Roadha Mihaaru

އާގިލްގެ މަރު: އެކެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

އެމްއެމްއޭ ކައިރީގައި، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ދައުވާ ލިބޭ ހަމްދޫން ހަމްޒަތުގެ މައްޗަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

އާގިލްގެ މަރު: އެކެއްގެ މައްޗަށް މަރުގެ ހުކުމް
ނާޒިމް ހަސަން
ނާޒިމް ހަސަން

08 ޑިސެމްބަރ 2025

އެމްއެމްއޭ ކައިރީގައި، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ދައުވާ ލިބޭ ހަމްދޫން ހަމްޒަތުގެ މައްޗަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

ގދ. ފަރެސްމާތޮޑާ، އާގިލް އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އޮގަސްޓް 31، 2018 ގައި އޭނާ ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަން ސަރަހައްދަށް ފޭބިތަނާ އެ ތަނުގައި ތިބި ބަޔަކު ވަޅިން ހަމަލާ ދީގެންނެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، އައްޑޫ ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އެ ކަމަށް އެހީތެރިވި ކަމުގެ ދައުވާ، ހއ. ދިއްދޫ، ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ވެސް ކުރެ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޝަރީއަތް ނިންމައި، ހުކުމް އިއްވައިފަ އެވެ. އެ ހުކުމްގައި ގާޒީ އަލީ އާދަމް ކަނޑައެޅުއްވީ ހަމްދޫން ހަމްޒަތު، އާގިލް އަށް ހަމަލާދީ މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ނަމަވެސް، އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

ހުކުމްގައި ބުނީ އާގިލް ފަހަތުން ވަޅިއެއް ހިފައިގެން ހަމްދޫން ދުވެފައިދާ މަންޒަރު ފެންނަ ކަމަށާއި އެކަމާ މެދު ޝައްކު އުފެދޭނެ މާހައުލެއް ވެސް ނެތް ކަމަށެވެ. އަދި ހަމަލާދީފައިވަނީ ސީދާ އާގިލް މެއަށް ކަމަށް ވާއިރު ހަމަލާ އަމާޒު ކޮށްފައިވަނީ މަރާލުމުގެ ނިޔަތުގައި ކަމަށް ބުރެވެވޭ ކަމަށް ހުކުމްގައި ވެ އެވެ.

"އެހެނީ މެއަކީ ހަށިގަނޑުގެ ނާޒުކު ގުނަވަނެއް ކަމަށް ވެފައި އެތަނަކީ ވަޅީގެ އެތި ފަހަރު އަމާޒު ކުރެވިއްޖެ ނަމަ މީހަކު މަރުވެދާނެ ފަދަ ގުނަވަނެއްކަން އެނގޭ،" ހުކުމްގައި ބުންޏެވެ.

އެމްއެމްއޭ ކައިރިން ތޫނު އެއްޗެހިން ހަމަލާދީ މަރާލި އިބްރާހިމް އާގިލް

އެމްއެމްއޭ ކައިރިން ތޫނު އެއްޗެހިން ހަމަލާދީ މަރާލި އިބްރާހިމް އާގިލް

ހަމަލާދިނުމަށް ފަހު ހަމްދޫން އަވަހަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް މަސައްކަތް ކޮށްފައިވާ ކަން ވެސް ހެކިތަކުން އެނގޭ ކަމަށް ހުކުމްގައި ވެ އެވެ. އަގީލް މަރުވެފައިވަނީ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކުގެ ސަބަބުން ކަން ވެސް ސާބިތުވެ އެވެ.

މި މައްސަލަގައި އާގިލްގެ މަންމަ އާއި ބައްޕަ ވަނީ މަރަށް މަރު (ގިސާސް ހިފަން) ބޭނުންވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފަ އެވެ.

ވާރިސުން އެގޮތަށް އެދިފައިވާތީ، ހަމްދޫންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް މަރުގެ ހުކުމް ގާޒީ އިއްވެވި އެވެ.

"ހަމްދޫން ހަމްޒަތުގެ މައްޗަށް ސާބިތުވި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ހަމްދޫން ހަމްޒަތުގެ މެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި މި ގޮތުގެ މަތިން ހުކުމްކޮށް މި ގަޒިއްޔާ ނިންމީ އެވެ،" ގާޒީ އިއްވެވި ހުކުމްގައިވެ އެވެ.

މަރުގެ އަދަބެއް ތަންފީޒު ކުރާނީ ސުޕްރީމް ކޯޓާ ހަމައިން އެއީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމުންނެވެ.

އާގިލް މަރާލިތާ ދެ މަސް ފަހުން މާލޭގައި އޮޓޯ ގަރާޖު ކައިރީގައި އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން މަރާލި އެވެ. ފުލުހުން ބުނެފައި ވަނީ މި ދެ މީހުން ވެސް މަރާލީ މާލޭގައި ހިންގި ސިލްސިލާ ގޭންގު މާރާމާރީތަކެއްގައި ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.