޭކްހޯލްޑަރުން (ހިއްސާދާރުން) އަތަށް އެ ދާން،" ޝަވީދު ވިދާޅުވި އެވެ.

ވޮލީގެ ކަންތައްތަކުގައި ގޮތް ނިންމާނީ ދުނިޔޭގެ ޖަމިއްޔާ އެފްއައިވީބީން ކަމަށާއި ރާއްޖޭގެ ވޮލީގެ ހާލަތު ރަނގަޅުކުރުމުގައި އޮލިމްޕިކް ކޮމިޓީން މަސައްކަތް ކުރި ނަމަވެސް މީގެ ވަކި ގޮތެއް ނިންމުމުގެ ބާރެއް ނެތް ކަމަށް ޝަވީދު ވިދާޅުވި އެވެ. އަދި ވީއޭއެމްގެ ރައީސް ކަމުގައި ކުރިން ހުރި މުހައްމަދު ލަތީފްގެ އިތުބާރު ނެތް ކަމަށް ކްލަބްތަކުން ފާސްކުރި އާންމު ޖަލްސާ ބަލައިގަންނަން ވެސް ނިންމާނީ އެފްއައިވީބީން ކަމަށެވެ.

އެންމެ ފަހުން ބޭއްވުނު ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުގައި ގިނަ މައްސަލަތަކެއް މެދުވެރިވި އެވެ. އަދި އެއް ފަަހަރުން ގިނަ އެސޯސިއޭޝަންތަކެއްގެ އިންތިހާބު ނުބޭއްވި ލަސްކުރަން ޖެހުނުއިރު، ބައެއް އިންތިހާބުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅުނުއިރު، އިންތިހާބު ބާތިލް ވެސް ކުރި އެވެ. އަންނަ އަހަރަކީ އަނެއްކާ ވެސް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު އޮތް އަހަރަކަށް ވީ ހިނދު ޝަވީދު ވިދާޅުވީ މިއީ ކަންތައްތައް ރަނގަޅު މަގުން ގެންދަން މުހިއްމު ނިންމުމެއް ނިންމަން ޖެހޭ ކަމެއް ކަމަށެވެ.

ޝަވީދު ވިދާޅުވީ މި ވަގުތު ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ ރައީސްގެ މަގާމުގައި ތިބީ ކަމަށް ގާބިލު އަދި އެ ކުޅިވަރުތައް ކުރިއަރުވަން ވަގުތުދޭ ރައީސުން ކަމަށެވެ. ޝަވީދު ވަނީ މިއަދުގެ ޖަލްސާގައި ވެސް ކުރިއަށް އޮތް އިންތިހާބުގައި އޭނާ ވާދަނުކުރައްވާނެކަން އަލުން އިއުލާނުކޮށްފަ އެވެ.

"އަޅުގަނޑުމެން ނުޖެހޭ ބަލާކަށް އެއީ އެމްޑީޕީ މީހެއްތޯ ނޫނީ ޕީޕީއެމް މީހެއްތޯ. ކުޅިވަރަށް ފައިޓް ކުރާ ކުޅިވަރުގެ ބައެއް ބޭނުންވަނީ. އަޅުގަނޑުމެން ވަރަށް މުހިއްމުކަމެއް ކުޅިވަރުގައި މި އޮންނަ މިނިވަންކަން އަޅުގަނޑުމެން ހިފެހެއްޓުން،" ޝަވީދު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: (ކ.ވ). އޮލިމްޕިކް ކޮމިޓީގެ ހަޒާންދާރު ހުސެއިން ރަޝީދު، ސެކްރެޓަރީ ޖެނެރަލް މަރުޒޫގް، ސްޕޯޓްސް މިނިސްޓަރު މަހުލޫފް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: (ކ.ވ). އޮލިމްޕިކް ކޮމިޓީގެ ހަޒާންދާރު ހުސެއިން ރަޝީދު، ސެކްރެޓަރީ ޖެނެރަލް މަރުޒޫގް، ސްޕޯޓްސް މިނިސްޓަރު މަހުލޫފް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޅިވަރަކީ ހުރިހާ ސިޔާސީ ފިކުރެއް އެކަހެރިކޮށް އެންމެން އެއް ގަލަކަށް އަރުވާ ކަމެއް ކަމަށާއި އެ ސަބަބަށްޓަކައި ވެސް ކުޅިވަރު އޭގެ ޒާތުގައި މިނިވަންކަންމަތީގައި ބޭއްވުން އެއީ މުހިއްމު ކަމެއް ކަމަށް ޝަވީދު ވިދާޅުވި އެވެ. އަދި ކުޅިވަރުން އެންމެން އެކުވެގެން އެ ހޯދޭ ހިތްހަމަ ޖެހުމަކީ އެ ނޫން އެއްވެސް ކަމެއް ކޮށްގެން ހާސިލްނުކުރެވޭނެ އެއްޗެއް ކަމަށް ޝަވީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އެއް ދުވަހެއްގައި އެތަނަކަށް ގެންގޮސްފި ހުރިހާ ދެބަސްވާ ރައީސުން އެއްތަނަކަށް އެއް ޖޯޒީއެއް ލައްވައިގެން ކިހިނެއްތޯ އެކަން ކުރާނީ އެހެން ބަޔަކު ކިތަންމެ މޮޅު ސިޔާސީ ޕާޓީ އެއް ވިޔަސް ކިހިނެއްތޯ އެ ބޭފުޅުން އެއް ތަނަށް ގެންނާނީ. އެކަމަކު ކުޅިވަރު އެކަން ކުރިއެއްނޫންތޯ،" ޝަވީދު ވިދާޅުވި އެވެ.

"މިއަދު ކުޅިވަރު ޖޯޒީއެއް ދީފައި އަންނާށޭ ބުނީމާ ނާންނާނީ ކޮން ރައީސެއްތޯ. ހަމަ އަންނަން މަޖުބޫރުވާނެ ނޫންތޯ. ކުޅިވަރަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން އެ އަށް ވުރެ އިންފްލުއެންސް އޮތް އެއްޗެއް. ކުޅިވަރު އޭގެ އިންޑިޕެންޑެންޓްކޮށް އޮންނަ އޮތުން އެއީ އެންމެ ގައުމަށް ވެސް ފައިދާ ހުރި ގޮތަކީ."

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކާމިޔާބީގައި ބައިވެރިނުވެވުނީ އެ ވަގުތުގައި ހާލަތު ހުރި ގޮތުން ކަމަށާއި އެ ކާމިޔާބީ ހޯދުމުގައި ހިއްސާ އޮތް ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވުމުން ހިތްހަމަޖެހޭ ކަމަށް ޝަވީދު ވިދާޅުވި އެވެ.

އެއްވެސް އިރެއްގައި "ސެލެބްރިޓީ" އަކަށްވެ މީޑިއާގައި ވާހަކަތަކެއް ދެއްކެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ކުޅިވަރަށް ކޮށްދޭ ހިދުމަތްތައް ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުންނަށް އެނގޭނެ ކަމަށާއި ކުޅިވަރުގެ ހައްގުގައި ބައިނަލްއަގުވާމީ ގުޅުންތަކުގެ އެހީގައި ވެސް ކޮށްދޭ ކަންތައްތައް ބަލައިގަންނަ ކަމުގެ ދަލީލަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތާއީދު އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.