Roadha Mihaaru
ބާރަށް ދުއްވާ އުޅަނދު ބޮޑު އަދަދަކުން ޖޫރިމަނާ ކުރަނީ

ބާރަށް ދުއްވާ އުޅަނދުތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަނީ

27 ނޮވެމްބަރ 2019

ނުރައްކާތެރިކޮށް ނުވަތަ ބާރަށް އުޅަނދުތައް ދުއްވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނުރައްކާތެރިކޮށް ނުވަތަ ބާރަށް އުޅަނދުތައް ދުއްވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އުޅަނދު ދުއްވި މީހާގެ އަދަބަކީ ފުރަތަމަ ފަހަރަށް 500ރ. އިން ޖޫރިމަނާ ކުރުން، ދެ ވަނަ ފަހަރަށް ނަމަ 750ރ. އަދި ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000ރ. އިން ޖޫރިމަނާ ކުރުމެވެ.

އެކަމަކު، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެއްގަމު އުޅަނދު ދުއްވުމަށް ބިލާއި ބިލުގެ ދަށުން ހަދާ ގަވައިދަކުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

އެފަދަ ކަމެއް ކުރި މީހެއްގެ އަދަބަކީ ފުރަތަމަ ފަހަރު ނަމަ، 1،000ރ. އިން ޖޫރިމަނާ ކުރުން ކަމަށް ބިލްގައި ވެ އެވެ. އަދި ދެ ވަނަ ފަހަރަށް ނަމަ، 1،500ރ. އަދި ދެ ފަހަރަށް ވުރެ ގިނަ ފަހަރަށް ނަމަ، އިތުރުވާ ކޮންމެ ފަހަރަކު 2،000ރ. އިން ޖޫރިމަނާ ކުރުމާ އެކު، އެ މީހަކު ދުއްވި އުޅަނދެއް 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް ބިލްގައިވެ އެވެ.

ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޒާމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައި އަދި ބޭނުން ކުރުމުގައި ހިނގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި މަގުތަކަކީ ރައްކާތެރި ތަންތަން ކަމަށް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި އެ ގާނޫނު ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

ބިލްގައިވާ ގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީ އަށް ލަފާ ދިނުމަށް "ރޯޑް ސޭފްޓީ" ކައުންސިލްގެ ނަމުގައި ކައުންސިލެއް އެކުލަވައިލާނެ އެވެ. އެ ކައުންސިލްގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި އެޓާނީ ޖެނެރަލް އޮފީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ ފަދަ ތަންތަނުގެ ފަރާތުން މެމްބަރުން ތިބެން ޖެހެ އެވެ.

ބިލްގައި ބުނެފައިވާ އެހެން ބައެއް ޖޫރިމަނާތަކުގެ ތެރޭގައި އެއްކޮޅަށް ދުއްވަން ކަނޑައަޅާފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުމާއި ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކުރި މީހެއްގެ އަދަބަކީ ފުރަތަމަ ފަހަރުން ނަމަ، 500ރ. އިން ޖޫރިމަނާ ކުރުމެވެ. އަދި ދެ ވަނަ ފަހަރު ނަމަ، 1،000ރ. އަދި އިތުރުވާ ކޮންމެ ފަހަރަކަށް 1،500ރ. އިން ޖޫރިމަނާ ކުރުން ކަމަށް ބިލްގައިވެ އެވެ.

ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދެއްގައި ބިލްގެ ދަށުން ހަދާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ޕާކިން ވަޔަލޭޝަން ސްޓިކަ ޖެހުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ވެ އެވެ. އަދި ޕާކިން ވަޔަލޭޝަން ސްޓިކަ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.

ބިލްގައި، ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތަކާއި ލައިސަންސް ނެތި ދުއްވާ އުޅަނދުތަކުގެ އިތުރުން ރަޖިސްޓަރީ ނަމްބަރު ނުވަތަ އިންޖީނު ނަމްބަރު ފަދަ މައުލޫމާތު އޮޅުވާލައިގެން ދުއްވާ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަންޖެހޭ ގޮތަށް ވަނީ ހިމަނައިފަ އެވެ.