Roadha Mihaaru
ސެގާޓްގެ ކޮންޓްރެކްޓް ދެފަރާތް އެއްބަސްވެގެން އުވާލައިފި

ސެގާޓްގެ ކޮންޓްރެކްޓް ދެ ފަރާތް އެއްބަސްވެގެން އުވާލައިފި

07 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓުމުން އެފްއޭއެމް އާއި ކޯޗު ޕީޓާ ސެގާޓް އެއްބަސްވުމަކަށް އައިސް ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓުމުން އެފްއޭއެމް އާއި ކޯޗު ޕީޓާ ސެގާޓް އެއްބަސްވުމަކަށް އައިސް ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި އެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިން ސެގާޓަކީ ފަހަކަށް އައިސް ގައުމީ ޓީމާ ހަވާލުވި އެންމެ މައްސަލަ ބޮޑު ކޯޗެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުވާލުމުން އޭނާއާ މެދު އެތައް ބަޔަކު ނުރުހުންވި އެވެ.

ނޭޕާލް އަތުން 1-2 އިން މިއަދު ރާއްޖެ ބަލިވި މެޗަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެޑްކޯޗާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އޭނާއާ އެކު އެފްއޭއެމުން ހަދާފައިވާ ކޮންޓްރެކްޓް ވަގުތުން އުވާލުމަށް ސުލްހަވެރި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މިއަދުގެ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ބައްސާމާ އެކު ކުރަން ޖެހޭ މަޝްވަރާއެއް އެބައޮތް ކަމަށާއި އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމަށް ކޯޗުކޮށްދީ ކުރިއަށްދާން އުއްމީދުކުރާ ކަމަށެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ނަތީޖާ ގޯސްވުމުން ސެގާޓް ވަކިކުރީ، އޭނާގެ އިރުޝާދުގެ ދަށުން ސީނިއާ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަމުން އަންނަނިކޮށެވެ. ފުރަތަމަ ފަސް މެޗަށް ފަހު ރާއްޖެ އޮތީ ކޮލިފައިންގެ ހަތަރު ވަނައިގަ އެވެ. ރާއްޖޭގެ ޓާގެޓަކީ ބާކީ ތިން މެޗުން ނަތީޖާ ނެރެ، ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ހޯދުމެވެ.

އެނގިފައިވާ ގޮތުގައި އެފްއޭއެމުން ކުރިން ވިސްނާފައި އޮތީ އެ ތިން މެޗުގެ ކުރިން އަންނަ އަހަރުގެ މާޗު ސެގާޓްގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ވަކިކުރާށެވެ. އޭރުން އެއްވެސް ބަދަލެއް ނުދީ ވަކިކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ވިސްނާފައި އޮތީ އެ ތިން މެޗުގައި ވަގުތީ ކޯޗަކު ބެހެއްޓުމަށް ފަހު ކޮލިފައިންގެ އަނެއް ބުރަށް ދާއިމީ ކޯޗެއް ގެންނަން ކަމަށް ވެސް އެނގިފައިވެ އެވެ. އެކަމަކު ކޮންޓްރެކްޓް ހަމަނުވަނީސް މިއަދު އޭނާގެ ކޮންޓްރެކްޓް އުވާލީ ކޮން ކަހަލަ އެއްބަސްވުމެއްގެ ދަށުން ކަމެއް ނޭގެ އެވެ. ސެގާޓުގެ ވާހަކަތައް ހުރި ގޮތުން ދޭހަވަނީ އޭނާ ހުރީ ދެމި ހުންނަ ގޮތަށް ކަމަށެވެ. އެހެންވެ ބެލެވެނީ ކޮންޓްރެކްޓް އުވާލަން އޭނާ އެއްބަސްވާނީ ބަދަލެއް ލިބޭ ގޮތަށެވެ.

އަފްގާނިސްތާނުގެ ކުރީގެ ކޯޗު ސެގާޓުގެ ކޯޗުކަމުގައި ރާއްޖޭން ވާދަކުރި މުބާރާތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ނަމަވެސް އޭޝިއަން ކަޕް ކޮލިފައިން އާއި މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި ސައުތު އޭޝިއަން ގޭމްސްގައި ނަތީޖާ ވަރަށް ދަށެވެ.

މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމާ ހަވާލުވެ އޭނާ ފުރަތަމަ ބުނީ ރާއްޖޭގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށާއި އޭނާގެ ބޭނުމަކީ ދިވެހި ފުޓްބޯޅަ ބަދަލުކުރުމުގެ މަސައްކަތް ފަށާ މީހާ އަށް ވުން ކަމަށެވެ. ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކުރުމާ އެއްވަރަށް ނަތީޖާ ނެރެން ވެސް އޭނާ ބޭނުންވާ ކަމަށާއި ހުނަރު ހުރެ ރަނގަޅަށް މަސައްކަތްކުރަންޏާ ކިތަންމެ މުސްކުޅި ކުޅުންތެރިޔަކަށް ވެސް ފުރުސަތު ދޭނެ ކަމަށް ބުންޏެވެ.

އޭރު ބުނީ މުސްތަގުބަލަށް ބިނާކުރާ ޓީމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ އެހީ ބޭނުންވާ ކަމަށެވެ. އެކަމަކު ސެގާޓުގެ ރަސްމީ ފުރަތަމަ މެޗުގައި، އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ދަގަނޑޭ ޕްރެސް ކޮންފަރެންސަށް ހާޒިރުނުވި ކަމަށް ބުނެ އޭނާ ޓީމުން ވަކިކުރީ އެވެ. އަދި ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އަށް ދާއިމީ ކެޕްޓަންކަން ދޭނެ ކަމަށް ބުނެ ފަހު ވަގުތު އަޑުބަރޭ އަށް ބޭންޑް ނުދޭން ސެގާޓް ނިންމުމުން އެކަމާ ހިތްހަމަނުޖެހި އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އެވެ.

އެ މައްސަލަތަކުގައި ހާއްސަކޮށް ދަގަނޑޭއާ މެދު އަމަލުކުރި ގޮތުން ސެގާޓަށް ރާއްޖޭގެ ކޯޗުންނާއި ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ސެގާޓް އޭރު ބުނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައިވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ހަތަރު އަހަރު ފަހުން ދެން އޮންނަ ވޯލްޑް ކަޕަކަށް ޓީމު ތައްޔާރުކުރާނެ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުގައި ދަގަނޑޭ ނުހިމެނި ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން ސެގާޓް ވަނީ ދެން އަންނަ ވޯލްޑް ކަޕަކާ ކުރިމަތިލާއިރު ދަގަނޑޭގެ އުމުރުން 37 އަހަރުވެފައި ކަމަށް ބުނެ، އޭނާ ނުހިމެނި އެއް ސަބަބަކީ ވޯލްޑް ކަޕުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ނެތުން ކަމަށް އިޝާރާތްކޮށްފަ އެވެ.

އެކަމަކު ޒުވާން ކުޅުންތެރިން ގޮވައިގެން ގޮސް ސެގާޓޤ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ. ގްރޫޕް ސްޓޭޖުގައި ސްރީ ލަންކާއާ އެއްވަރުވެ އަދި އިންޑިއާ އަތުން 2-0 އިން ބަލިވުމުން ރާއްޖެއާ ލަންކާ ހުރިހާ ގޮތަކުން އެއްވަރުވެ ރާއްޖެ އަށް ސެމީން ފުރުސަތު ލިބުނީ ގުރުލައިގެންނެވެ. އެކަމަކު ސެމީގައި ނޭޕާލް 3-0 އިން ބަލިކޮށް އަދި ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށް ތަށި ނެގީ އެވެ.

އެ މުބާރާތަށް ފަހު ވެސް، މިދިޔަ އަހަރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ހޯދުމުން ވެސް ދަގަނޑޭ އަށް ސެގާޓް ފުރުސަތެއް ނުދި އެވެ. އެންމެ ފަހުން ޕްރެޝަރު ބޮޑުވެ ދަގަނޑޭ ފުރުސަތު ދިނީ ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ފަހުން ބުނީ ދަގަނޑޭ ޓީމަށް ނެގީ އޭނާ މާފަށް އެދުމުން ކަމަށެވެ. އެ މައްސަލައިގައި އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކާތީ ސެގާޓާ މެދު ގިނަ ބަޔަކު ނުރުހުންވި އެވެ.