Roadha Mihaaru
އަފްރާޝީމްގެ މަރާ ގުޅޭ ގިނަ ކަންކަން މަޖިލީހުން ބަލަނީ

އަފްރާޝީމްގެ މަރާ ގުޅޭ ގިނަ ކަންކަން މަޖިލީހުން ބަލަނީ

18 ނޮވެމްބަރ 2019

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮޮތްތޯ އާއި އެ ޖަރީމާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދަން ރައްްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮޮތްތޯ އާއި އެ ޖަރީމާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދަން ރައްްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ރިޔާސީ ކޮޮމިޝަނުން، އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް ރައީސް އޮފީހުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެރިޕޯޓުގެ ޚުލާސާއެއް އިއްޔެ ވަނީ މަޖިލީހުގައި ވެސް އިއްވައިފަ އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވީ ރިޕޯޓާ ގުޅޭޭ ގޮތުން ޖުމްލަ ހަތް ކަމެއް ބެލުމަށެވެ. އެގޮތުން ކުރަން ނިންމި ކަންތައްތަކަކީ:

1- ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގައި ބުނެފައިވާ ފަދަ "ހަރުކަށި ޖިހާދީ" ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި އިންތިޒާމްވެފައިވާ ގޮތާއި ހަރަކާތްތެރިކަން ހުރި މިންވަރު ދެނެގަތުން.

2- ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ފައިސާ ބަދަލުކޮށްފައިވާ މިންވަރާއި ފައިސާ ބަދަލުވެފައިވާ ގޮތް ދެނެގަތުން.

3- ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތްތައް ލިސްޓްކޮށް އެ ޖަމާއަތްތަކާ ދެކޮޅަށް ގާނޫނުގައިވާ ފިޔަވަޅު އެޅުން.

4- އަފްރާޝީމް އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބި ތިބެ، ސިއްރުކޮށްފައިވާ މީހުންނަކީ ކޮބައިކަން ދެނެގަތުން.

5- އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގި އިރު ފުލުހުން އެކަމުގައި އިހުމާލުވެފައިވޭތޯ އާއި އިހުމާލު ވެފައިވާ މިންވަރު ބެލުން.

6- އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ރިޕޯޓްގައި ބުނެފައިވާ މީހުން މިހާރު ކޮބައިތޯ ބެލުން.

7- ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބާރުއެޅުން.

ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީ ފުލުހުންގެ އިދާރާ އާއި އިމިގްރޭޝަނާއި އެހެން ބައެއް އިދާރާތަކަށް ސިޓީ ފޮނުވައިގެން މައުލޫމާތު އެއްކުރުމަށެވެ. އެ މަސައްކަތްތައް ކުރުމަށް ސަބްކޮމިޓީއެއް މިއަދު ނެގި އެވެ. އެ ކޮމިޓީގައި ހިމެނެނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އަދި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.