Roadha Mihaaru
ގާސިމްގެ މަރު: ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމަކަށް

ގާސިމްގެ މަރު: ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމަކަށް

26 މެއި 2022

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ޓެކްސީގައި ދުއްވާފައި ދަނިކޮށް ގާސިމްގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް އެ ހަމަލާދިން ކަމަށް އެއްބަސްވިޔަސް، އޭނާ ބުނާގޮތުން ގާސިމް މަރާލީ ގަސްދަކު ނޫނެވެ. އެއީ ފައިސާ ފޭރެން އުޅުމުގެ ތެރޭގައި އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް އޭނާ ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެންމެ ފަހު ހެކިވެރިއެއްގެ ގޮތުން ހާޒިރުކުރީ ގާސިމްގެ މެޑިކޯ ލީގަލް ރިޕޯޓާ ބެހޭގޮތުން ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރެކެވެ. އެ ރިޕޯޓުގައި ހުރި ކަންކަން އޭނާ ކޯޓުގައި ތަފްސީލުކޮށް ކިޔައިދިނެވެ.

ގާސިމް

ގާސިމް

ބާކީ ދެ ހެކިވެރިއަކު ހާޒިރު ނުކުރެވި ތިއްބަސް، ދައުލަތުގެ އެދުމުގެ މަތިން ކޯޓުން މިއަދު ނިންމީ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލާށެވެ. އެއީ ބާކީ ތިބި ދެ މީހުންގެ ތެރެއިން އާންމުން މީހަކު ކޯޓަށް ހާޒިރު ނުވާތީ އާއި ދެން ހުރި ފުލުސް މީހާ ރާއްޖެއިން ބޭރުގައި ހުރުމުންނެވެ.

ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމާ އެކު، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި ދެން އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުން އަންނަ މަހު ބާއްވާނެ އެވެ.

ގާސިމްގެ މަރުގެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ ކުށަށް އިއުތިރާފްވުމުން ލުއި އަދަބެއް ލިބޭ ގޮތަށް އަދުހަމާ އެކު ހެދި އިއުތިރާފް އެއްބަސްވުމަކާ އެކު އެވެ. އަދުހަމް ކޯޓުގައި ކުށަށް އެއްބަސްވުމަށްފަހު ފަހުން އެކަމަށް އިންކާރު ކުރުމުން އެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި އޭނާ ފަހުން ކުށަށް އެއްބަސްވިޔަސް، ލުއި އަދަބެއް ދެން ނުލިބޭނެ އެވެ.