Roadha Mihaaru
އެމެރިކާގައި ސިނގިރެޓް ވިއްކާ އުމުރު 21 އަށް

އެމެރިކާގައި ސިނގިރެޓް ވިއްކާ އުމުރު 21 އަށް މަތިކޮށްފި

22 ޑިސެމްބަރ 2019

އެމެރިކާގައި ސިނގިރެޓާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތައް ވިއްކާ އުމުރު 21 އަށް މަތިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި ސިނގިރެޓާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތައް ވިއްކާ އުމުރު 21 އަށް މަތިކޮށްފި އެވެ.

ދުންފަތް ބޭނުންކުރުމާއި ވިއްކުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑޮނަލްޓް ޓްރަމްޕް ތަސްދީގުކުރައްވާފައި ވަނީ ހުކުރު ދުވަހު އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ދުންފަތާ ގުޅުން ހުރި ބާވަތްތައް ވިއްކާ އުމުރު 18 އިން 21 އަށް ބަދަލުކުރުމަކީ ވަރަށް ހެޔޮ ބަދަލަކަށްވާނެ އެވެ. އަދި މީގެ ސަބަބުން އެ ވަބާއިން ކުރިމަތިވާ މައްސަލަތަކާ ދެކޮޅަށް އެމެރިކާ އިން ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އީ-ސިނގިރެޓާ އެކު މި ފަހުން ބޮޑުވެފައިވާ ވޭޕިންއާ ގުޅުން ހުރި ސިއްހީ މައްސަލަތަކާއި މި ވަބާގައި ޖެހޭ ކުދިންގެ އަދަދު ވެސް އިތުރުވަމުންދާތީ އެމެރިކާގެ 19 ސްޓޭޓެއްގައި ކުރިން ވެސް ވަނީ އުމުރުން 21 އަހަރުގެ ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާކޮށްފަ އެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ކެމްޕޭން ފޮ ޓޮބޭކޯ-ފްރީ ކިޑްސް އިން ބުނެފައިވާ ގޮތުގައި 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތާ ގުޅުން ހުރި އެއްޗެހި ވިއްކުން މަނާކޮށްފައިވާ ސްޓޭޓްތަކަކީ އާކަންސަސް، ކެލިފޯނިއާ، ކަނެކްޓިކަޓް، ޑެލަވެއާ، ހަވާއީ، އިލިނޮއިސް، މެއިން، މޭރީލޭންޑް، މެސެޗޫސެސް، ނިއު ޖާޒީ، ނިއު ޔޯކް، އޮހައިއޯ، އޮރެގަން، ޕެންސިލްވޭނިއާ، ޓެކްސަސް، އަޓާ، ވާމަންޓް، ވާޖިނިއާ އަދި ވޮޝިންޓަނެވެ.

އެމެރިކާގައި ވޭޕިންގެ މައްސަލަ ބޮޑުވެ، ފުއްޕާމޭ ހަލާކުވެ މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓްރަމްޕް ވަނީ އެކި ރަހަތަކުގެ ދިޔާ އެއްޗެހި އަޅައިގެން ބޭނުންކުރާ އީ-ސިނގިރެޓް މަނާކުރައްވާނެ ކަމުގެ އިޝާރާތްތަކެއް ވެސް ދެއްވައިފަ އެވެ.

އެހެންވެ މިކަމާ ގުޅުން ހުރި މަސައްކަތްތައް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން މިހާރު އަންނަނީ ކުރަމުންނެވެ.

އުމުރުން 21 އަހަރުގެ ދަށުގެ މީހުންނަށް ސިނގިރެޓް ވިއްކުން މަނާކުރުމާ ގުޅިގެން އެފްޑީއޭގެ ކޮމިޝަނަރު ޑރ. ސްޓެފެން އެމް ހާން ވެސް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ކުރިމަގުގެ ޖީލުތަކުގެ ރައްކާތެރިކަމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެކެވެ.