Roadha Mihaaru
އިންފްލުއެންޒާ އިތުރުވާތީ ރައްކާތެރިވާން އެދެފި

އިންފްލުއެންޒާ އިތުރުވާތީ ރައްކާތެރިވާން އެދެފި

01 ޑިސެމްބަރ 2019

މި ދުވަސްވަރު އިންފްލުއެންޒާ އިތުރުވަމުން ދާތީ ސަލާމަތީ ފިޔަވަޅު އަޅައި، ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މި ދުވަސްވަރު އިންފްލުއެންޒާ އިތުރުވަމުން ދާތީ ސަލާމަތީ ފިޔަވަޅު އަޅައި، ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭގެ ސީނިއަ ޕަބްލިކް ހެލްތު އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ އޮކްޓޯބަރު ފަހުކޮޅުން ފެށިގެން އިންފްލުއެންޒާ އިތުރުވާން ފެށީ މި އަހަރުގެ ޖޫން އާއި ޖުލައި މަހު އެ ރޯގާގެ ކޭސްތައް މައްޗަށް ގޮސް، އަނެއްކާ މަޑުޖެހިލުމަށް ފަހު ކަމަށެވެ.

އެޗުޕީއޭގެ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ މަހު ޝައްކުވެގެން 261 މީހަކު ޓެސްޓުކުރި އިރު 130 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވި އެވެ. އެކަމަކު އޮކްޓޫބަރު މަހު އެ އަދަދު އުޅުނީ 38 ގަ އެވެ.

އަރޫޝާ ވިދާޅުވި ގޮތުގައި މި ދުވަސްކޮޅު ރާއްޖެއިން ފެންނަނީ އިންފްލުއެންޒާ-އޭ ގެ ބާވަތެވެ.

އެ ބަލީގައި ހުން އައިސް ރޯގާ ޖެހުމުގެ އިތުރުން، ނޭފަތް ބެދި ގިނައިން ކެއްސާ، ކިނބިހި އަޅަ އެވެ. އަދި ބޮލާއި ކަރުގެ އިތުރުން މުޅި ގައިގައި ރިއްސާ، ހީކަރުވާ، ވަރުބަލި ވުން ވެސް އެކަށީގެން ވެ އެވެ.

މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނީ އުމުރުން ދުވަސްވީ މީހުންނަށާއި، ބައެއް ބަލިތަކާ ހެދި ދިފާއި ނިޒާމް ބަލިކަށި މީހުންނަށެވެ.

އެޗްޕީއޭ އިން މިދިޔަ ހަފްތާ ކުރި ޓްވީޓެއް

އިންފްލުއެންޒާއަށް ވެކްސިން ހުރެ އެވެ. އެހެންކަމުން ރައްކާތެރިވުމުގެ އެންމެ ރަނގަޅު އެއް ފިޔަވަޅަކީ ވެކްސިން ޖެހުމެވެ.

މި އަހަރުގެ ގިނަ މަސްތަކެއްގައި ޑެންގީގެ ކޭސްތައް އިތުރުވި ނަމަވެސް މިދިޔަ މަހު މައްޗަކަށް ނުދެ އެވެ. އެކަމަކު އަރޫޝާ ވިދާޅުވި ގޮތުގައި އަހަރީ ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރުމާއި ވިއްސާރަ ދުވަސްވަރަކަށް ވުމުން އަލުން ޑެންގީ އިތުރުވުން އެކަށީގެންވެ އެވެ.

މިދިޔަ މަހުގެ 12 ގައި އާންމުކުރި ހިސާބުތަކަށް ބަލާއިރު އެ އަހަރުގެ އެހާ ހިސާބަށް 4،505 މީހަކަށް ޑެންގީ ޖެހުނެވެ.