Roadha Mihaaru
ލަންކާގައި މަރުގެ އަދަބު ދިނުން އަނެއްކާވެސް ފަސްކޮށްފި

ލަންކާގައި މަރުގެ އަދަބު ދިނުން އަނެއްކާވެސް ފަސްކޮށްފި

10 ޑިސެމްބަރ 2019

ކޮލަމްބޯ (ޑިސެމްބަރު 10) - ސްރީ ލަންކާގައި މަރުގެ އަދަބު ތަންފީޒްކުރުން އަނެއްކާވެސް ފަސް ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޑިސެމްބަރު 10) - ސްރީ ލަންކާގައި މަރުގެ އަދަބު ތަންފީޒްކުރުން އަނެއްކާވެސް ފަސް ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފި އެވެ.

މިއީ މަރުގެ އަދަބު ތަންފީޒް ކުރުން ފަސްކުރި ތިން ވަނަ ފަހަރެވެ. މަރުގެ އަދަބު ދިނުން ސުޕްރީމް ކޯޓުން މިހާރު ފަސްކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު 20 އަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައި ވަނީ އެ ކޯޓަށް ހުށަހެޅިފައިވާ ޕެޓިޝަންތަކާ މެދު މާޗް 17، 18 އަދި 19 ގައި ގޮތެއް ނިންމުމަށެވެ.

ޑްރަގުގެ ކުށުގައި ކުށްވެރިފައިވާ ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ ލިޔުމުގައި ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ޖޫން މަހު ސޮއިކުރައްވައިފަ އެވެ. އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންތަކާ ގުޅިގެން ލަންކާގެ އެންމެ މަތީ ކޯޓުން ވަނީ އޮކްޓޯބަރު 29 ގައި ކޯޓުން ވަކި ގޮތެއް ނުނިންމަނީސް މަރުގެ އަދަބު ތަންފީޒް ނުކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް މަރުގެ އަދަބާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި 19 ޕެޓިޝަނާ ގުޅިގެން ފަހުން ވަނީ އޮކްޓޯބަރު 29 ގެ މުއްދަތު ޑިސެމްބަރު 9 އާ ހަމައަށް އިތުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންތަކުގައި ބުނެފައި ވަނީ މަރުގެ އަދަބު ދިނުމަށް ހަމައެކަނި ޑްރަގުގެ ކުށުގައި ކުށްވެރިވެފައިވާ ހަތަރު މީހުން ހޮވުމަކީ އެންމެންނާ މެދު އެއްހަމައަކުން ކަންކުރުމަށް ގާނޫނު އަސާސީގައި ބުނާ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. އެހެންވެ ޕެޓިޝަންތަކުގައި އެދިފައި ވަނީ ވަކި ބަޔަކާ ދެކޮޅަށް މަރުގެ އަދަބު ދިނުން ސުޕްރީމް ކޯޓުން ހުއްޓުވައި ދިނުމަށެވެ.

ސިރިސޭނާގެ ވެރިކަން ނިމިގެން ދިޔައީ ލަންކާގައި މަރުގެ އަދަބު އަލުން ތަންފީޒް ކުރުމަށް އެމަނިކުފާން ކުރެއްވި މަސައްކަތް ކާމިޔާބު ނުވެ އެވެ.

ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ މީގެ 40 އަހަރު ކުރިންނެވެ.