Roadha Mihaaru
3000 ޓޫރިސްޓުން މާލެ އެރި ދުވަހެއް!

3000 ޓޫރިސްޓުން މާލެ އެރި ދުވަހެއް!

06 ޑިސެމްބަރ 2019

ރާއްޖެއަށް މިހާތަނަށް އާއި އެންމެ ބޮޑު ކްރޫޒްލައިނާ "ނޯވީޖިއަން ޖޭޑް" އިން 3،300 ޓޫރިސްޓުން މާލެ ފައިބައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް މިހާތަނަށް އާއި އެންމެ ބޮޑު ކްރޫޒްލައިނާ "ނޯވީޖިއަން ޖޭޑް" އިން 3،300 ޓޫރިސްޓުން މާލެ ފައިބައިފި އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ފައިބާފައިވާ އިރު އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ކައިރި ރިސޯޓުތަކާއި ރަށްރަށަށް ވެސް ޒިޔާރަތްކޮށްފަ އެވެ. މި ބޮޑު ޕެސެންޖާ ލައިނާ އިން ރާއްޖެ އައި ޓޫރިސްޓުންނަށް ހިދުމަތްތައް ފޯރުކޮށްދިނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިންނެވެ.

މާޔާގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލީ (ބަނީ) ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ބޮޑެތި ކުރޫޒް ލައިނާތައް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ރާއްޖެއަށް އާއި އެންމެ ބޮޑު ޕެސެންޖާ ލައިނާއަށްވީ ނަމަވެސް، މިއީ ނޯވީޖިއަން ޖޭޑްގެ ފްލީޓްތަކުގެ ތެރެއިން އެންމެ ކުޑަ އެކައްޗެވެ.

ނޯވޭޖިއަން ޖޭޑް

ނޯވޭޖިއަން ޖޭޑް

"މި ކުންފުނީގެ މިއަށް ވުރެ ބޮޑު އެއްޗެއް އަންނަ އަހަރުގެ އޭޕްރީލްގައި އަންނާނެ. އަދި މި ބޯޓުގެ މާޗު މަހު އައުމަށް ހަމަޖެހިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ކްރޫސް ލައިނާތައް އަންނަ ވަރު އިތުރު ކުރުމަށްޓަކައި ބޭރުގެ އޭޖެންޓުންނާ ގުޅައިގެން، އަދި ބޭރު ގައުމުތަކުގެ އެކި އެކި ސަރަހައްދުތަކަށް ގޮސް ވެސް، އެފަދަ އޭޖެންޓުންނާ ބައްދަލުކޮށް ގުޅުން ބަދަހި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ބޮޑެތި ޕެސެންޖާ ލައިނާތައް އަންނަން ހުރި އިރު، އެ މީހުން މާލެ ފޭބުމަށްފަހު، މަޑުކޮށްލައިގެން ތިބޭނެ ޓާމިނަލްއެއް ނެތުމަކީ ވަރަށް ބޮޑު ދަތިކަމެއް ކަމަށެވެ.

އިންޑިޔާއިން ފުރައިގެން އަންނަ މި ބޯޓު ރާއްޖޭގައި މަޑުކުރުމަށް ފަހު ދެން ދާނީ ސްރީ ލަންކާއަށެވެ. ނޯވީޖިއަން ޖޭޑްގެ ދިގުމިނުގައި 965 ފޫޓު ހުރެ އެވެ. އެއް ފަހަރާ 3،500 ޓޫރިސްޓުންނަށް އެ ބޯޓުގައި ދަތުރުކުރެވޭ އިރު ފަޅުވެރިންގެ އަދަދު 1،000 އަށް އަރަ އެވެ.