Roadha Mihaaru
ހުޅުމާލެ އަލިކުރަން ފަށައިފިން: އެޗްޑީސީ

ހުޅުމާލެ އަލިކުރަން ފަށައިފިން: އެޗްޑީސީ

05 ޑިސެމްބަރ 2019

ހުޅުމާލެ އަނދިރިކަމުން ކުރިމަތިވެފައިވާ ބިރުވެރިކަން ފިލުވަން އާ ލައިޓްތައް ހަރުކުރުމުގެ މަޝްރޫއެއް ފަށަން ނިންމައި، ބައެއް މަގުތަކުގެ ލައިޓް ބަދަލުކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލެ އަނދިރިކަމުން ކުރިމަތިވެފައިވާ ބިރުވެރިކަން ފިލުވަން އާ ލައިޓްތައް ހަރުކުރުމުގެ މަޝްރޫއެއް ފަށަން ނިންމައި، ބައެއް މަގުތަކުގެ ލައިޓް ބަދަލުކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސްމަގުގައި ރޭ ވަނީ، އދ. މާމިގިލީ، ގާސިމް ހަސަން 59، މަރާލައިފަ އެވެ. ޓެކްސީ ޑްރައިވަރު، ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަގަކީ ގަސް ގިނަ އަނދިރިކޮށް އޮންނަ މަގެކެވެ.

ކުރިން ހިނގާފައިވާ އެކްސިޑެންޓްތަކާ ގުޅިގެން އަދި ރޭ މީހަކު މަރާލުމުން އާއްމުންގެ ކަންބޮޑުވުމަކަށް ވީ ހުޅުމާލެ އަނދިރިކޮށް އޮންނަ މައްސަލަ އަށް ހައްލު ނުހޯދުމެވެ. އެތަނުގެ ބޮޑެތި މަގުތަކުން ފެށިގެން ކުދި ގޯޅިތަކުގައި ޖަހާފައި ހުންނަ ލައިޓްތަކުން ވެސް މާ ބޮޑު އަލިކަމެއް ނުހުރެ އެވެ. މާ އުހަށް ލައިޓްތައް ޖަހާފައި ހުރުމާއި ލައިޓުން ފޭދޭ އަލި ފަނޑުކަމުން އެއްގޮތަކަށް އަލި ކަމެއް ނެތް މަގުތައް ވެސް، ރާއްޖޭގައި ދެވަނައަށް އާބާދީ ބޮޑު ރަށުގައި ގިނަ އެވެ.

ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓަމުން އަންނަ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ އާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދޭނެ ކަމަށެވެ. ގާސިމް މަރާލި ސަރަހައްދަކީ މީހުން ނޫޅޭ، އަނދިރިކޮށް އޮންނަ ތަނެއް ކަން ސުހެއިލް ވެސް ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ތަނުގައި، އެފަދަ ތަންތަނަށް އިސްކަންދީގެން ލައިޓްތައް ހަރުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި މަގުތަކުގައި ފަނޑު އަލިކަމެއް ހުންނަ ލައިޓްތައް ބަދަލުކުރާނެ އެވެ. އެކަމަށް ޚާއްސަކޮށް ލައިޓްތައް މިހާރު ވަނީ ގެނެސްފައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަން އަދި ރަސްމީކޮށް ނުފެށުނު ކަމުގައިވީ ނަމަވެސް އަނދިރި ސަރަހައްދުތަކަށް އިސްކަންދީގެން މި އަންނަނީ ބައްތިތައް ބަދަލުކުރަމުން. އެ ސަރަހައްދުތައް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި،" ސުހެއިލް ވިދާޅުވި އެވެ.

ވަރަށް އަނދިރި ބައެއް މަގުތައް ވެސް ހުޅުމާލޭގައި ދިރިއުޅޭ މީހުން ކުރީއްސުރެން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ފިތުރޯނު މަގާއި އެސްޓީއޯގެ ޕެޓްރޯލް ޝެޑުން ފެށިގެން އެމްއެންޑީއެފް ކޮއްޓާ ހަމައަށް މިދިލި މަގާއި އިންޑަސްޓްރިއަލް ޒޯންގެ ގުޅިފައިވާ ބައެއް މަގުތަކުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގެ ބޮޑު ބައެއް ވެސް ހިމެނެ އެވެ.

މަގުތަކުގައި އަލިކަން ނެތުމުގެ އިތުރުން އެކަށީގެންވާ އަދަދަކަށް ސީސީޓީވީ ކެމެރާ ނެތުމަކީ ވެސް ކަންބޮޑުވުމެކެވެ. ކެމެރާ ހަރުކުރަނީ، އެޗްޑީސީ އާއި ފުލުހުން ގުޅިގެންނެވެ. އެހެންވެ، މުޅި ހުޅުމާލެ ހިމެނޭ ގޮތުން ސީސީޓީވީ ހަރުކުރުމާ މެދު ސުހެއިލް މިއަދު އެއްޗެއް ވިދާޅެއް ނުވެ އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭ މަގުތަކުގައި ލައިޓްތައް ހަރުކޮށްފައި ހުރީ ބައިނަލްއަގުވާމީ މިންގަނޑަކަށް ނޫނެވެ. އެހެންވެ، ބައިނަލްއަގުވާމީ ސްޓޭންޑަޑަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކަމަށް ކުރީގެ ސަރުކާރުގައި ވެސް އެޗްޑީސީން ބުނެފައިވެ އެވެ.