Roadha Mihaaru
ނަހުލާގެ "ސޮރީ" ޔޫއްޕެ ޑައިރެކްޓްކޮށްފާނެ

ނަހުލާގެ "ސޮރީ" ޔޫއްޕެ ޑައިރެކްޓްކޮށްފާނެ

18 ނޮވެމްބަރ 2019

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަޓުން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ ފިލްމު "ސޮރީ" ގެ ޑައިރެކްޓްކޮށްފާނެކަމުގެ އިޝާރާތެއް އެ ފިލްމުގެ ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަޓުން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ ފިލްމު "ސޮރީ" ގެ ޑައިރެކްޓްކޮށްފާނެކަމުގެ އިޝާރާތެއް އެ ފިލްމުގެ ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) ދީފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި 9 ވަނަ ދުވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހިއްލާލި ޔޫއްޕެ ބުނީ "ސޮރީ" ޑައިރެކްޓްކޮށްދޭން ނަހުލާ އެދިފައިވާ ކަމަށެވެ.

"މުޅި ޕްރޮޖެކްޓަކާ އިސްކޮށް އަހަރެން ހަވާލުވާން ނަހޫ އެބައިން ޑިސްކަސްކޮށްފައި. އެހެންވެ އޭގެ ޑައިރެކްޝަނުން ފެނިދާނެ،" ނަހުލާގެ ވެބް ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަންގެ ޑައިރެކްޝަނާ ވެސް ހަވާލުވެގެން ހުރި އެކްޓަރު ބުންޏެވެ.

"ސޮރީ" އަކީ ޔޫއްޕެ އާއި މަރިޔަމް އައްޒަގެ އިތުރުން އާ އެކްޓަރަކު ފެންނާނެ ފިލްމެކެވެ. ނަހުލާ ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ.

ނަހުލާ އެންމެ ފަހުން ޑައިރެކްޓްކުރި "4426" ގެ ރޯލެއް ވެސް ކުޅުނު ޔޫއްޕެ ވަނީ މީގެ ކުރިން ވެސް ނަހުލާ، ލިޔެ، ޕްރޮޑިއުސްކުރި ފިލްމުތަކެއް ޑައިރެކްޓްކޮށްފަ އެވެ. އޭގެ ތެރޭގައި "ހެޔޮނުވާނެ" އާއި "ވީރާނާ" ހިމެނެ އެވެ.

ނަހުލާ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމުތަކުގެ ބަތަލަކީ ޔޫއްޕެ އެވެ. އޭގެ ތެރޭގައި "ކަލާޔާ ނުލާ"، "ޔޫސުފް"، "ނާއުންމީދު" އަދި "ޒުލޭހާ" ހިމެނެ އެވެ.

މި އަހަރު ޔޫއްޕެ ތިން ފިލްމެއް ޑައިރެކްޓްކޮށް ގެނެސްދީފައިވާ އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ "ކޮސް ގިނަ މިސްޓޭކް" އެވެ.

ނުވަ ވަނަ ފިލްމު އެވޯޑްސްގައި މޮޅު ޑައިރެކްޓަރުގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ބަތަލު އާއި އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު އެޑިޓިން ފިލްމު "ދެވަންސޫރަ" އިން ހޯދި ޔޫއްޕެ މި އަހަރު ގެނެސްދިން ފިލްމުތަކަކީ "+40" އާއި "ނަފުރަތުވުމުން" ގެ އިތުރުން "ދައުވަތު" އެވެ.