Roadha Mihaaru
މެޑިކަލް ޓެސްޓްތަކަށް ފަހު ޔާމީން މާފުށީ ޖަލަށް

މެޑިކަލް ޓެސްޓްތަކަށް ފަހު ޔާމީން މާފުށީ ޖަލަށް

30 ނޮވެމްބަރ 2019

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފަ އެވެ.

އެ ހުކުމަށް ފަހު ޔާމީން އެންމެ ފުރަތަމަ ގެންދިޔައީ މާލެ ޖަލަށެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ މެޑިކަލް އެސެސްމަންޓް އަދި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް ނިންމުމަށް ފަހު، ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޔާމީން މާލެ ޖަލުގައި ބަހައްޓާފައި ހުރީ ޖަލު ހުކުމް ތަންފީޒުކުރަން ފަށާއިރު ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހަދަން ކަމަށް ވިޔަސް އެ ޖަލުގެ ހާލަތު ދަށް ކަމަށް ބުނެ ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ޔާމީނަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ވަނީ މާލެ ޖަލު ކައިރިއަށް އެއްވެ އަޑު ވެސް އުފުލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޔާމީން ހުންނެވީ ހަތަރު ފޫޓު/ ހަ ފޫޓު ގޮޅިއެއްގަ އެވެ. އެއީ މާލެ ޖަލުގައި ހުންނަ އެންމެ އުނދަގޫ ގޮޅި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ފާހަނާ ތަށި ފްލަޝް ނުކުރެވޭ އިރު، ޔާމީން އޮށޯވެގެން އޮންނަވަނީ ހަމަ އިސްކޮޅު ނުލިބޭ ތަނެއްގައި ކަމަށް އެމީހުން ބުނެ އެވެ.

ޔާމީން މާފުށީ ޖަލަށް ބަދަލު ކުރަނީ ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ގެކޮޅުގައި ހުންނެވޭނެ ގޮތް ހައްދަވައި ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގެންފައި ވަނިކޮށެވެ.