Roadha Mihaaru
ޝަހީމަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް

ޑރ. ޝަހީމަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި

04 ޑިސެމްބަރ 2019

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވާ ކޮށްދިނުމަށް އެދި އެ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވާ ކޮށްދިނުމަށް އެދި އެ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، އަފްރާޝީމްގެ މައްސަލައިގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އަފްރާޝީމްގެ ރިޕޯޓު އާއްމުވުމާ އެކު، މަރާ ގުޅިގެން އަލަށް އެންމެ ބޮޑު ތުހުމަތެއް އެޅުނީ ޝަހީމްގެ އިސްތަށިފުޅުގަ އެވެ. ސަބަބަކީ އަފްރާޝީމް، އަވަހާރަކޮށްލި ރޭ ޓީވީ ޕްރޮގްރާމަށް އަރާވަޑައިގަތުމާ ގުޅޭ ގޮތުން ޝަހީމް ދެއްވި ބަޔާނާއި ހެކީގެ ގޮތުގައި ހޯދި މެސެޖްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.

އެކަމަކު މި ތުހުމަތު ދޮގުކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ ކޮމިޝަނަށް އޭނާ ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަފްރާޝީމަށް، އިލްމުވެރިންނާ އެއް މޭޒަކުން ބައްދަލުވެވޭ ގޮތާއި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދެއްވީ އޭނާ އެދިވަޑައިގަތުމުން ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

އަފްރާޝީމް އަވަހަރާކޮށްލި އިރު ޝަހީމަކީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ. މަރު ކޮމިޝަންގެ ތަހުގީގަށް އޭނާއާ ސުވާލުކުރީ، ދައުލަތުގެ މީޑިއާ، ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތް ގޮތާ ގުޅޭ ގޮތުންނެވެ.

ޝަހީމް ވިދާޅުވެފައިވާ ގޮތުގައި އެ ޕްރޮގްރާމުން އަފްރާޝީމަށް އެރޭ ފުރުސަތު ހޯއްދަވައި ދެއްވީ އޭނާ އެދިވަޑައިގަތުމުންނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފޮނުއްވި މެސެޖްތައް ރިޕޯޓުގައި ހިމަނާފައިވާ އިރު، އޭގައިވާ ގޮތުން ޓީވީއެމްގެ ޕްރޮގްރާމަށް އަފްރާޝީމަށް ދައުވަތު ދެއްވީ ޝަހީމެވެ.

ރިޕޯޓުގައިވާ ގޮތުން ޕްރޮގްރާމަށް އަފްރާޝީމް އަރުއްވަން ބޭނުންވި ސަބަބު ވެސް ކުރިން ޝަހީމަށް އެނގިވަޑައިގަންނަވަ އެވެ. އެއީ، ކުރިން ޑރ. އަފްރާޝީމް ދެއްކެވި ވާހަކަތަކާ ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވާ ކަން އާއްމުކޮށް އިއުލާންކުރަން ކަން ޑރ. ޝަހީމަށް އެނގިވަޑައިގަންނަވާ ކަމާއި އަދި އެރޭގެ ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެ ނަމަ އެ ބޭނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައި ދެއްވަން ޑރ. ޝަހީމް ހުށަހަޅުއްވާފައިވާ ކަން ވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މެސެޖްތަކުން އެނގޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދަވައިދެއްވައި، އިލްމުވެރިންނާ ދެމެދު އޮތް ހިޔާލުތަފާތުވުންތައް ނައްތާލަން މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވަން އެދިވަޑައިގަތީ އަފްރާޝީމް ކަމަށެވެ. އެހާ ބޮޑު އިތުބާރެއް ކުރައްވައި އެގޮތަށް އެދިވަޑައިގަތުމުން، އެ ނުތަނަވަސްކަމަށް ހައްލު ހޯއްދަވައި ދެއްވުމަކީ، ޝަހީމް ވިދާޅުވި ގޮތުގައި، އޭނާގެ ވާޖިބެކެވެ. ސަބަބަކީ އިލްމީ ގޮތުން ބަލާއިރު އަފްރާޝީމަކީ މޮޅު، ފުރުސަތު ލިބެންޖެހޭ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކޮމިޝަނުން ސުވާލުކުރީ، އޭނާގެ ފޯނަށް އައި މެސެޖަކާ ގުޅޭ ގޮތުން ކަމަށް ވިދާޅުވި އެވެ. އެއީ، މީޑިއާ މެދުވެރިކޮށް ތައުބާވެ ރުޖޫއަވެއްޖެ ނަމަ ﷲ އަށް ޓަކައި އަފްރާޝީމް ދެކެ ލޯބިވާނަމޭ ބުނެ މީހަކު ފޮނުވި މެސެޖެވެ.

"އެއީ ކާކު ފޮނުވި މެސެޖެއްތޯ ސުވާލުކުރީ. ހަގީގަތުގައި އެ މެސެޖްގެ ސަމާލުކަން އައީވެސް ރިޔާސީ ކޮމިޝަނުން އެ ވާހަކަ ބުނީމަ. އަޅުގަނޑު ދެންނެވިން ހަނދާނުގައި ނެތޭ ތިފަދަ މެސެޖެއް. އަދި އެއީ ކާކު ފޮނުވި މެސެޖެއް ކަމެއް ވެސް،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވަނީ އެއީ ހަތް އަހަރު ކުރީގެ ކަމަކަށް ވާތީ، ދިރާގު މެދުވެރިކޮށް އެ މެސެޖް ފޮނުވީ ކާކުކަން ބެލުމަށް ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ އަރިހުން އެދިވަޑައިގަތް ކަމަށެވެ. ފޯނުގައި ހުރި، ހުރިހާ މެސެޖްތައް ބައްލަވައިގެން ނަމަވެސް ކޮން ފަރާތަކުން ފޮނުވި މެސެޖެއްތޯ ބަލަން ހުށަހެޅުއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ.