Roadha Mihaaru
މެމްބަރުން ނެގުމުގައި ޖަޒުބާތު ވެގެން ނުވާނެ: ނަޝީދު

މުއައްސަސާތަކަށް މެމްބަރުން ނެގުމަކީ ޖަޒުބާތުގައި ކުރާ ކަމަކަށް ވެގެން ނުވާނެ: ނަޝީދު

06 އޯގަސްޓް 2019

މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމަކީ ޖަޒުބާތުގައި ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމަކީ ޖަޒުބާތުގައި ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ގޮތަށް މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމާއި ފަނޑިޔާރުން ނެގުމަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ނަޝީދު ނިންމަވައި، މަޖިލިހުގެ ގަވައިދަށް އެ އިސްލާހު ގެނައުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

މަޖިލިހުގެ ގަވައިދަށް ބަދަލުތަކެއް ގެނެސް، 17 ކޮމިޓީއެއް އުފައްދައި އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި އިރު، މިނިވަން މުއައްސަސާތަކަށް ލިބޭ ބައެއް ބާރުތައް ވަނީ އެހެން ކޮމިޓީތަކަށް ބަހާލައިފަ އެވެ. އެގޮތުން، ބައެއް މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އެހެން ކޮމިޓީތަކަށް ދީފައިވެ އެވެ. އެކަމަކު، ނަޝީދު ބޭނުންފުޅު ވަނީ މުއައްސަސާތަކަށް މީހުން ނެގުމަށް ވަކި ހާއްސަ ކޮމިޓީއެއް ހެދުމަށެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގައި މުޅި މަޖިލިސް ޝާމިލް ކުރެވޭތޯ ބެލުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތާއި އައްޔަން ކުރުމާއި ވަކިކުރުމަކީ ތަފާތު ދެ މަސައްކަތެކެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގެ ބައެއް އިސް ބޭފުޅުން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަރުކާރުގެ ބައެއް ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގެ ބައެއް އިސް ބޭފުޅުން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގައި ހަމައެކަނި އެމްޑީޕީގެ ބައިވެރިވުން އޮންނަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ދާއިމީ 17 ކޮމިޓީގެ މުގައްރިރުންނާއި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިނިވަން މުއައްސަސާތައް މެދުވެރިކޮށް ޖަވާބުދާރީކުރުވަނިވި ދައުލަތެއް ހިންގުން އެއީ މި މަޖިލިހުގެ ވަރަށް ބޮޑު އަމާޒެއް. އަދި އެމްޑީޕީ އާއި އެހެން ޕާޓީތަކަށް އަމާޒު ރޭވިފައި އޮންނަނީ އެ މަގުގައި،" މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ނަޝީދު މަޖިލިހުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމަކީ ހަމައެކަނި މަޖިލިހުގެ އެއް ކޮމިޓީއަކުން ކުރާ ބާވަތުގެ ބޮޑު މަސައްކަތެއް ނޫނެވެ. އެކަމަށް މަޖިލިސް ޝާމިލް ވާނެ ފަދަ ކޮމިޓީއެއް އުފެއްދުން މުހިންމު ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތަށް އެރީ އެފަދަ ކޮމިޓީއެއް ވީމާ، އަޅުގަނޑު، މަޖިލިހުގެ ރައީސަށް އެ ކޮމިޓީ ބެލެހެއްޓިދާނެއޭ. ނަމަވެސް އެއީކީ އެހާ މުހިންމު ކަމެއް ނޫން، ކޮމިޓީގެ ރިޔާސަތު ބަލަހައްޓަނީ ކޮން ބޭފުޅެއްތޯ؟ ތިން އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކަށް މީހުން ނެގުމުގައި މަޖިލިހުން އަމަލު ކުރަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަން ކަށަވަރު ކުރުމަށް ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ހަމަ މަޖިލިހުގެ ކޮމިޓީއެއްގައި މެމްބަރުން ތިއްބަވާފައި ޖަޒުބާތުގައި، ޖޯޝުގައި އަޅުގަނޑުމެން ކުރާ ކަމެއް ނޫން އެއީކީ،" ކޮމިޓީ ހައްދަވަން ތާއީދު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރޭގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރޭގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ނަޝީދު ވިދާޅުވީ މުޅި ގަވައިދު އިސްލާހުވެގެން އަންނަ އިރު، ނަޒާހަތްތެރި މަޖިލިހެއްގެ ސިފަތައް ގަވައިދުގެ ތެރެއިން ހިންގުމަށް ހިމެނިގެން ހިނގައިދާނެ ކަމަށެވެ. ގަވައިދު ދިރާސާ ކުރުމުގެ މަސައްކަތް ނިމުނު ނަމަވެސް އަދިވެސް ގަވައިދަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުން ފާސްކުރި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އައްޔަން ކުރުމުގެ ބާރު މާލިއްޔަތު ކޮމިޓީ އަށް ލިބޭ އިރު، ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު އޮތީ ޖުޑިޝަރީ ކޮމިޓީ އަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން ކަނޑައެޅުމުގެ ބާރު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް އޮތް އިރު، މީރާގެ ވެރިން ކަނޑައެޅުމުގެ ބާރު އޮތީ އިގްތިސާދީ ކޮމިޓީތަކަށެވެ.

ބާކީ ހުރި މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ކޮމިޓީއަކުން ކަމެއް ނިންމިޔަސް، އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް އަހަން ގަވައިދު ލާޒިމެވެ.