Roadha Mihaaru
ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި

ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި

20 ފެބުރުއަރީ 2019

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އައިޖީއެމްއެޗްގައި މިރޭ އެޑްމިޓްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އައިޖީއެމްއެޗްގައި މިރޭ އެޑްމިޓްކޮށްފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑޮކްޓަރުގެ ލަފަޔާ ގުޅިގެން ޔާމީން 24 ގަޑިއިރަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު އެޑްމިޓްކުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކަމަށް ވާތީ ތަފްސީލެއް އައިޖީއެމްއެޗުން ނުދެ އެވެ.

ޔާމީން އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހަވީރެވެ. އެމަނިކުފާނަށް ފަރުވާ ދެއްވީ ހިތުގެ ބަލިތަކާ ގުޅޭ ޑޮކްޓަރުންނެވެ.

ޔާމީންގެ މައްޗަށް ދައުވާކުރި މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.

ޔާމީން މިއަދު ހަވީރު މާލެ ގެނައުމުން، ކަރެކްޝަންސްގެ އޮފިޝަލަކާ އެކު ޕޮލިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޔާމީން މިއަދު ހަވީރު މާލެ ގެނައުމުން، ކަރެކްޝަންސްގެ އޮފިޝަލަކާ އެކު ޕޮލިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކް ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.

އެ، އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ. އެކަމަކު އެއާޚިލާފަށް އަމަލުކުރައްވައި، ދައުލަތުގެ އިދާރާތަކަށް ވެސް ދޮގު މައުލޫމާތު ދެއްވައި، އިސްލާމިކް ބޭންކުގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުން މަނީ ލޯންޑަރިން ހިންގެވި ކަމަށް ފުލުހުން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފަ އެވެ.

އެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ. އެއީ، ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ. ކޮޓަރީގައި އޭސީ އާއި އެނދާއި މަޑުގޮދަނޑި އަދި އަލަމާރި ވެސް ހުރެ އެވެ. އައިސްއަލަމާރި އާއި އެއްޗެހި ދޮންނަ އޮޓޯ މެޝިން ވެސް ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.

އެހެން ކުށްވެރިންނާ ޚިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ބައިތިއްބާ ބޭފުޅުންނަށް ހާއްސަ ކެއުންތައް ލިބެ އެވެ. އަދި ކަސްރަތު ކުރުމަށް ނުކުމެ އުޅުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި އޮވެ އެވެ.

އެ ގޮޅިތަކުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން ގާތުން ބަލަމުން އަންނައިރު ކިޔާނެ ފޮތްތަކާއި ނޫސް އެ ގޮޅިތަކުގައި ލިބެން ހުރެ އެވެ.