Roadha Mihaaru
އުންމީދުކުރަނީ ނިކަމެތިކޮށްނުލާނެ ކަމަށް: ގާސިމް

ދެ އެތި ފަހަރު ހިނގައްޖެ، ދެން އުންމީދުކުރަނީ ނިކަމެތިކޮށްނުލާނެ ކަމަށް: ގާސިމް

18 އޮކްޓޯބަރ 2019

ކުރީގެ ސަރުކާރުތަކުން ވަރަށް ދެރަ ގޮތްގޮތަށް އަމަލުކޮށްފައި ވިޔަސް، މި ސަރުކާރުން އޭނާ ނިކަމެތިކޮށްނުލާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ސަރުކާރުތަކުން ވަރަށް ދެރަ ގޮތްގޮތަށް އަމަލުކޮށްފައި ވިޔަސް، މި ސަރުކާރުން އޭނާ ނިކަމެތިކޮށްނުލާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

"އެންމެންގެ ޖުމްހޫރީ ޕާޓީ" ނަމުގައި ވީޓިވީން ގެނެސްދިން ޕްރޮގްރާމެއްގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މަސައްކަތްތައް ހަލުވިކަމާ އެކީގައި ފެށީ އާ ރޫހަކާ އެކީގައި ގައުމަށް އިތުރު ހިދުމަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްވެސް ބަޔަކާ ދިމާކޮށްލައި، ޒާތީވެ، ފިތުނަވެރިކަމެއް އޮވެގެން ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެކަމަކު، ގާސިމް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުތަކުން އޭނާއާ މެދުގައި އަމަލުކުރީ ވަރަށް ދެރަކޮށެވެ. އެކަމަކު، މި ސަރުކާރުގައި އެކަހަލަ ކަމެއް ދިމާނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު، އެމަނިކުފާނު ރައީސް ކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ގާސިމެވެ. ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީ އެންމެ ފުރަތަމަ ހަވާލު ކުރެއްވީ ވެސް ގާސިމަށެވެ. އެކަމަކު، ކުރިމަތިވެވަޑައިގަތް ފިއްތުންތަކުގެ ސަބަބުން، ނަޝީދުގެ ވެރިކަމަށް 21 ވަނަ ދުވަހު، ގާސިމް މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން، ގާސިމް މަސައްކަތްކުރެއްވީ އޭރުގެ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށެވެ.

އެމްޑީޕީގެ ވެރިކަމަށް ފަހު 2013ގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވީ ވެސް ގާސިމްގެ ތާއީދާ އެކުގަ އެވެ. އޭގެ ފަހުން، ޔާމީނާއި ގާސިމާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ގާސިމް ވަނީ ސަރުކާރާ ފެޔަށް ޖެހިވަޑައިގެންފަ އެވެ. ރިޝްވަތުގެ ކުށުން ކުށްވެރިވެ، ގާސިމަށް ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ ވެސް ޔާމީންގެ ވެރިކަމުގަ އެވެ.

"މުސްކުޅިން ބުނެ އުޅޭ ތިނެތިން އެކަތި އޮވެއޭ ރާވެރިއެއްގެ ދަރިއަކަށް. ކުރީގައި ދެ އެތި ފަހަރު ހިނގައްޖެ. އެކަމަކު މިފަހަރު އެކަހަލަ ނިކަމެތި ކަމެއް (ނުލިބޭނެ). ރާވެރިއެއްގެ ދަރިއަކަށް (ތިނެތިން އެކަތި) އޮންނަ ނަމަ، މި ފަހަރު ސަލާމަތް ވާނެތާ،" މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކުގައި ކަންކަން ކުރައްވާ ބޭފުޅެކެވެ. އެހެންވެ، ޖުމްހޫރީ ޕާޓީ އާއި ރައްޔިތުންނާ ދޭތެރޭ މި ސަރުކާރުން މާ ރަނގަޅުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ޖުމްހޫރީ ޕާޓީ ބޮޑުކުރުމަކީ ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.