ލޯނެއްގެ މައްސަލާގައި ފައިސާ ހޯދަން ބޭންކުން މަސައްކަތެއް ނުކޮށް އަދި ދައުވާ ވެސް ނުކޮށް ދިގު މުއްދަތެއް ފާއިތުވެފައި ވުމުން އެ މުއްދަތަށް ލޯނުގެ އިންޓްރެސްޓާއި ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
04 ޑިސެމްބަރ 2019
ލޯނެއްގެ މައްސަލާގައި ފައިސާ ހޯދަން ބޭންކުން މަސައްކަތެއް ނުކޮށް އަދި ދައުވާ ވެސް ނުކޮށް ދިގު މުއްދަތެއް ފާއިތުވެފައި ވުމުން އެ މުއްދަތަށް ލޯނުގެ އިންޓްރެސްޓާއި ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ލ. ފޮނަދޫ މީހަކަށް 1988 ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރި 30،000ރ. ގެ ލޯނަށް، ބޭންކާއި އޭނާއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން އެ ފައިސާ އާއި އެ ފައިސާ ދެއްކުމާ ހަމައަށް ހިނގާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ ހޯދަން ބީއެމްއެލްއިން ދައުވާކުރީ 2016 ގަ އެވެ.
އެ މައްސަލާގައި މިދިޔަ އަހަރު ފޮނަދޫ ކޯޓުން ހުކުމްކުރީ ދައުވާކުރުން ލަސްވެފައިވާތީ، ލޯނު އެއްބަސްވުމުގެ މުއްދަތު 2002 ގައި ހަމަވި ތާރީޚުން ފެށިގެން އެ މައްސަލަ 2016 ގައި ކޯޓަށް ހުށަހެޅުމާ ދެމެދު ހޭދަވި މުއްދަތަށް ލޯނުގެ އިންޓްރެސްޓާއި ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށެވެ. އެކަމަކު މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު ހިނގި މުއްދަތަށް ފައިސާ ނަގައި ދެވޭނެ ކަމަށް އެ ކޯޓުން ނިންމި އެވެ.
އެ މައްސަލަ ބީއެމްއެލްއިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުން އިއްޔެ ކުރި ހުކުމުގައި ބުނީ ލޯނުގެ އެއްބަސްވުން 2002 ގައި ހަމަވި ފަހުން އެ ފައިސާ ހޯދަން ބީއެމްއެލްއިން މަސައްކަތް ކުރިކަން އެންމެ ފަހުން އެނގެން އޮތީ 2004 ގައި ކަމަށެވެ. އޭގެ ފަހުން މައްސަލަ ކޯޓަށް ހުށަހެޅުމާ ދެމެދު އިތުރު މުއާމަލާތެއް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހުކުމުގައި ބުނީ ލޯނަށް ފައިސާ ނުދައްކާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ބޭންކަށް އޮތްއިރު، ފިޔަވަޅު ނާޅައި އަދި ދައުވާ ވެސް ނުކޮށް އެހާ ގިނަ ދުވަސް ހޭދަވާން ޖެހުނު އެކަށީގެންވާ ސަބަބެއް ބޭންކަށް ދެއްކިފައިނުވާ ކަމަށެވެ.
"ފައިސާ ނުލިބި ލަސްވެގެން ދާ ދިއުމަކީ އޭގެ ސަބަބުން ލޯނު ނެގި ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓާއި ޖޫރިމަނާތައް އިތުރުވެގެންދާނެ ކަމެއް ކަމާއި، މިއީ ލޯނު ނެގި ފަރާތަށް ލިބިގެންދާނެ ގެއްލުމެއް ކަމާއި، އެހެންކަމުން ބޭންކަށް ލިބެންވާ ލޯނު ފައިސާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކުު ދައްކަން އެއްބަސްވެފައިވާ މުއްދަތު ހަމަވިއިރު ނުދައްކައި އޮވެ އަދި އޭގެ ފަހުން ވެސް އެ ފައިސާ ނުލިބި ލަސްވާ ނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ ކުރެވެންވާނެ ކަމަށް،" ހުކުމުގައިވެ އެވެ.
މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާ ހަވާލާދީ އެ ހުކުމުގައިވާ ގޮތުން ލޯނުގެ ފައިސާ ހޯދަން ދައުވާ ކުރަން ޖެހޭ ވަކި މުއްދަތެއް އެއްވެސް ގާނޫނެއްގައި ބަޔާން ކޮށްފައި ނެތަސް، އެކަށީގެންވާ އަވަސް މިނެއްގައި އެކަމަށް ފިޔަވަޅު އެޅުމަކީ ބޭންކްގެ ޒިންމާއެކެވެ. ލޯނު ފައިސާ ނުދައްކައި، ލަސްވުމަކީ ލޯނު ނެގި ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓާއި ޖޫރިމަނާ ވެސް ބޮޑުވެގެންދާ ކަމަކަށް ވާނެތީ އެ ފައިސާ ހޯދަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަންވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ ހުކުމުގައި ބީއެމްއެލަށް ފައިދާވާނެ ކަމެއް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފައިސާ ހޯދަން ދައުވާ ނުކޮށް ލަސްވާ ހާލަތުގައި ވެސް އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ބޭންކުން ކޮށްފައި އޮތް ނަމަ، ދިގު މުއްދަތެއް ފާއިތު ވިޔަސް އެއްބަސްވުމުގައިވާ ގޮތުގެ މަތިން އިންޓަރެސްޓާއި ޖޫރިމަނާ އެ މުއްދަތަށް ނަގައި ދެވިދާނެ ކަމަށް ހުކުމުގައިވެ އެވެ.
އެކަމަކު ހުކުމް އިއްވި މައްސަލާގައި އެފަދަ މަސައްކަތެއް 2004 ގެ ފަހުން ކޮށްފައިވާ ކަން އެނގެން ނެތް ކަން ފަނޑިޔާރުން ވިދާޅުވި އެވެ.
އެ މައްސަލާގައި ދަށު ކޯޓުން ނިންމާފައި އޮތީ އެއްބަސްވުމުގެ މުއްދަތު 2002 ގަައި ހަމަވި ތާރީޚުން ފެށިގެން އެ މައްސަލަ ކޯޓަށް ހުށަހެޅި ދުވަހާ ހަމައަށް އިންޓްރެސްޓާއި ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ވިޔަސް، ހައި ކޯޓުގެ ނިންމުން ތަފާތެވެ. ހައި ކޯޓުން ނިންމީ 2004 އިން ފެށިގެން 2016 ގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމާ ދެމެދު ހިނގި މުއްދަތަށް އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ ނުނެގޭނެ ކަމަށެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ހިނގި މުއްދަތަށް އެ ފައިސާ ނަގައި ދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
މި ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ބީއެމްއެލް ލޯނު "އޯވަޑިއު" އިންޓްރެސްޓް ދެ ޕަސެންޓަށް ކުޑަކޮށްފި
ޓޫރިޒަމަށް ބީއެމްއެލްއިން 30 މިލިއަން ރުފިޔާގެ ލޯނު
ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެނީ
ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ބޮޑު ބަދަލެއް
ބީއެމްއެލް މާސްޓަކާޑު ބޭނުންކޮށްގެން ލަންކާ ފެޝަން ވީކަށް
އަންގާރައިން ފެށިގެން 5 ދުވަހަށް ބީއެމްއެލް ބަންދު
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް