Roadha Mihaaru
އިންފްލުއެންޒާ އާއި ޑެންގީ އިތުރުވާތީ ސަމާލުވާން އެދެފި

އިންފްލުއެންޒާ އާއި ޑެންގީ އިތުރުވާތީ ސަމާލުވާން އެދެފި

12 ނޮވެމްބަރ 2019

އިންފްލުއެންޒާ އާއި ޑެންގީ އިތުރުވަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެދެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިންފްލުއެންޒާ އާއި ޑެންގީ އިތުރުވަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެދެފި އެވެ.

އެތަނުގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް "މިހާރު" އަށް ވިދާޅުވީ މިދިޔަ މަހުގެ ތަފާސްހިސާބުތަކާއި މި މަހުގެ ފުރަތަމަ ހަފުތާގެ ހިސާބުތަކަށް ބަލާއިރު، އިންފްލުއެންޒާ އިތުރުވަމުން ދާ ކަމަށް ފެންނަ ކަމަށެވެ. އަދި ޑެންގީ ވެސް އަނެއްކާ އިތުރުވާން ފަށައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ އިންފްލުއެންޒާ އަށް 120 މީހަކު މިދިޔަ މަހު ޓެސްޓުކުރި އިރު، އޭގެ ތެރެއިން 33 މީހަކު އިންފްލުއެންޒާ އަށް ޕޮޒިޓިވްވި ކަމަށެވެ. ނަމަވެސް މި މަހުގެ ފުރަތަމަ ހަފުތާގައި އިންފްލުއެންޒާ އަށް 19 މީހަކު ޓެސްޓު ކުރިކަމަށާއި އޭގެ ތެރެއިން ޕޮޒިޓިވްވީ 14 މީހަކު ކަމަށް ވިދާޅުވި އެވެ.

ވިއްސާރަވެ، އަރިދަފުސް ރޯގާ އިތުރުވުމުން ވެސް އިންފްލުއެންޒާ އިތުރުވުން އެކަށީގެންވާ ކަމަށް އަފްޒަލް ވިދާޅުވި އެވެ. އަދި އެ ބަލި ފެތުރޭ ވައިރަސްގެ ސްޓްރެއިން އަށް ކުދި ބަދަލުތައް އައުން އެކަށީގެންވާ ކަމަށާއި އެކަމުގެ ސަބަބުން ބަލި އިތުރުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންފްލުއެންޒާ އަށް ވެކްސިން ތައްޔާރުކުރަނީ އެ އަހަރަކު ފެންނަ ވައިރަސް ސްޓްރެއިންތަކަށް ބަލާފައި، އަންނަ އަހަރު ފެންނާނެ ކަމަށް ބެލެވޭ ސްޓްރެއިންތަކުން ރައްކާތެރިވެވޭނެ ގޮތަށް ކަމަށް އަފްޒަލް ވިދާޅުވި އެވެ. މިދިޔަ އަހަރު ވެކްސިން ޖެހި މީހުންނަށް އެ ބަލިން މިއަހަރު ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެކްސިން ނުޖަހާ މީހުން އަވަހަށް ވެކްސިން ޖަހަން އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.

އިންފްލުއެންޒާ ޖެހިއްޖެ ނަމަ އެންމެ ބޮޑަށް އަސަރުކުރާނީ މާބަނޑު އަންހެނުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. އެ މީހުން ވެކްސިން ޖެހުން މުހިއްމު ކަމަށް އަފްޒަލް ވިދާޅުވި އެވެ.

އިންފްލުއެންޒާ ޖެހިއްޖެ ނަމަ، އާންމުން ދާ ތަންތަނަށް ނުދިއުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ކެއްސައި، ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ޓިޝޫއަކުން ނިވާކުރާށާއި ބޭނުންކުރާ ޓިޝޫ ރައްކާތެރިކަމާ އެކު ނައްތާލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޓިޝޫއެއް ފަދަ އެއްޗެއް ނެތް ނަމަ، އަތް ބޭނުންކުރުމުގެ ބަދަލުގައި އުޅަނބޮށި ބޭނުންކޮށްގެން އަނގަ ނިވާކުރަން ވެސް އަފްޒަލް ވިދާޅުވި އެވެ.

މިދިޔަ ތިން އަހަރަށް ވުރެ މިއަހަރު ޑެންގީ ގިނަ ކަމަށް އެޗްޕީއޭ އިން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. އަދި މިދުވަސްވަރު ޑެންގީ ދަނީ އަނެއްކާވެސް އިތުރުވަމުން ކަމަށާއި އެކަމުން ރައްކާތެރިވާން، މަދިރި އާލާވާ ތަންތަން ނައްތާލުން މުހިއްމު ކަމަށް އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭ އިން އަންނަނީ ކޮންމެ އަންގާރަ ދުވަހަކު، ޑެންގީ އާއި ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އާންމުކުރަމުންނެވެ. މިދިޔަ ހަފުތާގައި އެތަނުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 4،420 މީހަކަށް ޑެންގީ ޖެހިގެން މިއަހަރު ރިޕޯޓުކޮށްފައި ވެ އެވެ.