Roadha Mihaaru
"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި

"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި

16 ޑިސެމްބަރ 2019

ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ މޫސުން މިހާރު މި އޮތީ ފެށިފަ އެވެ. އެކަމަކު "ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެއްޖެ އެވެ. ޓޫރިސްޓުން ރާއްޖޭގެ އެނދުތައް ބުކްކުރާ ގޮތައި ޓޫރިސްޓުން ހޭދަކުރާ މުއްދަތާއި، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ޗާޓުގައި މިހާރު ފެންނަނީ ތަފާތުތަކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ މޫސުން މިހާރު މި އޮތީ ފެށިފަ އެވެ. އެކަމަކު "ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެއްޖެ އެވެ. ޓޫރިސްޓުން ރާއްޖޭގެ އެނދުތައް ބުކްކުރާ ގޮތައި ޓޫރިސްޓުން ހޭދަކުރާ މުއްދަތާއި، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ޗާޓުގައި މިހާރު ފެންނަނީ ތަފާތުތަކެވެ.

މުޅި ދުނިޔޭގެ ޓޫރިޒަމަށް ވެސް، އާ ޓެކްނޮލޮޖީގެ ތެރެއިން، އިންގިލާބީ ބަދަލުތަކެއް އެބަ އާދެ އެވެ. ކުރީގައި ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް، ހޮޓާތަކާއި ރިސޯޓްތައް ބުކްކުރަމުން އައި ސަގާފަތް ގާތްގަނޑަކަށް އުވި، ގިނަ މީހުން ޗުއްޓީ ހޭދަކުރާނެ ތަން ކަނޑައަޅައި، ޖާގަ ހޯދަނީ އޮންލައިންކޮށެވެ.

ކުރީގައި ނަމަ ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕެންސީ ދުރާލާ އެނގެ އެވެ. ރިސޯޓްތައް ފުރޭނެ ދުވަސްވަރާއި ނުފުރޭނެ ދުވަސްވަރުގެ ރަނގަޅު އަންދާޒާއެއް ހެދެ އެވެ. އެކަމަކު މިހާރު، ކުރީގެ ޕީކް ސީޒަންގައި، ކުރިއާލައި މާ ބޮޑަށް ތަންތަން ފުރުމުގެ ބަދަލުގައި، ހަމަ ކުއްލިއަކަށް ވެސް ބުކިންސްތަކެއް އަތުވެދާނެ އެވެ.

މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، ތާރީޚުގައި ފުރަތަމަ ފަހަރަށް، 1.5 މިލިއަން ވަނީ ހުރަސްކޮށްފަ އެވެ. އެކަމަކު ބައެއް ބޮޑެތި އަދި މަޝްހޫރު ރިސޯޓްތަކުގެ އޮކިއުޕެންސީ ހުރީ، ބައެއް މީހުން ބުނާ ގޮތުގައި، މިދިއަ އަހަރުގެ މި ދުވަސްވަރަށް ވުރެ ދަށްކޮށެވެ.

"ތަންކޮޅެއް ދަށްކޮށް މި ފެންނަނީ މި އަހަރުގެ މި ދުވަސްވަރު،" ރާއްޖޭގެ ވަރަށް ތަފާތު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"މިދިއަ އަހަރުގެ މި ދުވަސްވަރު މި ރިސޯޓް ޑިސެމްބަރުގެ މިހާތަނަށް އޮތީ ފުރިފައި. މިފަހަރު ފުރޭނެ ކަމަށް ބެލެވެނީ ސީދާ ކްރިސްމަހަށް، އާ އަހަރަށް."

އެކަމަކު ރިސޯޓްތައް ހިންގާ ބޮޑެތި ބައެއް ކުންފުނިތަކުގެ އުއްމީދު ހުރީ މި އަހަރުގެ މި ސީޒަން ކުރީ އަހަރަށް ވުރެ ކާމިޔާބުވާނެކަމުގެ އަމާޒުގަ އެވެ. އޭގެ ތެރެއިން އެއް ކުންފުންޏަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އެވެ. އެ ކުންފުނީގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް މާކެޓިން، އަހުމަދު ޝާހީން ވިދާޅުވީ މި އަހަރުގެ ޕީކް ސީޒަން "މިދިޔަ އަހަރުތަކަށް ވުރެ ވެސް ރަނގަޅުވާނެ" ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ޕީކް ސީޒަން ފެންނަނީ ވަރަށް ވެސް އުޖާލާކޮށެވެ. ބުކިންސްތަކަށް ބަލާ އިރު، ބޭނުންވާ ނަތީޖާ ހާސިލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރައުން އިން އަންނަނީ އެ ކުންފުނީގެ ވިޔަފާރި ވެސް ވަރަށް ވެސް ބޮޑަށް ފުޅާކުރަމުންނެވެ. ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ކުޑަޑޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ ފަދަ ރިސޯޓުތައް ހިމެނެ އެވެ.

މީރު އައިލެންޑް ރިސޯޓު: އަބަދުވެސް އޮކިއުޕަންސީ މަތީގައި ހިފަހައްޓާ ރިސޯޓެއް

މީރު އައިލެންޑް ރިސޯޓު: އަބަދުވެސް އޮކިއުޕަންސީ މަތީގައި ހިފަހައްޓާ ރިސޯޓެއް

"ކުރިއަށް އޮތް ދުވަސްތައް ވަރަށް ފުލްކޮށް ފެންނަނީ،" ޝާހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކްރިސްމަސްގެ ކުރިން އަންނަ ހަފްތާގައި ރިސޯޓްތައް އާންމު ގޮތެއްގައި ވެސް "ތަންކޮޅެއް ހުސްކޮށް ދެ" އެވެ. އެއަށް ފަހު ދެން އޮތީ މި ސީޒަންގެ އެންމެ ބާރު ބޮޑު ދުވަސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިދިޔަ ފަސް އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް ތަޖުރިބާކުރީ އެފަދަ ހާލަތެކެވެ. އެހެންކަމުން ކުރިސްމަސްގެ ކުރިން ބައެއް ރިސޯޓްތައް ނުފުރުނު ނަމަވެސް، ޝާހީން ވިދާޅުވީ، "އެއީ ކަންބޮޑުވާ ކަމެއް ނޫން" ކަމަށެވެ.

"އަޅުގަނޑުމެން އެކަމަށް ކޮންމެ އަހަރަކު ވެސް ތައްޔާރުވަން،" އޭނާ ވިދާޅުވި އެވެ.

ލަކްސް ކުންފުނީގެ ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކުއަލިޓީ އަފީފު ހުސައިން ވިދާޅުވި ގޮތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް ލަކްސްގެ ރިސޯޓުތަކުގެ އޮކިއުޕެންސީ މި އަހަރު އުޅެނީ 80 ޕަސެންޓަށް ވުރެ މަތީގަ އެވެ. އޭނާގެ ތަޖުރިބާއަކީ، ޓޫރިޒަމް ދާއިރާއަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ރިސޯޓްތަކަށް ވެސް ކުރާ ކަމެވެ. އެގޮތުން އެންމެ ފަހު ވަގުތު ވެސް ކުއްލިއަކަށް އެތައް ބުކިންއެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓްރެވެލިން މާކެޓަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައި. ކްރިސްމަސް ސީޒަންގައި ވެސް ލާސްޓް މިނެޓް ބުކިންތައް ވަރަށް ގިނަ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް މި އަހަރު ޓޫރިސްޓުން އެންމެ ގިނައިން އައި ގައުމުތަކުގެ ލިސްޓަށް ވެސް ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކެއް އަތުވެއްޖެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ޓޫރިސްޓުން އައި މިންވަރު އެތައް ގުނައެއް މައްޗަށް ދިއުން، ބައެއް މީހުން ފާހަގަކުރަނީ، ވަރަށް ތަފާތު މަންޒަރެއްގެ ގޮތުގަ އެވެ.

މިދިއަ އަށެއްކަ އަހަރު، ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރުމުގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ޗައިނާގެ ޓޫރިސްޓުންގެ ހިއްސާ އެންމެ މަތީގައި އުޅޭ އިރު، އާބާދީގެ ނިސްބަތުން ދުނިޔޭގެ ދެ ވަނަ ގައުމުން އަންނަ ޓޫރިސްޓުން ގިނަވުމަކީ، އޮކިއުޕެންސީ ހިފަހައްޓަން ހުޅުވުނު އާ ދޮރެއް ކަމަށް ބެލެވެ އެވެ.

އަލަށް ހުޅުވި ކްރޮސްރޯޑްސްގެ ހާޑް ރޮކް ރިސޯޓަށް ދާ މަގު: މިއީ ވެސް ތަފާތު ރިސޯޓެއް -- ފޮޓޯ:ހުސައިން ވަހީދު/ މިހާރު

އަލަށް ހުޅުވި ކްރޮސްރޯޑްސްގެ ހާޑް ރޮކް ރިސޯޓަށް ދާ މަގު: މިއީ ވެސް ތަފާތު ރިސޯޓެއް -- ފޮޓޯ:ހުސައިން ވަހީދު/ މިހާރު

އެކަމަކު ކުރާ ހޭދައަށް ބޮޑު ބަދަލެއް!

ރާއްޖޭގައި އެއް އަަހަރުން އަނެއް އަހަރަށް ހުޅުވާ ރިސޯޓުތައް އަންނަނީ އިތުރުވަމުންނެވެ. އެކަމަކު ރިސޯޓުތަކުގައި ޓޫރިސްޓުން ކުރާ ހޭދައަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ ބައެއް ފަރާތްތަކުން ބުނެ އެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ފިރާގު ވިދާޅުވީ މިދިޔަ ފަސް އަހަރެއްހާ ދުވަހު ރާއްޖެ އަންނަ ޓޫރިސްޓުންގެ ހަރަދު ކުރުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އިންޑިޔާ ޓޫރިސްޓުން އަބަދުވެސް ހަރަދަށް ވަރަށް ބޮޑަށް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޑިޔާއިން އަންނަ މަހުޖަނުންގެ އާދަ ވެސް ހުންނަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔޫރަޕް މީހުންނާ އަޅާބަލާ އިރު އިންޑިޔާ މީހުން ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ،" ފިރާގު ވިދާޅުވި އެވެ.

އާންމު ގޮތެއްގައި މިއީ ރިސޯޓުތަކުން ހާއްސަ އޮފާތައް ނުވަތަ ހާއްސަ ރޭޓުތައް ދޭ ދުވަސްވަރެއް ނޫނެވެ. ނަމަވެސް މި އަހަރުގެ ޕީކް ސީޒަންގައި އެންމެ މަތީ ފަންތީގެ ރިސޯޓުތަކުން ވެސް ވަނީ ހާއްސަ އަގުތަކުގައި ކޮޓަރިތައް ވިއްކަން ހުޅުވާލައިފަ އެވެ.

ފިރާގު ވިދާޅުވީ ޕީކް ސީޒަނުގައި ހާއްސަ ޕްރޮމޯޝަން ހުޅުވާލަނީ ރިސޯޓުތައް ފުލް ނުވާތީ ކަމަށެވެ. އަދި ކުރިއާ ހިލާފަށް ރިސޯޓުތަކުގެ ރޭޓުތައް ވެސް ވަރަށް ބޮޑަށް ހެޔޮވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޓުއާ އޮޕަރޭޓަރެއްގެ ގޮތުން ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޔޫސުފް ރިއްފަތު ވިދާޅުވި ގޮތުގައި އިންޑިޔާއިން އަންނަ 80 ޕަސެންޓު ޓޫރިސްޓުން ޒިޔާރަތް ކުރަނީ މެދު ފަންތީގެ ރިސޯޓުތަކަށެވެ. އެހެންކަމުން މި ދާއިރާގެ ޖުމްލަ އާމްދަނީ ދަށްވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން މިހެން އޮތަސް މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރަކީ ޓޫރިޒަމް ދާއިރާގައި ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ރާއްޖޭގެ ރިސޯޓެއްގެ ޕޫލް އޭރިއާ: ކުއްލިއަކަށް ލިބޭ ބުކިންސްތައް މިހާރު ގިނަ -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ރާއްޖޭގެ ރިސޯޓެއްގެ ޕޫލް އޭރިއާ: ކުއްލިއަކަށް ލިބޭ ބުކިންސްތައް މިހާރު ގިނަ -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"ރާއްޖެ ވަރަށް ބޮޑަށް އަމާން. މިއީ ޓޫރިސްޓުން ގިނަވާ އެންމެ ބޮޑު އެއް ސަބަބު. ކުރިއަށް މިއޮތް އަހަރުގެ މާޗު މަހާ ހަމަޔަށް ވެސް ގިނަ ރިސޯޓުތައް އޯވާ ބުކްވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

މި އަހަރު ނިމޭ އިރު 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެ އެވެ.

ކްރިސްމަސް އާއި އާ އަހަރަށް މި ވަގުތު އެނދުތައް ނުފުރޭ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން އަދި މާ ބޮޑަށް ހާސްވެގެން ނޫޅެފާނެ އެވެ. ޓޫރިސްޓުންގެ އާދަތަކަށް ބަލާއިރު އަދި ހުޅުވިފައިވާ ޒަމާނީ ފަސޭހަތަކަށް ބަލާއިރު، އެންމެ ފަހު ވަގުތު ވެސް އެތައް ބަޔަކަށް މަރުހަބާ ކިޔަން ޖެހިދާނެ އެވެ.