Roadha Mihaaru
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު

ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރުކޮށްފި

13 ސެޕްޓެމްބަރ 2024

ލައިސަންސް ނެތި ކާރު ދުއްވަނިކޮށް، ހިފެހެއްޓެމުން ފުލުހުންނަށް ފިލަން އުޅުނު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ލައިސަންސް ނެތި ކާރު ދުއްވަނިކޮށް، ހިފެހެއްޓެމުން ފުލުހުންނަށް ފިލަން އުޅުނު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭގައި ރޭ ދަންވަރު ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ޗެކްޕޮއިންޓަކަށް މަޑުކުރުމަށް އެންގުމުން އެ އެންގުމަށް ތަބާނުވެ ފިލަން އުޅުމުން ހައްޔަރުކުރީ ރ. އަލިފުށި، ސިތުރާ، ހަސަން ސައީދު، 38 އެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލޭގައި ރޭ ދަންވަރު ބާރު ސްޕީޑްގައި ދުއްވި ކާރެއް ހިފެހެއްޓިއިރު، އެއީ ސީ ޒޯނަށް ރަޖިސްޓަރީ ކޮށްފައިވާ ކާރެކެވެ. އެ ކާރު ދުއްވަން އިން ހަސަން ސައީދުގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ލައިސަންސް ނެތި ކާރު ދުއްވުމާއި ސައްހަ ނޫން ނަންބަރު ޕްލޭޓެއް ކާރުގައި ހަރުކޮށްފައިވާތީ، ކާރު ޓޯކުރަން ފުލުހުން މަސައްކަތް ކުރުމުން އެކަމަށް އެއްބާރުލުން ނުދޭން ހަސަން ސައީދު މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ.

ކާރުން ނުފައިބާނެ ކަމަށް ބުނެ ކާރު ތަޅުލައި ފުލުހުންގެ ދައުރު އަދާކުރުމަށް އޭނާ ހުރަސް އަޅައި ފިލަން މަސައްކަތް ކުރި ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވެ އެވެ.

ބާރު ސްޕީޑްގައި ދުއްވި ކާރެއްގައި ޖެހި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި ހާދިސާއަށް ފަހު ފުލުހުން ގެންދަނީ ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވަން ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ޓްރެފިކް ފުލުހުން ކުރިއަށް ވުރެ ގިނައިން މާލެ އާއި ހުޅުމާލޭގައި މިހާރު ހަރަކާތްތެރިވެ، އުޅަނދުތައް ޗެކްކުރެ އެވެ.