Roadha Mihaaru
ސެގާޓުގެ ހިތްހަމަޖެހުމަކީ އަމިއްލަ ބާރު އޮތުން

ސެގާޓުގެ ހިތްހަމަޖެހުމަކީ އަމިއްލަ ބާރު އޮތުން

04 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި މިހާތަނަށް ރާއްޖޭން ކުޅުނު ދެ މެޗުން އެއްވަރުވެފައި ވިޔަސް އޮތް ހިތްހަމަޖެހުމަކީ އަމިއްލަ ބާރުގައި އަދިވެސް މުބާރާތުގައި ރަނގަޅު ވަނައެއް ހޯދުމުގެ ފުރުސަތު އޮތުން ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި މިހާތަނަށް ރާއްޖޭން ކުޅުނު ދެ މެޗުން އެއްވަރުވެފައި ވިޔަސް އޮތް ހިތްހަމަޖެހުމަކީ އަމިއްލަ ބާރުގައި އަދިވެސް މުބާރާތުގައި ރަނގަޅު ވަނައެއް ހޯދުމުގެ ފުރުސަތު އޮތުން ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ހޯމަ ދުވަހު ސްރީ ލަންކާއާ 0-0 އިން އަދި ދެ ވަނަ މެޗުގައި އިއްޔެ ވަނީ 1-1 އިން ބަންގްލަދޭޝްއާ އެއްވަރުވެފަ އެވެ.

ފަހު ވަގުތު އިންޑިއާ މުބާރާތުން ވަކިވުމުން ޝެޑިއުލަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން ރާއްޖެ އާއި ލަންކާ އަދި އިންޑިއާ އެއް ގްރޫޕެއްގައި އޮތްއިރު، އިންޑިއާ ނުކުޅޭތީ ފަހުން ވަނީ ފަސް ޓީމުގެ މެދުގައި ލީގު ބުރަކަށް ބަދަލުކޮށްފަ އެވެ. ފަހުން ވެސް ކުޑަ ބަދަލެއް ޝެޑިއުލަށް ވަނީ ގެނެސްފަ އެވެ. މިހާރު އޮތްގޮތުން ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށްދާނެ އެވެ. ލޯ މެޑަލް ލިބޭނީ ތިން ވަނަ އަށް ދާ ޓީމަކަށެވެ.

ފުޓްބޯޅަ އިވެންޓުގައި މިހާތަނަށް ނޭޕާލާއި ލަންކާ ފިޔަވައި ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފަ އެވެ. އިއްޔެ ބޫޓާން އަތުން 4-0 އިން މޮޅުވި ނޭޕާލް އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާއި ފައިދާ ލަނޑުގެ ތަފާތުންނެވެ. ބޫޓާން ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އަށް ދެ މެޗުން ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ލަންކާ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ބަންގްލަދޭޝަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.

ރާއްޖޭން މި ފަހަރުގެ ގޭމްސްގެ ފުޓްބޯޅަ އިވެންޓާ ކުރިމަތިލިއިރު ޓާގެޓަކީ ރަން މެޑަލެވެ. ފުރަތަމަ ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބި އޮތްއިރު ސެގާޓް ހުރީ ދެން ހުރި މެޗުތަކާ މެދު ބޮޑު އުއްމީދެއްގަ އެވެ.

"އަހަރެމެންނަށް މޮޅަށް ކުޅެވި. ފުރުސަތު ވެސް ލިބި މޮޅުވުމުގެ އެ ބޭނުންވާ ނަސީބު ނުލިބި މިދަނީ. އެކަމަކު އަހަރެމެން މި މާހައުލަށް އެބަހޭނޭ. ކުރިން މެޗަށް ވުރެން މި މެޗަށް ފަހު ކުޅުންތެރިންގެ ރޫހު ރަނގަޅު. އަދިވެސް އަހަރެމެން އަތުގައި މި އޮތީ ބާރު. ދެން އޮތް ބޫޓާން މެޗުން މޮޅުވެގެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާންވީ،" ސެގާޓް ބުންޏެވެ.

ރާއްޖޭން ދެން ކުޅޭ މެޗުގައި ބުރާސްފަތި ދުވަހު ބޫޓާނާއި ދެކޮޅަށް ކުޅުމަށް ފަހު ހޮނިހިރު ދުވަހު ބައްދަލުކުރާނީ ނޭޕާލާ އެވެ. މިހާރު އޮތްގޮތުން ފައިނަލަށް ދެވޭނީ އެ ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެގެންނެވެ.

އިއްޔެގެ މެޗުގައި ރާއްޖޭން ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކިއިރު ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި މުހައްމަދު ސާމިރާއި ހަސަން ރާއިފް (ހަންނަ)ގެ ކުޅުން ފާހަގަކުރަންޖެހެ އެވެ. ސެގާޓް ބުނީ އެ ދެ ކުޅުންތެރިންނާ އެކު މުޅި ޓީމުގެ މަސައްކަތް ފާހަގަކުރާ ކަމަށާއި އެހެން ނަމަވެސް ކީޕަރު ހުސެން ޝަރީފް (ހުސެން) ހާއްސަ ކަމަށެވެ.

"އަހަރެމެންގެ މިތިބި ތިން ކީޕަރުންނަކީ ވެސް އެހާ ގިނައިން ކްލަބް ލެވެލްގައި ނުކުޅޭ ކީޕަރުން. އެކަމަކު ހުސެން މިއަދު އަހަރެމެން ސަލާމަތްކޮށްދީފި ފަހު ވަގުތު އެ ކުރި މޮޅު ސޭވް އިން. ހަގީގަތުގައި އަހަރެމެންނަށް އެހާ ފުރުސަތު ލިބި ބޭނުންނުހިފެންޏާ އެ ޓީމަށް ލިބޭ ބޯޅަ ނުރައްކާވާނެ. އެ ފަދަ ވަގުތެއްގައި އަހަރެމެންގެ ކީޕަރު ތަފާތު ދައްކައިފި،" ސެގާޓް ބުންޏެވެ.

ގިނަ ބަޔެއްގެ ނަޒަރުގައި މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަކީ ރަން މެޑަލް ނެގޭނެ ފެންވަރުގެ ޓީމެކެވެ. ބަންގްލަދޭޝްގެ އިނގިރޭސި ކޯޗު ޖޭމީ ޑޭގެ ނަޒަރުގައި ފޭވަރިޓުންނަކީ ރާއްޖެ އާއި ނޭޕާލް އެވެ. ރާއްޖޭން އެންމެ ފަހުން އޮތް ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.