Roadha Mihaaru
އެމްޑީއެން އުވާލައިފި

އެމްޑީއެން އުވާލައިފި

19 ޑިސެމްބަރ 2019

މުދަލާއި ދަރަންޏާއި ޖަމިއްޔާއާ ގުޅޭ މައްސަލަތައް ނިންމުމަށް މުއްދަތު ދިނުމަށް ފަހު، އެންމެ ފަހުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) މިއަދު އުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުދަލާއި ދަރަންޏާއި ޖަމިއްޔާއާ ގުޅޭ މައްސަލަތައް ނިންމުމަށް މުއްދަތު ދިނުމަށް ފަހު، އެންމެ ފަހުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) މިއަދު އުވާލައިފި އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެމްޑީއެންއާ ގުޅޭ ހުރިހާ މައްސަލައެއް ނިންމުމަށް މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދިން ފުރުސަތު ހަމަވިއިރު އެއްވެސް އެއްޗެއް އެ ޖަމިއްޔާ އިން އަންގާފައި ނެތް ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން އެމްޑީއެން ރަސްމީކޮށް އުވާލާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެމްޑީއެން އުވާލާފައި މިވަނީ، އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައި އޮތުމަށް ފަހު އެވެ. ޖަމިއްޔާ އުވައިލަން ނިންމި ނަމަވެސް މިހާތަނަށް އެ ފިޔަވަޅު ނާޅައި އޮތީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށެވެ. އެންމެ ފަހުން، އެމްޑީއެން އުވައިލީ ގާނޫނުގެ ދަށުން ކަންކަން ނިންމަން އެ ޖަމިއްޔާ އަށް ފުރުސަތު ދިނުމަށް ފަހު އެވެ.

ޔޫތު މިނިސްޓްރީގެ ޓުވީޓް

މީގެ ހަ އަހަރު ކުރިން ރަޖިސްޓަރީ ކުރި އެމްޑީއެން އުވައިލުމަށް އެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކުރި އެވެ.

އެމްޑީއެން ރިޕޯޓުގައި، ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ކަމަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކަ އެކެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އަދިވެސް އެފަދަ އިތުރު ކަންކަން އޭގައި ވެ އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ވެސް އެންގި އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ފުލުސް އޮފީހަށް ހާޒިރެއް ނުވެ އެވެ. އެ ދެ މީހުން ވެސް ދިރިއުޅެނީ ރާއްޖެ އިން ބޭރުގަ އެވެ.