Roadha Mihaaru
ޝަކުވާ ބޮޑުވުމުން ދާއިމީ ލިސްޓު ނެރުން ލަސްވެއްޖެ

ފްލެޓު ލިބޭ ދާއިމީ ލިސްޓު ނެރުން ޝަކުވާތަކާ ހެދި ލަސްވެއްޖެ

31 ޑިސެމްބަރ 2020

ހިޔާ މަޝްރޫއުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި އިއުލާން ނުކުރެވުނީ ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހުމުން ކަމަށް ފްލެޓު ކޮމިޓީން އިއްޔެ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި އިއުލާން ނުކުރެވުނީ ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހުމުން ކަމަށް ފްލެޓު ކޮމިޓީން އިއްޔެ ބުނެފި އެވެ.

އެ ކޮމިޓީން ކުރިން ބުނެފައި ވަނީ ހުރިހާ ކެޓަގަރީއެއްގެ ވެސް ދާއިމީ ލިސްޓު މި މަހު ނެރޭނެ ކަމަށެވެ. އެކަމަކު، ދިރާސާކޮށްފައިވާ ދާއިމީ ލިސްޓުތައް ދެން ނެރޭނީ ހުރިހާ ޝަކުވާތަކެއް ބަލައި ލިއުމުން ޖަވާބު ދިނުމަށް ފަހު ކަމަށް ކޮމިޓީން އިއްޔެ ބުންޏެވެ.

ދިރިއުޅުމުގެ ހާލަތަށް ކަނޑައެޅި 30 ޕޮއިންޓް ދިން މިންގަނޑު އާއްމުކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުންނެވެ. މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރުމުން ޝަކުވާއަށް ހަފުތާއެއްގެ މުއްދަތު އިއްޔެ ވަނީ ދީފަ އެވެ.

ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑާ ގުޅޭ ޝަކުވާއެއް އޮތް ނަމަ އަންނަ މަހުގެ 5 އާ ހަމައަށް ހުށަހެޅޭނެ އެވެ.

ހުޅުމާލޭގައި އިމާރާތްކޮށް މިހާރު ނިމިފައިވާ ފްލެޓްތަކަށް 25،000 އަށް ވުރެ ގިނަ މީހުން ފޯމު ލި އެވެ. މީގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓުތައް އިއުލާންކޮށް ފްލެޓު ކަށަވަރުވި ކަމުގެ ލިއުން ވެސް ކުރީގެ ސަރުކާރުގެ ބަދަލުވުމުގެ މަރުހަލާގައި ބައެއް މީހުންނަށް ދޫކުރި އެވެ. އެކަމަކު ފްލެޓްތައް ދޫކުރީ ދިރިއުޅުމުގެ ހާލަތު ވެސް ނުބަލައި ބޭނުން ބަޔަކަށް ކަމުގެ ޝަކުވާ ބޮޑުވި އެވެ.

އެ ޝަކުވާތައް ބަލަން މި ސަރުކާރުން ފްލެޓު ކޮމިޓީއެއް އެކުލަވާލައި ހުރިހާ ފޯމެއް އަލުން އިވެލުއޭޓްކުރީ އެވެ. މިހާރުގެ ކަންބޮޑުވުމަކީ ދެ އަހަރުވި އިރު ވެސް ކޮމިޓީގެ މަސައްކަތަށް ނުނިމިގެން ފްލެޓް ހަވާލުކުރުން ލަސްވުމެވެ.

އެޗްޑީސީން ބުނެފައި ވަނީ، އަންނަ މާޗް މަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމައި ފްލެޓްތައް ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ. ފިނިޝިން ނުނިންމައި ހަވާލުކުރާ އެ ފްލެޓްތަކުގައި ދިރިއުޅެވޭވަރު ވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަަމަށް ލަފާކުރެވެ އެވެ.