ހުސައިން ހަމީދު، 27، އާއި އޭނާގެ އަންހެނުންނަށް ކޮންމެ އަހަރެއްގެ އެންމެ ހާއްސަ ދުވަސްވަރަކީ އެކުގައި ހޭދަކޮށްލާ ޗުއްޓީ އެވެ. އެކި ފަހަރު އެކި މަންޒިލެވެ. މިފަހަރު އެ ދެމަފިރިންގެ މަންޒިލަކީ މައްކާ އެވެ. މިއީ ދިވެހި ޒުވާނުން އުމުރާ އާއި ހައްޖު ވާން މި ފަހުން ދެމުން އަންނަ ސަމާލުކަމުގެ ތެރެއިން އެއް މިސާލެވެ.
20 ޑިސެމްބަރ 2019
ހުސައިން ހަމީދު، 27، އާއި އޭނާގެ އަންހެނުންނަށް ކޮންމެ އަހަރެއްގެ އެންމެ ހާއްސަ ދުވަސްވަރަކީ އެކުގައި ހޭދަކޮށްލާ ޗުއްޓީ އެވެ. އެކި ފަހަރު އެކި މަންޒިލެވެ. މިފަހަރު އެ ދެމަފިރިންގެ މަންޒިލަކީ މައްކާ އެވެ. މިއީ ދިވެހި ޒުވާނުން އުމުރާ އާއި ހައްޖު ވާން މި ފަހުން ދެމުން އަންނަ ސަމާލުކަމުގެ ތެރެއިން އެއް މިސާލެވެ.
"މަރުވާނެ އިރެއް ނޭނގޭނެ. ޒުވާން އުމުރުގައި ވެސް ކިތައް ޒުވާނުން އެ މަރުވަނީ. އެހެންވެ ބޭނުންވީ އަވަހަށް މިކަން [އުމްރާގެ އަޅުކަން] އަދާކުރަން،" ހުސައިން ބުންޏެވެ.
ކުރީގައި ނަމަ ރާއްޖޭގައި އުމްރާ އާއި ހައްޖުގެ އަޅުކަން އޮންނަނީ އުމުރުން ދުވަސް ވުމުން ކުރާ ކަމެއްގެ ގޮތުގަ އެވެ. ވަރަށް މަދު ފަހަރެއްގައި ނޫނީ ޒުވާނަކު ނުދެ އެވެ. ނަމަވެސް މިހާރު އެއީ މާޒީ އެވެ.
މިފަހަރު ސްކޫލު ބަންދުގައި އުމުރާއަށް ރާއްޖޭން 4،000 އެއްހާ މީހުން ދާއިރު އޭގެ ތެރޭގައި ގިނައީ ޒުވާން އުމުރުގެ މީހުންނެވެ. ބައެއް އާއިލާތައް އެކުގައި ވެސް ދެ އެވެ. އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ.
ދިވެހިންތަކެއް އުމްރާގެ އަޅުކަމުގައި: މިއީ މިހާރު ފަސޭހައިން ކުރެވެން އޮތް ކަމެއް
ކުރި ތަޖުރިބާގެ އަލީގައި ހުސައިން ބުނި ގޮތުގައި އުމްރާ އާއި ހައްޖުގެ އަޅުކަން އަދާކުރަން ދާންވީ ގައިގައި ވަރުހުރި، ޒުވާން އުމުރުގަ އެވެ. ސައުދީއަށް ދާން ކުރަން ޖެހޭ ފަސް ގަޑިއިރުގެ ދަތުރާއި އަޅުކަމުގައި އުޅެން ޖެހޭލެއް ބުރަ އެވެ. އެހެކަމުން ޒުވާން އުމުރުގައި މި މުހިންމު އަޅުކަން އަދާކުރުމުގެ ފަސޭހަ ބޮޑެވެ.
"އެހާ މީހުން ގިނަ ތަނެއްގައި އުޅެން ޖެހޭލެއް ބުރަ. ދަތުރުތައް އެހާ ދިގު. މިކަން ކުރަންވީ ހަމަ ޒުވާން އުމުރުގައި،" އުމްރާގައި ހޭދަކުރި 15 ދުވަހުގެ ތަޖުރިބާ ހުސެއިން ކިޔައިދިނެވެ.
ހުސެއިންގެ ދެމަފިރިން އުމުރާއަށް ދިޔައީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. ގިނަ އަދަދެއްގެ ދިވެހި ޒުވާން އަޅުވެރިންނާ މައްކާ އާއި މަދީނާ އިން އެ މީހުންނާ ބައްދަލުވި އެވެ. ވިސްނުމާއި ފިކުރުގެ ގޮތުން ގުޅޭ އެއްފުރާގެ ބަޔަކާ އެކު އެހެން އުޅެން ވަގުތު ލިބުމަކީ ވެސް، އުފަލެކެވެ.
"ދިވެހިން ނުފެންނަ ތާކަށް ނުދެވޭ. މަގުތަކުން ވެސް ވަރަށް ދިވެހިން ފެނޭ،" ހުސައިން ބުންޏެވެ.
އުމްރާގެ ދަތުރުތަކުގެ އަގު މިހާރު ނިސްބަތުން ބޮޑެއް ނޫނެވެ. ދިވެހި ގިނަ ޖަމާއަތްތަކުން އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. ފަނަރަ ދުވަހުގެ އުމުރާ ދަތުރެއްގެ އަގު އުޅެނީ މީހަކަށް 21،000ރ. އާއި 23،000ރ. އާ ދެމެދުގަ އެވެ.
ދިވެހި ކުޑަކުއްޖެއް އުމްރާއަށް ދާން އެއާޕޯޓްގައި: އާއިލާތައް އެކުގައި އުމުރާއަށް ދިއުން ވެސް އާންމު -- ފޮޓޯ: ގިބްލް ހައްޖު އެންޑް އުމްރާ
ކުޑަކުދިންނަށް ހާއްސަ އަގުތަކެއް ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ. ދެ އަހަރު ނުވާ ކުޑަކުއްޖެއް ނަމަ 7،000ރ. ނަގާއިރު ދެ އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ނަގަނީ 12،000ރ. އެވެ. ދިހަ އަހަރާއި 12 އަހަރާ ދެމެދު ކުދިންނަށް 17،000ރ. އަދި އެހެން އުމުރުތަކުގެ ސްކޫލް ކުދިންނަށް 20،000ރ. އެވެ.
"އެހެން ގައުމެއްގައި ޗުއްޓީ ހޭދަކުރަން ވެސް ދާނެ އެވަރު. މިކޮޅަށް އައިސް އަޅުކަންކޮށް ޝޮޕިން ވެސް އެބަ ކުރެވޭ. ރަނގަޅު ފިހާރަތައް އެބަހުރި. އެހެންވެ ގިނަ މީހުންނަށް މިކޮޅު ކަމުދަނީ،" ކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ޔާމީން އިދުރީސް ވިދާޅުވި އެވެ.
މިހާރު ގިބްލަ ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޔާމީން ވިދާޅުވި ގޮތުގައި އެ ޖަމާއަތުގެ ހަވާލުގައި މި މަހު އުމްރާއަށް ދާ 171 މީހުންގެ ތެރެއިން 70 ޕަސެންޓަކީ ޒުވާނުންނާއި ކުޑަކުދިންނެވެ.
"ޑިސެމްބަރު މަހާއި މާޗް މަހާއި ރޯދަ މަހުގެ އުމްރާގައި ވެސް ގިނައީ ޒުވާނުން. ކުރިއާ ބަލާއިރު މިހާރު މީހުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ،" މިވަގުތު މައްކާގައި ހުންނެވި ޔާމީން ވިދާޅުވި އެވެ.
ދިވެހިން އުމްރާގެ އަޅުކަމުގައި: އުމުރާ އަށް ޒުވާނުންގެ އަދަދު ގިނަ -- ފޮޓޯ: ގިބްލް ހައްޖު އެންޑް އުމްރާ
އޭނާ ވިދާޅުވި ގޮތުގައި އުމްރާއަށާއި ހައްޖަށް ޒުވާނުން ދާން ފެށީ ހިންގި ހޭލުންތެރިކުރުމުގެ އެކި މަސައްކަތްތަކުގެ ސަބަބުންނެވެ. އެކަން ދިވެހިންގެ ތެރޭގައި އާންމުވިތާ އަދިވީ ދެތިން އަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުމުރުން 30ގެ އަހަރުތަކުގައި އުޅޭ މީހުން ގިނައީ. ޒުވާން ދެމަފިރިން ވެސް މިހާރު ވަރަށް އާދޭ،" ޔާމީން ވިދާޅުވި އެވެ.
އުމުރާ އާއި ހައްޖުގެ އަޅުކަމާ މެދު ޒަމާނުއްސުރެ ދިވެހިން ދެކެމުން އައި ގޮތް މި ވަނީ ބަދަލުވެފަ އެވެ. ދިވެހި ގިނަ ޒުވާނުންގެ މަންޒިލަކަށް މައްކާ އާއި މަދީނާ ވެއްޖެ އެވެ.
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
މިދިޔައަހަރު 18.5 މިލިއަން މީހުން ހައްޖާއި އުމްރާވި
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ
ހުއްދަ ނުނަގާ އުމްރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ