Roadha Mihaaru
ބަރުލަމާނީގެ ވާހަކަ އެބަދައްކާ، އެއީ ގޯހެއް: ގާސިމް

ބަރުލަމާނީ ނިޒާމުގެ ވާހަކަ އެބަދައްކާ، އެއީ ގޯހެއް: ގާސިމް

19 ނޮވެމްބަރ 2019

ރާއްޖޭގައި ވެރިކަން ކުރުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބަ ދައްކާ ކަމަށާއި އެއީ ގޯހެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ވެރިކަން ކުރުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބަ ދައްކާ ކަމަށާއި އެއީ ގޯހެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖޭޕީއާ އަލަށް ގުޅުނު މީހުންގެ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ "ކުޑަ ދަށުގައި" ދައްކަމުން ގެންދާ ކަމަށެވެ. އެއީ ބައެއްގެ ހިޔާލެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެއީ ވަރަށް ބޮޑު ގޯހެކެވެ.

ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ، ލިބޭނެ ދެރައާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، އެކަން ކޮށްފި ނަމަ ސީދާ ރައްޔިތުންގެ ވޯޓަކުން ވެރިމީހާ އައްޔަން ކުރުމުގެ ބާރު ގެއްލި ހުރިހާ ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވާނެ ކަމަށެވެ. އެހެންވެ، ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަކީ ކުރާވަރު ކަމެއް ނޫން ކަމަށެވެ. އޭރުން ވަޒީރުންނާއި ހުރިހާ ވެރިންނަކީ މަޖިލީހުގެ މެމްބަރުން ކަމަށާއި ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ އާބާދީ އެންމެ މަދު ވ. އަތޮޅުގެ ރަށަކުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ މެމްބަރު ވެސް ގައުމުގެ ވެރިއަކަށް އައުމުގެ ފުރުސަތު ބަރުލަމާނީ ނިޒާމުން ލިބޭ ކަމަށެވެ.

"ބަރުލަމާނީ އަށް ދަންޏާ ރައްޔިތުންގެ އަތުން ހުރިހާ ބާރެއް ގެއްލުނީ،" މަޖިލީހުގެ ރައީސްކަން ކުރިން ކުރައްވާފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.

"ކެބިނެޓަށް ވެސް ނުލެވޭނެ މަޖިލިސް މެމްބަރެއް ނޫނީ. އެ ހިސާބުން ކޮކްޓެއިލް އަކަށް އެވީ."

ގާސިމް ވިދާޅުވި ގޮތުގައި، އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގައި ބޮޑުވަޒީރުންތަކެއް އައްޔަން ކޮށްގެން އޭގެ ހިތި ނަތީޖާ ދިވެހިންނަށް ވަނީ ފެނިފަ އެވެ. އަދި އެއީ ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަމެއް ކަމަށް ވިދާޅުވެ ގާސިމް ވަނީ އެފަދަ ކަންކަން ނުކުރަން އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި އޭނާ ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ހުށަހަޅުއްވާނެ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރި މެޗު ބެއްލެވުމުގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރި މެޗު ބެއްލެވުމުގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެންމެ ބޮޑަށް ތާއީދު ކުރައްވާ އެއް ބޭފުޅަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިދިޔަ އޭޕްރީލް މަހު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއް ގައި ވެސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގައި މިހާރު ވެރިކަން ކުރާ ރިޔާސީ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށާއި އެކަމަކު ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. އެމަނިކުފާނު އެ ދުވަހު ވެސް ވިދާޅުވެފައި ވަނީ ރާއްޖެ އަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އެކަމަކު، ނަޝީދު ވިދާޅުވެފައި ވަނީ އެ ނިންމުން ނިންމަން ވާނީ އެމްޑީޕީގެ ކޮންގްރެސް އާއި ޕާޓީގެ އެކި ގޮފިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ ކުރުމަށް ފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ އެކު ކަމަށެވެ.

ޖޭޕީގެ މައި ހަރުގެ މ. ކުނޫޒްގައި އޮތް ޖަލްސާ ގައި ގާސިމް ވަނީ، ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމަށާއި އެ ބޭފުޅުންނަށް އެކިއެކި ފުރައްސާރަތައް ކުރުމަށް ކަންކަން ކުރަމުން ގެންދާ ކަމަށް ވިދާޅުވެ، އެ ކަންކަން މިރޭ ކުށްވެރި ކުރައްވައިފަ އެވެ. އަދި ސިޔާސީ ބޭނުމެއްގައި ވެސް މީހުންގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުގައި ފްރޭމް ކޮށް ނެހެދުމަށް ގޮވައިލެއްވި އެވެ.

ގާސިމްގެ އެޑްވައިޒަރަކަށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑުވިދާޅުވާއިރު، ކޯލިޝަން ޕާޓީތަކުން ވަނީ ކޯލިޝަން ޕާޓީއެއްގައި ހުރެ ޖަމީލް އެގޮތަށް އަމަލު ކުރައްވާތީ ފާޑު ކިޔައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން، ގާސިމް މިރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ޖަމީލް ހަރަކާތްތެރިވެ ކުރައްވާ މަސައްކަތްތަކަކީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކުރައްވާ ކަމަކަށް ވާތީ އެކަން ބަލައިގަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަމީލްގެ އެ މަސައްކަތާ ދެކޮޅު ހެއްދެވެން ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"މި ގޮތަށް މި ވާހަކަ ދެއްކުމަކީ ވެސް އަޅުގަނޑު ވަކިކޮޅަކަށް ޖެހުމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވަނީ ކޯލިޝަނުން އައިސްފައިވާ މިސަރުކާރަށް މިދިޔަ އާދިއްތަ ދުވަހު އަހަރެއް ވެފައިވާތީ އެ ކަމަށް ވެސް މަރުހަބާ ދަންނަވައިފަ އެވެ. އެހެން ކޯލިޝަން ސަރުކާރުތަކާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގާ ކޯލިޝަން ދަމަހައްޓަން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމަށް ވިދާޅުވެ ގާސިމް ޝުކުރު އަދާކުރެއްވި އެވެ. މީހުންގެ މެދުގައި ތަފާތުކޮށް އަނިޔާވެރިވާ ނަމަ އޭނާ ރައީސަށް އެގޮތަށް ތައުރީފް ނުކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ފިލްމީ ތަރި އިއްސެ ވެސް ވަނީ މިރޭ ޖޭޕީ އަށް ސޮއިކުރައްވާފައި.

ފިލްމީ ތަރި އިއްސެ ވެސް ވަނީ މިރޭ ޖޭޕީ އަށް ސޮއިކުރައްވާފައި.

ޖޭޕީގެ މިރޭގެ ޖަލްސާ ގައި، ފިލްމީ ތަރި އިސްލާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ގިނަ ބަޔަކު އެ ޕާޓީ އަށް ސޮއިކުރި އެވެ.

އެ ހަފްލާގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަދި ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހު ޖަމާލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މިއީ މި ފަހުން ޖޭޕީން ބޭއްވި ޖަލްސާއެއްގައި ސަރުކާރުގެ ކެބިނެޓުގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.