Roadha Mihaaru
މަރީގެ މައްސަލަ ކޮމިޓީން ބަލަނީ

މަރީގެ މައްސަލަ ކޮމިޓީން ބަލަނީ

19 ޑިސެމްބަރ 2019

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާ (މަރީ)، ސަރުކާރުގެ ހަފްލާއެއް ހުށަހަޅުއްވައި ދެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާ (މަރީ)، ސަރުކާރުގެ ހަފްލާއެއް ހުށަހަޅުއްވައި ދެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިއުލާނު ކުރަން ދަރުބާރުގޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި "ބުރަބި" ހަފްލާ ހުށައަޅުއްވާ ދެއްވީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި ކުޅަދާނަ އެއް ޕްރެޒެންޓަރު މަރީ އެވެ. ބްރޯޑްކޮމްގެ ރައީސްގެ މަގާމަށް އައްޔަންކުރިތާ މާ ގިނަ ދުވަހެއް ނުވެ، ސަރުކާރުގެ ހަފުލާއެއް ހުށައަޅުއްވަން އޭނާ ހުންނެވުމުން، ބައެއް މީހުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި ބްރޯޑްކޮމް އާއި މަރީގެ މިނިވަންކަމާ މެދު ވެސް އެތައް ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

މަރީ އަށް އަމާޒުވާ ފާޑު ކިއުންތަކާ ގުޅިގެން "މިހާރު" ގެ ޚަބަރާ އެކު ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ހަފްލާއެއް މަރީ ހުށަހަޅުއްވައި ދެއްވި މައްސަލަ ކޮމިޓީން ބަލާނެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅު މަޖިލިސް ހުޅުވުމުންނެވެ.

ރައްޔިތުންގެ މަޖިލީޖުގެ މެމްބަރުން މިހާރު ތިއްބެވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ މަސް ދުވަހުގެ ޗުއްޓީއެއްގަ އެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓު.

"މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަސް ޖެހުމެއް ނެތި ކުރަމުން ގެންދާނެ،" ޓުވީޓުގައި ރޮޒެއިނާ ވިދާޅުވި އެވެ.

އެ ޓުވީޓުގެ ތަފްސީލް ދެއްވަމުން ރޮޒެއިނާ "މިހާރު" އަށް މިއަދު ވިދާޅުވީ މަރީގެ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީގެ ބައެއް މެމްބަރުންގެ ވިސްނުން ހުރި ގޮތުން މަރީ ކުރެއްވީ އެންމެ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

"ކޮމިޓީ ބައްދަލުވުން ބާއްވާފައި އަޅުގަނޑުމެން އެކަމުގައި ކުރިއަށް ދާނެ ގޮތަކާ މެދުގައި ނިންމާނީ،" ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އެމްޑީޕީގެ ރޮޒެއިނާ ވިދާޅުވި އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވީ މިނިިވަން މުއައްސަސާތައް މިނިވަންކޮށްދީ، އެއްވެސް ފަރާތަކަށް ނުޖެހޭނެ މެމްބަރުން ލާނެކަމުގެ ޔަގީންކަމާ އެކު އެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ބައެއް މެމްބަރުންގެ އަމަލުތަކާ ހުރެ، އެ ކޮމިޝަންތަކުގެ މިނިވަން ކަމާ މެދު ސުވާލު އުފެދެން ވަނީ ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފްލާގައި ޕްރެޒެންޓަރެއްގެ ގޮތުން މަރީ ފެނުނީ ސަރުކާރުގެ މިނިސްޓަރުންނަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި ތަނެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަށް މަރީގެ ތައުރީފްގެ ބަސްތައް އޮއްސާލެއްވި އެވެ.

އެނގިފައިވާ ގޮތުގައި މަރީގެ މި އަމަލުތަކާ ގުޅިގެން އޭނާ އަށް މަޖިލިހުގައި ރުހުން ދިން މެމްބަރުން ވެސް ތިއްބެވީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އަދި އެމްޑީޕީ މެމްބަރުން މަރީ އަށް ގުޅުއްވައި އެފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި ކަން ވެސް އެނގިފައިވެ އެވެ.