ކުޅިވަރު އެސޯސިއޭޝަންތަކަށް ވަރުގަދަ މެސެޖެއް ދެއްވުމަށް ފަހު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރުގެ ރައީސްގެ މަގާމަށް ވެސް ކުރިމަތިލައްވާނެކަން މިހާރުގެ ރައީސް މުހައްމަދު ޝަވީދު މިއަދު އިއުލާންކުރައްވައިފި އެވެ.
08 އެޕްރީލް 2017
ކުޅިވަރު އެސޯސިއޭޝަންތަކަށް ވަރުގަދަ މެސެޖެއް ދެއްވުމަށް ފަހު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރުގެ ރައީސްގެ މަގާމަށް ވެސް ކުރިމަތިލައްވާނެކަން މިހާރުގެ ރައީސް މުހައްމަދު ޝަވީދު މިއަދު އިއުލާންކުރައްވައިފި އެވެ.
ރާއްޖޭގެ ކުޅިވަރުގެ އެންމެ ޝަރަފްވެރި މަގާމަށް 2013 ވަނަ އަހަރުގެ ޖުލައި މަހު އިންތިހާބުވެވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އާ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާންކުރެއްވީ މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާގަ އެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޝަވީދު ވަނީ އޮލިމްޕިކް ކޮމިޓީގެ ބައެއް މަސައްކަތް ހިނގާ ނުހިނގާ ގޮތް ނުބަލައި ބައެއް ފަރާތްތަކުން ފާޑުކިޔާ ކަމަށާއި އަދި ކުރާ މަސައްކަތްތައް ބައެއް ފަރާތްތަކުން އަގުވަޒަންނުކުރާކަމަށް ވިދާޅުވެފަ އެވެ. އަދި މިއަދުގެ އަހަރީ އާއްމު ޖަލްސާއަށް ވެސް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފާއި ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ވަޑައިނުގަންނަވާތީ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
ޝަވީދު ވިދާޅުވީ އިންތިހާބު ބޯމަތީގައި އޮއްވާ އެފަދަ ވާހަކަތަކެއް ދެއްކުމަކީ ފަހަރުގައި ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށާއި އެކަމަކު އޭނާ ދައްކަން ޖެހޭ ވާހަކައެއް ދައްކައި ނަގަން ޖެހޭ ޒިންމާއެއް އަބަދުވެސް ނަގާނެ ކަމަށެވެ.
ޝަވީދު ވިދާޅުވީ އޭނާ މަގާމަށް އިންތިހާބު ކުރާނަމަ ކުރަން ޖެހޭނީ ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށް ފަހު ކަމަށާއި އޮލިމްޕިކް ކޮމިޓީ ލައްވައި އެސޯސިއޭޝަންތަކުގެ އެތެރޭގެ ސިޔާސީ ގޭމް ކުޅުވައިގެން ވޯޓް ލިބޭ ވޯޓެއް ބޭނުންނުވާ ކަމަށެވެ.
"ކުރީގައި (ރާއްޖެ) ބައިވެރިވި މުބާރާތްތަކާއި ކުރީގައި ޓްރެއިނިން ކުރެވުނު ވަރާއި ލިބުނު ފެސިލިޓީސްތަކާއި ވަން ޑިޖިޓުގެ ބަޖެޓެއް ޓޫ ޑިޖިޓްސް އަށް ބަދަލުވި ގޮތާއި މި ހުރިހާ އެއްޗެއް ތިބޭފުޅުން އަމިއްލައަށް ކަލްކިއުލޭޓްކުރައްވާ. އެއް ގޮތަކަށް ވެސް އެސޯސިއޭޝަނެއްގެ އިންޓާނަލް ސިޔާސަތު އަޅުގަނޑުމެން ލައްވައި ކުޅުވައިގެން އަޅުގަނޑުމެން މަގާމަކަށް ގެންނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ އެސޯސިއޭޝަނެއްގެ މިވެނި ކަމެއް މިވެނި ގޮތަކަށް ކޮށްފި ނަމަ ޕްރޮކްސީ ވޯޓް ވެސް ލިބިދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި އެކަމަކު އެގޮތަށް އަމަލުކުރަން ބޭނުންނުވާ ކަމަށެވެ.
ކޮންމެ ހަތަރު އަހަރަކުން އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ބާއްވަން ޖެހޭއިރު ޝަވީދު ވިދާޅުވީ އެންމެ ފަހުން ބޭއްވި އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އިންތިހާބަކަށް އިއުލާންކުރަން ނިންމާފައިވާ ކަމަށާއި މާދަމާ ނުވަތަ އަނެއް ދުވަހު ގެޒެޓްސްގައި އިންތިހާބަކަށް އިއުލާންކުރާނެ ކަމަށެވެ.
ވީބީ ސްޕޯޓްސް ކްލަބް އުފައްދައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ޝަވީދަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަނުގެ އެކްސްކޯ މެމްބަރެއް ވެސް މެ އެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ބައެއް ކޮމިޓީތަކުގައި ވެސް މަސައްކަތްކުރައްވާ ޝަވީދު ވަނީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން އެ އިދާރާ ވެސް ދޮޅު އަހަރެއްހާ ދުވަހު ހިންގަވައިފަ އެވެ.
އެމްއޯސީ އަމިއްލަ ފައި މައްޗަށް ތެދުކުރުވާނަން: ޝަވީދު
ސިޔާސީ ނުފޫޒަކީ ކުޅިވަރަށް ލިބޭ ނިކަމެތިކަން: ޝަވީދު
އޮލިމްޕިކް ކޮމިޓީގެ ގަވާއިދުން އެތުލީޓުންނަށް ބާރުތަކެއް
ނޯމަލައިޒޭޝަން ކޮމިޓީއާ ދެކޮޅަށް ޝަވީދުގެ އިންޒާރެއް!
"ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ މީހާ"
އޭއެފްސީގެ މާކެޓިން ކޮމިޓީގެ ޗެއާމަނަކަށް ޝަވީދު
އެމްއޯސީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަނީ
ޝަވީދާއި މަރުޒޫގަށް އޮޓޯމެޓިކުން މަގާމް ކަށަވަރުވެއްޖެ
އޮލިމްޕިކް ކޮމިޓީއަށް އިހުތިރާމްކުރަން: ލަތީފް
ވޮލީއާ މެދު ޝަވީދުގެ ބަސް: ގޯހަކަށް ފަހު ގޯހެއް!