ކުރީގެ ރައީސުންނަށް އެ ދުވަސްވަރެއްގެ އިދިކޮޅު ފަރާތްތަކުން ނިސްބަތްކުރި ހުތުރު ނަންތަކުގެ ލިސްޓު ވިދާޅުވެ އެއީ ޑިކޮމްރަސީގެ ރޫހުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަކުރައްވައިފި އެވެ.
29 މެއި 2023
ކުރީގެ ރައީސުންނަށް އެ ދުވަސްވަރެއްގެ އިދިކޮޅު ފަރާތްތަކުން ނިސްބަތްކުރި ހުތުރު ނަންތަކުގެ ލިސްޓު ވިދާޅުވެ އެއީ ޑިކޮމްރަސީގެ ރޫހުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައި ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލަ ބަލައިނުގަނެ މަޖިލީހުން މިއަދު ބޭރުކޮށްލީ އެވެ.
އޭގެ ފަހުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާނުލައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސްގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ޗެނަލް 13 އިން ރައީސަށް ވަގަށް ގޮވުން ހަޖަމުވާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އީވާ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގެ އޮފު އެމްޑީޕީން އޭރު ކަނޑުވައިލީ އެ މަނިކުފާނަށް ނިސްބަތްކުރި ހުތުރު ނަން ތަކުރާރުކޮށް ގޮވައިގެންނެވެ.
"އެ ހުރިހާ ވާހަކަ އަކީ އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ،" މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް ނަޝީދަށް ނިސްބަތްކުރި ހުތުރު ނަންތައް ވެސް ފާހަގަކުރައްވައި އީވާ ވިދާޅުވި އެވެ.
އީވާގެ ވާހަކައަށް ފަހު، އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ކުރީގެ ރައީސުންނަށް ކީ ހުތުރު ނަންތައް މެމްބަރުންނަށް ހަނދާންކޮށްދެއްވައި، ކުރީގެ ރައީސް އިބްރާހިމް ނާސިރުން ފެށިގެން ހުރިހާ ރައީސުންނަށް ނިސްބަތްކުރި އެފަދަ ނަންތައް ވަކިވަކިން ވިދާޅުވެފަ އެވެ.
"...އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެންދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ރައީސަށް ވަގަށް ގޮވުމަކީ މައްސަލައެއް ނޫން ކަމަށް ސިފަކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިންސާނީ ކަރާމާތަށް އިހުތިރާމުކުރުން އިސްލާމްދީނުގައި ވެސް އޮންނަ ކަމަށެވެ. އަދި ރާއްޖޭގެ ވެރިންނަށް ހައްގުވެގެންވާ ގަދަރާއި އިއްޒަތް ދިނުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ގެންގުޅެމުން އައިސްފައިވާ ރިވެތި ސަގާފަތެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ވަރަށް ދެރަވަން، މަނިކުފާނު ތި އިންނެވި ގޮނޑީގައި އިންނަވައިގެން މިފަދަ ބަސް ބަހުން ވޭތުވެދިޔަ ރައީސުންނަށާއި މީސްމީހުންނަށް މުޚާތަބުކުރާތީވެ،" އޭނާ ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވިދާޅުވީ މިއަދު ފެންމަތިވެގެން އުޅެނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްސަލައެއް ނޫން ކަމަށާއި މިއީ ގާނޫނަކުން އުފައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑުތަކާ ހިލާފަށް ޓީވީ ސްޓޭޝަނަކުން އަމަލުކުރި މައްސަލައެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި ނޫސްވެރިން ޖަލަށްލުމާއި ޓީވީ ސްޓޭޝަންތައް އެތައް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަމުންދިޔަ ބިރުވެރިކަމެއް މިހާރު ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަކީ އޭރުގެ [މައުމޫން] ގެ ސަރުކާރަށް ފާޑުކިޔައި ލިޔުނު މީހެއް. ވާހަކަ ދެއްކި މީހެއް. ދުވަހަކުވެސް އެ އިބާރާތް [މައުމޫނަށް ނިސްބަތްކުރި ހުތުރު ނަން] ބޭނުމެއް ނުކުރަން. ދުވަހަކު ވެސް އެ އިބާރާތް ބޭނުންނުކޮށް އެ ސަރުކާރަށް ކިޔަންޖެހޭ އެއްޗެއް އަޅުގަނޑުމެން ކިޔަމުން ދިޔައީ،" މޯޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިހުތިރާމާ އެކީ ސަރުކާރާއި ވެރިންނަށް ފާޑުކިޔައި ވާހަކަ ދެއްކުމުގެ ފުރުސަތު މިއަދު އެބައޮތެވެ.
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ރައީސް ދެއްކެވީ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮތްކަން!
އަރައިރުމާ ހެދި ޓެކްސް އިސްލާހު ފާހެއް ނުކުރި
އެމްޑީޕީގައި އޮތީ ރިޔާސީ ޓިކެޓް ހޯދުމުގެ ހަނގުރާމަ؟
އެމްޑީޕީގައި ދެ ފެކްޝަން އޮތް ކަމުގެ އިޝާރާތެއް؟
ވޯޓު ނުދިނީ އަމީން ބަހައްޓާކަށް ނޫން: ޣަފޫރު
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!
ގޮނޑިތައް ދިނީ ރައީސަށް ޖެއްސުންކުރާކަށް ނޫން:ރޮޒައިނާ