Roadha Mihaaru
ހަރުކަށި އަމަލުތަކުގެ ކުއްލި މައްސަލައެއް މަޖިލީހަށް

ހަރުކަށި އަމަލުތަކުގެ ކުއްލި މައްސަލައެއް މަޖިލީހަށް

25 ނޮވެމްބަރ 2019

ރާއްޖެ "ހަނގުރާމައިގެ ތުންފަތްމައްޗަށް" ފުރޮޅިފައިވާ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެ، ދީނީ ހަރުކަށި އަމަލުތަކާ ބެހޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ "ހަނގުރާމައިގެ ތުންފަތްމައްޗަށް" ފުރޮޅިފައިވާ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެ، ދީނީ ހަރުކަށި އަމަލުތަކާ ބެހޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ފާހަގަ ކުރެއްވި ދެ ކަމަކީ ށ. މާއުނގޫދު އަށް ބަޔަކު އަރައި، އެ ރަށުގެ އެކި ތަންތަނުގައި އައިސިސްގެ ދިދަ ކުރެހި މައްސަލައަކާއި ދީނީ ހަރުކަށި ފިކުރުގެ މީހުން ކުޑަ އަންހެން ކުދިންނާ "ޖިންސީ ގޮތުން ގުޅުން އުފައްދާ" އެ ކުދިން ނުރައްކަލަކަށް ވައްދާ މައްސަލަ އެވެ.

ކުއްލި މައްސަލަ 41 މެމްބަރުންގެ އިއްތިފާގުން މަޖިލިހަށް ބަލައިގަނެ ވަނީ ބަހުސް ފަށައިފަ އެވެ.

އަނދުން ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ މާއުނގޫދޫ އަށް އަރައި "ފަތަހަ" ކުރުމުގެ އަމަލުތައް ހިންގީ މީހުން މަރާ އެހެނިހެން ޖަރީމާތައް ހިންގާ ސެލްއެއް ކަމަށް ބެލެވޭ ބަޔަކު ކަމަށެވެ.

ރަށުގެ އެކި ތަންތަނުގައި އައިސިސްގެ ދިދަ ކުރެހި މައްސަލައިގައި ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އަނދުން ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެ އެވެ. މާއުނގޫދޫގައި ހިނގައިދިޔަ ކަންކަމާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.

މީގެއިތުރުން ކުޑަކުދިންނަކީ އާއިލާ އާއި ދައުލަތުގެ ހާއްސަ ރައްކާތެރިކަމެއް ލިބިދޭން ޖެހޭ ބަޔަކު ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނެފައިވިޔަސް ކުޑަކުދިންގެ ފަރާތުން ނާޖައިޒު މަންފާ ނަގައި އެ ކުދިންނާ ޖިންސީ ގުޅުން އުފައްދާ އެ ކުދިން ނުރައްކަލުގެ ތެރެއަށް ގެންދިއުމުގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.

އެގޮތުން ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ތެރެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ވެފައިވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު، ވެސް އެ ކުއްޖާ އުޅެނީ އެ މީހުންގެ ތެރޭގައި ކަމަށް އެ މައްސަލައިގައިވެ އެވެ.

ކުއްލި މައްސަލައިގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، މިފަދަ ނުރައްކާތެރި ކަންކަމުގައި ޝާމިލްވާ މީހުންނާއި އިހުމާލުވާ މީހުންނާ މެދުގައި މިހާރުން މިހާރަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.