01 ޑިސެމްބަރ 2019
"އަޅުގަނޑު މިތާ ނެތުމަކުން، އަޅުގަނޑުމެންގެ ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސާވާރުވިޔަ ނުދެއްވައްޗޭ،"
"އަޅުގަނޑު މިތާ ނެތުމަކުން، އަޅުގަނޑުމެންގެ ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސާވާރުވިޔަ ނުދެއްވައްޗޭ،"
މިއީ، މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން އިއްވި ހުކުމުގެ ކުރިން ޕާޓީގެ ލީޑަޝިޕާއި ސަޕޯޓަރުންނަށް އެމަނިކުފާނު ކުރެއްވި ވަސިއްޔަތެވެ. ޕާޓީއާ ދުވަސްކޮޅަކަށް އެމަނިކުފާނު ދުރުގައި ހުންނެވިއަސް ލީޑަޝިޕާ އެކު ޕާޓީގެ ހަރަކާތްތަކުގައި ދެމިތިބުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގަތީ، "މިނިކާ ބާޒުތަކު"ގެ ވާހަކަފުޅަށް ފަހު އެވެ.
އެ ވާހަކަފުޅުގައި، ޔާމީން އިޝާރާތް ކުރެއްވި "މިނިކާ ބާޒުތަކަކާ" މެދު ޕާޓީގެ ސަޕޯޓަރުން ވެސް ތިބީ ސުވާލު އުފެދިފަ އެވެ. އެއް ބައެއްގެ ވިސްނުމުގައި އެ ވާހަކަފުޅު ނިސްބަތްވަނީ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ. ޕީޕީއެމް ހިންގުމުގެ މައްސަލައިގައި ދެ ބޭފުޅުންގެ ދެމެދުގައި އޮތީ ބޮޑު "ހަނގުރާމައެއް" ހިނގައިފަ އެވެ. އެންމެ ފަހުން މައުމޫން، އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީކުރެއްވީ އެވެ.
"މިނިކާ ބާޒުތަކު"ގެ ލިސްޓްގައި، މައުމޫނާ އެކު، ޕީޕީއެމްގެ ލީޑަޝިޕަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ނަން ވެސް، ބައެއް މީހުން ހިމެނި އެވެ.
އެކަމަކު، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި، ޔާމީން އެ ވިދާޅުވީ އެއިން އެއްވެސް ބޭފުޅެއްގެ ވާހަކައެއް ނޫނެވެ.
ޕީޕީއެމްގެ އިސް ބޭފުޅުންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ރައީސް ޔާމީން އިޝާރާތް ކުރެއްވި ބާޒަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ތުހުމަތަކީ މިއެވެ: ޔާމީން ޖަލަށް ލުމާ އެކު ޕީޕީއެމާ ގާތްވެ، ޕާޓީ ހިންގުމުގައި، ގާސިމް ބަސްވިދާޅުވާން ފައްޓަވާނެ އެވެ. އޭނާގެ ވިސްނެވުމާ އެއްގޮތަށް ޕާޓީ ހިންގަވަން ފައްޓަވައި، އަމާޒަކީ ޖުމްހޫރީ ޕާޓީގެ ކޯލިޝަން ބޮޑުކޮށް، ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ވެވަޑައިގަތުމެވެ. އިންތިޚާބަށް، ހަތަރު އަހަރު އޮއްވައި ގާސިމް މިހާރު ވެސް ވަނީ ކެމްޕޭން ފައްޓަވައިފަ އެވެ. ޕާޓީއަށް މެމްބަރުން އިތުރުކުރުމަކީ، އެ ކެމްޕޭންގެ ތެރެއިން ހިނގާ ހަރަކާތެކެވެ.
ގާސިމް، ޕީޕީއެމަށް އަތްގަދަކުރައްވަފާނެ ކަމުގެ ބިރު، ޔާމީނާއި ޕީޕީއެމަށް ކުރިމަތިވި ސަބަބެއް ވެސް އެބަ އޮތެވެ. އެއީ، ޕީޕީއެމްގައި ތިއްބެވި އިސް ބޭފުޅުންތަކެއް ޖޭޕީ އަށް ސޮއިކުރައްވައި، ގާސިމާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވުމެވެ. އެ ބޭފުޅުން ގާސިމްގެ ކޮޅަށް އެނބުރުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދެ ޕާޓީ ގުޅިގެން ކާމިޔާބުކުރަން ކުރެއްވި މަޝްވަރާތަކުގެ ތެރޭގަ އެވެ.
ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވެސް ގާސިމް "ލަނޑުދިނީ" އެވެ. ޔާމީނަށް ހުކުމް އިއްވުމާ އެކު މި ތުހުމަތުތަކުގެ އަޑު އިތުރަށް ގަދަވެއްޖެ އެވެ.
ޔާމީން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުންނާ އެކު. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާމީނަށް ޖަލު ހުކުމެއް އިއްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ގާސިމް އަޑީގައި ހުންނަވައިގެންނެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޔާމީނާ މެދު ހަމްދަރުދީ އޮތް ކަން ގާސިމް ދެއްކެވި ނަމަވެސް ފޮރުވިފައި ވަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. ގާސިމްގެ ވިސްނުމުގައި ހުރީ، ޕީޕީއެމް ބޭނުންކުރައްވައި، ސިޔާސީ ފައިދާ ނެންގެވުން ކަމަށް ވަރަށް މުއުތަބަރުކޮށް ޕާޓީ އަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ހެއްކަކަށް ދެއްކެވީ މަޖިލީސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ގާސިމް ހެއްދެވި ގޮތެވެ. ގާސިމް މިހާރު ވެސް ކުރިއަށް ވަޑައިގަންނަނީ އެ މަގުން ކަމަށާއި އެކަމަކު ޕީޕީއެމާ ގާތްވެވަޑައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރާޑަރަކަށް ނާރާ، ރައީސް މައުމޫން. މީގެ ކުރިން ކަންކަން ތަޖުރިބާކުރެވިފައިވާ ގޮތަށް ބަލާއިރު، އަޅުގަނޑުމެންނަށް މާނަކުރެވެނީ ގާސިމްގެ ވާހަކަ ކަމަށް ރައީސް ޔާމީން އެ ވިދާޅުވަނީ،" ޝިޔާމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުރާސްފަތިދުވަހު ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ދެ ޕާޓީ އެކުގައި ކުރި މަސައްކަތުން ބައެއް ބޭފުޅުންނަށް މަޖުބޫރުވެވަޑައިގެން ގާސިމްގެ އަރިހަށް ވަޑައިގަތަސް ޕީޕީއެމުން އެފަދަ ކޯލިޝަނަކަށް ދިއުމުގެ ވިސްނުމެއް ނެތެވެ.
ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި، ޔާމީނަށް އިއްވީ ޣައިރު ގާނޫނީ ހުކުމެކެވެ. ބޭނުމަކީ ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ދުއްވާލުމެވެ. އެ ހުކުމް، މިހާރު ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.
އިސްތިއުނާފްގެ މަރުހަލާ ނުފޫޒެއް ނެތި ކުރިއަށް ގެންގޮސްފި ނަމަ، ޔާމީން މިނިވަންވާނެ ކަމުގެ އުއްމީދު ޕީޕީއެމަށް އޮތް ކަމަށް، ޕާޓީގެ އިސް ވެރިން ވިދާޅުވެ އެވެ. މިވަގުތު ޕާޓީގެ މުޅި އަމާޒު ހުރީ އެމަނިކުފާނު މިނިވަންކުރުމަށެވެ.
ޔާމީނަށް ޖަލު ހުކުމެއް އަތުވެއްޖެ ނަަމަ، ޕީޕީއެމް ހިންގުމުގެ ޝައުގުވެރިކަމުގައި ތިއްބެވި ބޭފުޅުން ގިނަ އެވެ. އެ ބޭފުޅުންނަށް ނިސްބަތްކުރައްވައި ޔާމީން ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ. ޕާޓީއާ އެކު މަސައްކަތް ކުރައްވަން ޖެހޭނީ އަމިއްލަ އެދުމުގައެއް ނޫނެވެ. މިވަގުތު ޕާޓީއާ އެކު ނެތް ބަޔަކު މާ ފަހުން ގުޅިވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ޝިޔާމް ވެސް ދެއްވީ މި މެސެޖެވެ.
"ފަސް އަހަރުގެ ދެ ދައުރު ރައީސް ޔާމީނަށް ލިބެން ޖެހޭނެ ކަމަށް ޕާޓީގައި މިވަގުތު އިސްކޮށް ތިއްބެވި ބޭފުޅުންނާއި އާއްމު މެމްބަރުން ގަބޫލުކުރޭ. ދުރުގައި ތިއްބެވުމަށް ފަހު، މި ވިސްނުމާ ދެކޮޅަށް، ޕާޓީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަކީ އިޚްލާސްތެރިކަމެއް ނެތުން،" ޝިޔާމް ވިދާޅުވި އެވެ.
އިދިކޮޅު ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހިންގަވަން ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ޑރ. ޖަމީލާއި އުމަރު ހިމެނިވަޑައިގަންނަވަ އެވެ. މީގެތެރެއިން ޖަމީލް ވަނީ، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޕާޓީ އަށް އެންމެ ބޭނުންވި ވަގުތު، އަމިއްލަ އަށް އިސް ނަންގަވައި މަސައްކަތްތަކެއް ކުރައްވައިފަ އެވެ. މި ލިސްޓަށް އުމަރުގެ ނަމެއް ނުގެނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ހުކުމާ އެކު ގާނޫނީ ފުރުސަތު ބަންދުވެފައި ވީ ނަމަވެސް 2023 ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ކައުންސިލުން ވަނީ ފާސްކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޔާމީން ޖަލަށް ހުކުމް އިއްވުމުން އެމަނިކުފާނާއި ޕީޕީއެމަށް ހަމްދަރުދީ ފާޅުކުރައްވައި އުމަރު ދައްކަވާ ވާހަކަތަކާ މެދު ސަމާލުކަން ނުދޭ ސަބަބަކީ ވެސް އއީ ކަމަށް ވެދާނެ އެވެ.
"ރައީސް ޔާމީނާއި ޕާޓީ އަށް ވެސް އެންމެ އުނދަގޫވި ހާލަތުގައި، ޑރ. ޖަމީލް ވަޑައިގެން މަސައްކަތްތަކެއް ކުރައްވަން ފެއްޓެވީ. އެއާ ޚިލާފަށް މާ ދުރުގައި ތިއްބެވުމަށް ފަހު، ހެޔޮ ނިޔަތެއް ނެތި ވަޑައިގަންނަވާ ބޭފުޅުންނަށް ފުރުސަތެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޅި ޕީޕީއެމްގެ އަމާޒަކީ ރައީސް ޔާމީން މިނިވަންކުރުމެވެ. މި މަސައްކަތް ފެށީ، 2023 ގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދޭން ކައުންސިލުން ފާސްކޮށްގެންނެވެ. ވެރިކަމަށް ކުރިމަތިލެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވި ކަން އަދި ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ގެއްލިފައިވާ ކަމަކަށް ވެސް ޕީޕީއެމުން ގަބޫލެއް ނުކުރެ އެވެ.
ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން އެނބުރިވަޑައިގަންނަވަންދެން ވެސް ޕާޓީ އޮންނާނީ ބަދަހިކޮށް ކަމަށެވެ. "މިނިކާ ބާޒުތަކަށް" ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ޔާމީންގެ ދައުވާ މުރާޖައާކޮށްދޭން ޕީޖީ އަށް ގޮވާލައިފި
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ސުޕްރީމްކޯޓަށް
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް