Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޖޫރިމަނާ ކޮށްކޮށް ނުހުއްޓުވުނު! ލާންވީ ޖަލަށް!

ޖޫރިމަނާ ކޮށްކޮށް ނުހުއްޓުވުނު! ލާންވީ ޖަލަށް!

29 ނޮވެމްބަރ 2019

"ފޮނި ބޮޑު" ދުވެލިން އެތައް ބައެއްގެ ފުރާނަ ދުއްވާލައިފި އެވެ. އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ވައްޓާލައިފި އެވެ. އެކުށް ކުރި މީހުން ތިބީ މިނިވަންކަން މަތީ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާލަ ދުއްވާލަ އެވެ. އެކަން އާންމުވެ މަގުތައް ނުރައްކާތެރި ތަނަކަށް ވީއިރު ވެސް އެކަން ހުއްޓުވިފައެއް ނުވެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

"ފޮނި ބޮޑު" ދުވެލިން އެތައް ބައެއްގެ ފުރާނަ ދުއްވާލައިފި އެވެ. އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ވައްޓާލައިފި އެވެ. އެކުށް ކުރި މީހުން ތިބީ މިނިވަންކަން މަތީ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާލަ ދުއްވާލަ އެވެ. އެކަން އާންމުވެ މަގުތައް ނުރައްކާތެރި ތަނަކަށް ވީއިރު ވެސް އެކަން ހުއްޓުވިފައެއް ނުވެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 2،154 އެކްސިޑެންޓެއް ވަނީ ހިނގާފަ އެވެ. މިދިޔަ އަހަރު ހިނގީ 2،007 އެކްސިޑެންޓެވެ. މި އަހަރު އަދި އެއް މަސް ކުރިއަށް އެބަ އޮތެވެ.

އެކްސިޑެންޓްތަކުގައި ބާރަށް ދުއްވައިގެން ފިޔަވަޅު އެޅީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ފުލުހުން އެންމެ ގިނައިން ފިޔަވަޅުއަޅަނީ ގަވައިދާ ހިލާފަށް ޕާކްކުރާ މީހުންނަށެވެ. ވެހިކަލްތަކުގައި ސްޓިކާ ޖެހުން ވަރަށް އާންމެވެ. ޓްރެފިކް މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި ފުލުހުން އިސްކަންދެނީ ސްޓިކާ ޖަހައި ދައުލަތަށް ފައިސާ ހޯދަން ކަމަށް ބުނެ ފާޑުކިއުން ބޮޑުވަނީ އެހެންވެ އެވެ.

ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއް: ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ -- ފޮޓޯ: މިހާރު

ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއް: ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ -- ފޮޓޯ: މިހާރު

ބާރަށް ވެހިކަލް ދުއްވާ މީހުންނަށް ދޭ އަދަބު ބޮޑުކުރަން ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. ނަމަވެސް އަލަށް ކަނޑައަޅަނީ އެކަށީގެންވާ އަދަބުތަކެއްތޯ ބައެއް މީހުން ސުވާލުކުރެ އެވެ.

އަމަލްކުރާ ގޮތާއި ގެންނަން އުޅޭ ބަދަލު

މިހާރު އަމަލު ކުރާ އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނު ބުނާ ގޮތުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް ދުއްވާ މީހުން ފުރަތަމަ ފަހަރަށް 500ރ. އިން ޖޫރިމަނާކުރެވެ އެވެ. ދެ ވަނަ ފަހަރަށް ނަމަ 750ރ. އަދި ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000ރ. އަށް ޖޫރިމަނާ ބޮޑުވެ އެވެ.

މީގެ އިތުރުން މިހާރުގެ ގާނޫނުގައި ބާރަށް ދުއްވައިގެން ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުން ލިބިއްޖެ ނަމަ އިސްލާމީ ޝަރީއަތުން ކަނޑައަޅާ އަދަބު ލިބެ އެވެ. އަދި 10 އަހަރު ދުވަހަށް ލައިސަންސް ވެސް ހިފެހެއްޓެ އެވެ.

އޭގެ އިތުރުން އެކި ހާލަތްތަކުގައި އެކި މުއްދަތަށް ލައިންސް ހިފެހެއްޓުމުގެ ބާރު މިހާރުގެ ގާނޫނުން ލިބިދެ އެވެ.

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އެ އަދަބުތައް ވަނީ ބޮޑުކޮށްފަ އެވެ. އާ ބިލްގައި ބުނާ ގޮތުން އެފަދަ ކަމެއް ކުރި މީހެއްގެ އަދަބަކީ ފުރަތަމަ ފަހަރު ނަމަ، 1،000ރ. އިން ޖޫރިމަނާ ކުރުމެވެ. ދެ ވަނަ ފަހަރު، 1،500ރ. އަދި އެއަށް ވުރެ ގިނަވާ ކޮންމެ ފަހަރަކު 2،000ރ. އިން ޖޫރިމަނާކުރެވެ އެވެ. ދެން ކަނޑައަޅާފައިވާ އަދަބަކީ ބާރަށް ދުއްވި އުޅަނދެއް 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމެވެ.

ނަމަވެސް ޖޫރިމަނާ އާއި ވަކި މުއްދަތަކަށް އުޅަނދު ހިފެހެއްޓުމަކުން، ކުރިމަތިވާ ނުރައްކަލާ އަޅާބަލާ އިރު ކުޑަ ކަމަށް ބައެއް މީހުން ދެކެ އެވެ.

ދޭންވީ ޖަލު އަދަބު!

ބާރު ސުޕީޑުގައި ދުއްވައިގެން މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބާރަށް ސައިކަލް ދުއްވާ މީހުންނެވެ. ބާރަށް ދުއްވައިގެން ވާ އެކްސިޑެންޓްތަކުގައި އެހެން މީހުންގެ ފުރާނަ ގެއްލި އަދި ބޮޑެތި އަނިޔާތައް ލިބޭ އިރު، ޖޫރިމަނާއަކުން ފުދޭތޯ ސުވާލުކުރަނީ، އާންމުންގެ ކަންބޮޑުވުން ހުރުމުންނެވެ.

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ކުރެއްވީ ސުވާލެކެވެ. ނުރައްކާތެރި ދުއްވުންތައް ނުހުއްޓިގެން އުޅެނީ ޖޫރިމަނާ ނުކުރާތީތޯ؟ ނުވަތަ ޖިނާއީ ދައުވާ ނުކުރާތީތޯ އެވެ؟ އެ މައްސަލަތައް ނުހުއްޓުވެނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ޖިނާއީ ދައުވާކޮށް ޖަލަށް ނުލާތީ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޓްރެފިކް މައްސަލަތަކަށް ސަރުކާރުން އަޅައެއްނުލަ އެވެ. ނުރައްކާތެރިކޮށް ދުއްވާ މީހުން ހުއްޓުވޭނީ ޖޫރިމަނާއިން ނޫން ކަމަށާއި އެކަން ކުރެވޭނީ ޖަލުގެ އަދަބު ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވުމަކީ އެއީ ސަމާސާ ކަމެއް ނޫން. ޖަލަށް ލާން ޖެހޭ ކަމެއް އެއީ،" ތަޖުރިބާކާރު ވަކީލް ވިދާޅުވި އެވެ.

ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރަކުން ޖެހި ގެއެއްގެ ފާރު ވެއްޓިފައި: ބާރަށް ދުއްވާ މީހުންނާ ދެކޮޅަށް މާ ބޮޑު ފިޔަވަޅެއް ނޭޅޭ

ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރަކުން ޖެހި ގެއެއްގެ ފާރު ވެއްޓިފައި: ބާރަށް ދުއްވާ މީހުންނާ ދެކޮޅަށް މާ ބޮޑު ފިޔަވަޅެއް ނޭޅޭ

މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާ މީހުން، އެހެން ގައުމުތަކުގައި ޖަލަށް ލަ އެވެ. އެއީ އެތައް ބައެއްގެ ރައްކަލަކަށް ގެންގުޅޭ އުސޫލެކެވެ.

ބާރަށް ދުއްވާ މީހުންނަށް އަލަށް ކަނޑައަޅާ ޖޫރިމަނާގެ އަދަދުތަކާ މެދު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާ ބިލުގައި ކަނޑައަޅާފައިވާ އަދަދުތަކަށް ވުރެ ބާރު ސްޕީޑުގައި ދުއްވައިގެން ދޭން ޖެހޭ އަދަބު ބޮޑުވާން ޖެހެ އެވެ.

"ބާރަށް އަދި ނުރައްކާތެރިކޮށް ދުއްވައިގެން މީހުންގެ ފުރާނަ ގެއްލި އަދި ނުކުޅެދޭ މީހުންނަށް ވެފައިވާއިރު މިކަން ހުއްޓުވަން މިއަށް ވުރެ ހަރުކަށިވާން ޖެހޭ ކަމަށް ދެކެން،" ޒުވާނުންގެ މިނިސްޓަރު ވިދާޅުވި އެވެ.

"މަގުމަތީ ބާރަށް ދުއްވުން ހުއްޓުވަން ޖެހޭ."

އަނެއްކާވެސް އާ އުސޫލެއް ހަދާއިރު އެ ވާން ޖެހޭނީ މިހާރު ކުރިމަތިވެގެން އުޅޭ މައްސަލަ ހުއްޓުވޭނެ ފަދަ އެއްޗަކަށެވެ. ކިތަންމެ ވަރަކަށް ވެސް ޖޫރިމަނާ ކުރެވިދާނެ އެވެ. އެކަމަކު ބާރަށް ދުއްވުން ހުއްޓުނު ތަނެއް ނުފެނެ އެވެ. އެހެންކަމުން ދެން ތަޖުރިބާކުރަން އޮތީ ޖަލަށް ލުން ފަދަ އަދަބެކެވެ. އޭރުން އެއީ ސަމާސާ ކަމަކަށް ނުބަލާނެ އެވެ.