Roadha Mihaaru
އެންމެ ގިނަ މީހުން ފޯމުލީ ކެޓަގަރީން ހާލަތު ބަލަނީ

އެންމެ ގިނަ މީހުން ފްލެޓަށް އެދުނު ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަލަނީ

21 އޮކްޓޯބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް އެދުނު އެޗް7 ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަލަން ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް އެދުނު އެޗް7 ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަލަން ފަށައިފި އެވެ.

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީން 25،000 މީހުން ފޯމުލިއިރު، އެންމެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދުނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލި ކެޓަގަރީން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުރީގެ ސަރުކާރުގައި ފްލެޓް ދިން ގޮތާ މެދު ކުރި ޝަކުވާތައް ބަލަން މި ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން މިހާރު އަންނަނީ އެޗް7 އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވި މީހުންނަށް ގުޅައި ދިރިއުޅުމުގެ ހާލަތު ބަލަމުންނެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންގެ ލިސްޓުތައް ކުރީގެ ސަރުކާރުން ވަނީ އާއްމުކޮށް، ފްލެޓް ލިބުނު ކަމުގެ ކަށަވަރު ލިއުން ވެސް ދީފަ އެވެ. އެ ލިއުމަށް ބެލުމެއް ނެތި މި ސަރުކާރުން އެކުލަވާލަމުން އަންނަނީ މުޅިން އާ ލިސްޓެކެވެ. އެކަމަކު ހިޔާ މަޝްރޫއުގެ ހުރިހާ ފޯމެއް ވެސް އިވެލުއޭޓް ކުރަމުން އަންނަނީ ޔާމީންގެ ސަރުކާރުން ކަނޑައަޅައި އިއުލާންކޮށްފައިވާ މާކްސް ދިނުމުގެ މިންގަނޑާ އެއްގޮތަށް ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.

މިހާތަނަށް ވަނީ، ފަސް ކެޓަގަރީއަކުން ވަގުތީ ލިސްޓު އާއްމުކޮށްފަ އެވެ. އެއީ، ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ދަފްތަރު ކެޓަގަރީގެ ލިސްޓެވެ.

ކުރީގެ ސަރުކާރުގައި ފްލެޓްތައް ދީފައިވާ ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާކުރި އެވެ.

ފްލެޓް ކޮމިޓީން ވެސް ބުނެފައިވާ ގޮތުގައި އޭރު ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ހިމަނާފައި އޮތް އިރު އެ ޕޮއިންޓް ދިން އުސޫލެއް ސާފެއް ނޫނެވެ. އެކަމަކު މިފަހަރު އެ ޕޮއިންޓް ދިނީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިގެން ކަމަށް އެ ކޮމިޓީން ބުންޏެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ލިސްޓު އެކުލަވާލަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ. މި ފްލެޓްތައް ނިމޭނީ އަންނަ އަހަރުގެ ފެބުރުއަރީއަށް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ފްލެޓްތައް ހަވާލުކުރަން ނިންމާފައި ވަނީ ފިނިޝިން ނުނިންމަ އެވެ. އެކަމަށް ވަކި މުއްދަތެއް ފްލެޓް ލިބޭ މީހުންނަށް ދޭން ނިންމާފައިވާއިރު، އެ މުއްދަތުގައި ކުއްޔެއް ނުނަގާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.