Roadha Mihaaru
މަރިޔަމް ވަހީދާ އާއި އަނާގެ ނަން މަޖިލިހުގެ ތަޅުމަށް

މަރިޔަމް ވަހީދާ އާއި އަނާގެ ނަން ވެސް މަޖިލިހުގެ ތަޅުމަށް

02 ޑިސެމްބަރ 2019

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން މަރިޔަމް ވަހީދާއި އާއި ވީޓީވީގެ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) ގެ ނަން ވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން މަރިޔަމް ވަހީދާއި އާއި ވީޓީވީގެ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) ގެ ނަން ވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް މިއަދު ހުށަހަޅައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ތިން ފަހަރެއްގެ މަތިން ހުޅުވާލި އެވެ. ފުރަތަމަ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ދެ މަގާމަށް ކުރިމަތިލި 36 މީހުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅީ 12 ނަމެވެ.

އޭގެ ފަހުން، ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައި އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތުމަތު ޒައިނާ ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިދިޔަ އޮކްޓޯބަރު މަހު ފާސްކުރުމުން ދެ މަގާމަށް ވަކިވަކިން ކުރިމަތިލާން ފުރުސަތު ހުޅުވާލި އެވެ.

ޝަހީބްގެ ބަދަލުގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައިވާ ގޮތުން ލިސްޓްގެ އެންމެ ކުރީގައި އޮތީ މަރިޔަމް ވަހީދާގެ ނަމެވެ. ކޮމިޓީން ނިންމީ މަރިޔަމް ވަހީދާގެ އިތުރުން އަނާ އާއި ދިޔާނާ ތޯހިރު، ސެވަންސްޓަ، ސ. ހިތާދޫގެ ނަން ތަޅުމަށް ފޮނުވުމަށެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން މަރިޔަމް ވަހީދާ ވަނީ މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ އަނާ ވަނީ ނޫސްވެރިކަމުން މާސްޓާސް ޑިގްރީ ހާސިލްކޮށް އަދި ނޫސްވެރިކަމުގެ އިނާމް ދެ އަހަރަކު ހާސިލްކުރައްވައިފަ އެވެ.

ރާއްޖޭގައި ހުންނަވާ ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި މަރިޔަމް ވަހީދާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑުގެ ވެސް މެމްބަރެކެވެ. މަރިޔަމް ވަހީދާ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހެޅުއްވި އެވެ.

ޒައިނާގެ ބަދަލުގައި ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު، ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެކަމަކު، އެއްވެސް މީހެއްގެ ނަން ތަޅުމަށް ފޮނުވުމަށް ކޮމިޓީއަކަށް ނުފެނުނު އެވެ. ކޮމިޓީން ނިންމީ އެ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށް އަލުން ފުރުސަތު ހުޅުވާލަން ފެންނަ ކަމަށެވެ.

ބްރޯޑްކޮމްގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. އެހެންވެ، އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.