Roadha Mihaaru
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން

އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން

15 އޮކްޓޯބަރ 2024

ރާއްޖެއަކީ އާބާދީގެ ނިސްބަތަށް ބަލާއިރު، ވޭޕާއި ސިނގިރޭޓް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމުގައި ވަރަށް މަތީގައި އުޅޭ ގައުމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު، ނެތީ ހަރުކަށި ފިޔަވަޅު އަޅަން ކެރޭނެ ސަރުކާރެކެވެ. ވެރިއެކެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމެވީ އެފަދަ ވަރުގަދަ ނިންމެވުމެކެވެ. ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކުރަން ނިންމެވީ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަކީ އާބާދީގެ ނިސްބަތަށް ބަލާއިރު، ވޭޕާއި ސިނގިރޭޓް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމުގައި ވަރަށް މަތީގައި އުޅޭ ގައުމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު، ނެތީ ހަރުކަށި ފިޔަވަޅު އަޅަން ކެރޭނެ ސަރުކާރެކެވެ. ވެރިއެކެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމެވީ އެފަދަ ވަރުގަދަ ނިންމެވުމެކެވެ. ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކުރަން ނިންމެވީ އެވެ.

މިއީ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މިދިޔަ ހުރިހާ ދުވަހެއްގައި ސަރުކާރުތަކަށް ދެމުން އައި ނަސޭހަތެކެވެ. އެކަމަކު ކޮންމެ ބަޔަކު ވެސް ފަހަތުފަޔަށް ބުރަވެ، ވިސްނީ ސިޔާސީ ގޮތުން ލިބޭނެ ގެއްލުމަށެވެ. ގިނަ ބައެއްގެ ތާއީދު ގެއްލުމުގެ ބިރަށްޓަކައި ނީވޭ ވާހަކައަކަށް ހެދީ އެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށް އަންނަ މަހުން ފެށިގެން އީ-ސިނގިރޭޓް އަދި ވޭޕް އެތެރެކުރުން މަނާކުރުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ އެންމެ ވަރުގަދަ ފިޔަވަޅެވެ.

ރައީސް މުއިއްޒު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފަ އެވެ.

މި ހިސާބުން އަދި ނިިންމާނުލެވެ އެވެ. ސިނގިރޭޓްގެ ވިހަ ދުމުން ސަލާމަތް ކުރެވޭނެ ގޮތްތައް ވެސް ހޯދަން ޖެހެ އެވެ. އޭގެ ގެއްލުން ނުވާ ބަޔަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންވެ، ވޭޕް އެތެރެކުރުމާއި ވިއްކުމާ ހިސާބުން ނުނިމޭނެތީ ދުންފަތުން ނަގާ ޑިއުޓީ އަންނަ މަހުން ފެށިގެން 8 ރުފިޔާ އަށް ބޮޑުކުރަން ވެސް ރައީސް މިއަދު ނިންމެވި އެވެ. އޭގެ ތެރޭގައި ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާ އިން އަށް ރުފިޔާއަށް ބޮޑުކުރުން ވެސް ހިމެނެ އެވެ.

އެންމެ ބޮޑު ވިސްނުމަކީ އާ ޖީލު ސަލާމަތްކުރުން

ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އަދި އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ވޭޕާއި އީ-ސިނގިރޭޓްގެ ޑިޒައިނާއި އޭގެ ރަހަ އަދި އިޝްތިހާރުތައް އެންމެ ބޮޑަށް އަމާޒު ކޮށްފައިވަނީ ޅަފުރައިގެ ކުދިންނަށެވެ.

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް: ދުންފަތުގެ ނުރައްކާ ކިހާ ބޮޑުކަން އެ ފޮޓޯތަކުން އެނގޭ - ފޮޓޯ: ނިޝާން އަލީ/މިހާރު

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް: ދުންފަތުގެ ނުރައްކާ ކިހާ ބޮޑުކަން އެ ފޮޓޯތަކުން އެނގޭ - ފޮޓޯ: ނިޝާން އަލީ/މިހާރު

މިއީ، ބަޔަކު ދުރާލާ ރާވައިގެން، އާ ޖީލެއް ދުންފަތުގެ ވަބާގައި ޖެއްސުމަށް ގަސްދުގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ދުންފަތުން ކުދިން ރައްކާ ކުރެވިއްޖެ ނަމަ އާއްމު ސިއްހަތަށް ނުވަތަ ބޮޑެތި ހުރިހާ ބަލިތަކަށް ހުށަހެޅުމަށް އޮންނަ ފުރުސަތު ކުޑަކުރެވޭނެ ކަމަށެވެ. ފުއްޕާމެ އާއި ހިތުގެ ބަލިތައް ހިމެނޭ ގޮތަށް ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ކޮންމެ ވެސް ސިފައެއްގައި ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ކޮށްފައިވާ އަސަރު ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވަގުތު ފިޔަވަޅުތަކެއް ނާޅައިފި ނަމަ އެ ކުދިން ވެސް އެ ހާލަތަށް ދާނެ ކަން ހަސަން ފާހަގަކުރެއްވި އެވެ.

"ފެށުމުގެ ކުރިން ކުދިން ރައްކާތެރި ކުރުމެއް ނޫންތޯ މީގައި މުހިއްމީ. އެހެން ގައުމުތަކުގެ ތަޖުރިބާއިން އަޅުގަނޑުމެން ބަލާލި ކަމުގައި ވިއަސް އާއްމު ސިއްހަތަށް އެންމެ ގެއްލުން ހުރީ ދުންފަތް ކަމުގައި ވަންޏާ އެ އިން ސަލާމަތްވުމަކީ ފައިދާ ހުރި ކަމަކަށް ވާނެ އަނެއްކޮޅުން،" އޭނާ ވިދާޅުވި އެވެ.

"އަންނަން އޮތް ޖީލު ރައްކާތެރިކުރުމަށް ބަލާއިރު ކިހިނެއްތޯއޭ ކުޑަކުއްޖަކަށް ވިސްނައިދޭނީ، ކުޑަކުއްޖަކު އޭގައި ހުރި ރަހައަކަށް، އޭގައި ހުރި ރީތި ސިފައަކަށް، އެ އިން ދުން އަރާލެ ރީތިކަމުން އެ އެއްޗެހި ބޭނުންކުރާ 10 ،12 އަހަރުގެ ކުއްޖަަކަށް އަޅުގަނޑުމެން ވިސްނައިދޭންވީ. ތި ކުއްޖާ ތީތި ބޭނުންކުރަމުން ގޮސް މި ވެނި އަހަރެއް ވާއިރަށް ފުއްޕާމެއަށް މިހެންވާނެއޭ. އެގޮތަށް ވިސްނައިދިނުމަކީ އުނދަގޫ ކަމަކަށް ވާތީ އެ ކުދިން ޓޮބޭކޯއިން ރައްކާތެރިކުރުމުގެ އެންމެ ފަސޭހަ ގޮތަކީ އެ ކުދިންނާ ހަމައަށް މި ތަކެތި ނުދިނުން."

ހަސަން ވިދާޅުވީ، ކުޑަކުދިން ދުންފަތުން ސަލާމަތްކޮށްފި ނަމަ "ޕްރިވެންޓަބަލް" ބަލިތަކުން އެ ކުދިން ސަލާމަތް ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕަބްލިކް ހެލްތުގައި ހިމެނޭ ކަންކަމުގެ ނަތީޖާ ވަގުތަކުން ނުފެންނާނެ އެވެ. އެކަމަކު، ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމުގެ ހެޔޮ ނަތީޖާ މީގެ އަހަރުތަކެއް ފަހުން ފެންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މީތި ތަންފީޒުކޮށްފި ނަމަ މުސްތަގުބަލުގައި ވަރަށް ބޮޑެތި ފައިދާތައް ވެގެންދާނެ އާއްމު ސިއްހަތަށް، ގައުމުގެ ދުޅަހެޔޮކަމަށް،" ހަސަން ވިދާޅުވި އެވެ.

ވޭޕް އެކަނި މަނާކޮށްގެން ނިމުނީތަ؟

ވޭޕް މަނާކުރިކަން ރައީސް އިއުލާންކުރެއްވުމާއެކު، އެންމެ ގިނަ ބައެއްގެ ސުވާލަކަށް ވީ، ދުންފަތުގެ އެހެން ބާވަތްތަކުން ސިއްހަތަށް ބޮޑު ފައިދާއެއް ލިބެނީތޯ އެވެ. ވަށައިގެން ސިނގިރޭޓް ދުން އެނބުރެމުން ދާއިރު، އެ ބާވަތް އެތެރެކުރުން މަނާކުރަން ނުކެރުނީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔާފައިވެ އެވެ.

"ސިނގިރޭޓް ވިއްކާ މީހުން އަޑީގައި ތިވެގެން ހިންގާ ޖަރީމާއެއް. ސިނގިރޭޓުން ލިބޭ ގެއްލުން ކުޑައެއް ނޫން. އެކަމަކު މަނާއެއް ނުކުރެވެވޭ،" ނާސިހު ނަމަކަށް ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް އެތެރެކުރުން މަނާކުރާއިރު، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާއިރު ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރެވެން ޖެހޭނެ ކަމަށެވެ.

ޖަލާލްގެ ނަމުގައި އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ވޭޕް އެތެރެކުރުން މަނާކުރުމަކީ ރަނގަޅަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތަށް، ސިނގިރޭޓް ވެސް މަނާކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ދޭއްޗަކީ ވެސް ދެވި ހިފާ ސިއްހަތަށް ނުރައްކާ ދޭތި. މިހާރު ކަން މިވީ ގޮތުން، މި ފިޔަވަޅަކީ ސިނގިރޭޓް ވިޔަފާރިއަށް ލިބޭ އިތުރު ހިތްވަރެއް،" އޭގައި ބުންޏެވެ.

އާއްމުންގެ ޝަކުވާތައް އޮއްސާލާފައިވަނިކޮށް، ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ، ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކުރައްވައިފަ އެވެ. އޭގެ އިތުރުން، ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރަން ގައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފަށަން ނިންމެވިކަން ވެސް އިއުލާންކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ދުންފަތާ ދެކޮޅު ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ކަންކަން ވެސް ކުރިމަގުގައި ހަރުދަނާ ކުރައްވާނެ ކަމަށެވެ. މިހާރަށް ބަލާ ނަމަ ތަންފީޒީ މަރުހަލާގެ ކަންކަން ވަނީ ވަރަށް ބޮޑަށް ދޫވެފަ އެވެ. ޖޫރިނަމާ ކުރުމެއް ވެސް ނެތެވެ.

ހަސަން ވިދާޅުވި ގޮތުގައި ސިނގިރޭޓަށް ވުރެ އީ-ސިނގިރޭޓް އަދި ވޭޕްގައި ނިކޮޓިކްގެ މާއްދާ އެކުލެވޭ މިންވަރު އިތުރެވެ. އޭގެ ނަތީޖާއަކީ، ވޭޕަށް ދެވިހިފުން އިތުރުވުމެވެ. އަދި މަނާކުރުމަކީ "މެޖިކް ބުލެޓް"އެއް ނޫން ކަމަށް ވާތީ، ދުންފަތުން ސަލާމަތްވާން ދެން ހުރި ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ދުންފަތް ބޭނުންކުރާ މީހުންނަށް ސިޒޭޝަން ހިދުމަތް ފުޅާކުރަންޖެހޭ ކަމަށެވެ. ނިކޮޓިން އެޑިކްޝަނަކީ ތިން ހަފުތާ ކަމަށާއި އޭގެ ފަހުން ބޭނުން ނުކޮށް ހުރެއްޖެ ނަމަ އެ ކްރޭވިން މަޑުމަޑުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހަމަ މިއިން ސަލާމަތްވެވޭނެ އެއްޗެއް. މީގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އިތުރުވެގެން ނުދާނެ. އެއީ ފާހަގަކުރަންޖެހޭ ކަމެއް. ވޭޕް ކުރާ ބައެއް މީހުން އެނބުރި ދާނީއޯ ސިނގިރޭޓް ބޯން. އެކަމަކު، މި ގަބޫލުކުރަނީ ސިއްހަތު ސަލާމަތްކުރަން ވެގެންނޭ ވޭޕް މި ބޭނުންކުރަނީ. އެ ސަބަބަށްޓަކައި އޭނަ ވޭޕް އިހުތިޔާރުކޮށްފި ނަމަ ގެއްލުންހުރި އެއްޗަކާ ދިމާލަށް ނުދާނެ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

"ނަތީޖާއަކީ ކޮންމެ ވެސް ބަޔަކު އެއްކޮށް ހުއްޓާލާނެ. އަނެއް ބަޔަކު ހިނގައިދާނެ ސިނގިރޭޓާ ދިމާލަށް."

ދަރިވަރުންތަކެއް ވޭޕް ހިފައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދަރިވަރުންތަކެއް ވޭޕް ހިފައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހަސަން ވިދާޅުވީ، ވޭޕްގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ކުޑަކުދިން ނުވަތަ ސްކޫލް މާހައުލަށް ކަމަށް ވާތީ ކުރިމަގަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރަން މަޖުބޫރުވާ ކަމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގައި ސްކޮޑްލެންޑް، ނިއުޒިލެންޑް އަދި ކެނެޑާ ކަހަލަ ގައުމުތަކުން ނަތީޖާ ފެންނަން ފަށާފައިވާކަން، އެ ގައުމުތަކުން ހަދާފައިވާ ދިރާސާތަކުން ފެންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ބައެއް ގައުމުތަކުގައި ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ހެދުމަށް، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުން ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ. އަނެއް ބައި ހިސާބުތަކުގައި ދުންފަތް ވިއްކާ އުމުރު މަތިކޮށްފައި ވެ އެވެ.

ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ދުންފަތް މަނާކުރުމަށް ފަހު، މިއީ ދުންފަތުގެ ބާވަތެއް ރާއްޖެ އެތެރެކުރަން މަނާކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، މިހާރުގެ ހާލަތު ތަފާތެވެ.

"ވޭޕް މަނާކުރުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެއް. އެކަމަކު، އެކަން ސާބިތުކޮށްދިނުމަށް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަމަކީ ހަމަޖެހޭ ގޮތެއްގައި ގާނޫނާ ގަވާއިދު ފަރުމާކޮށްފައި ހަމަހަމަކަންމަތީ އެ އެއްޗެހި ތަންފީޒުކުރަމުން ދިއުން އަދި އީ-ސިނގިރޭޓް ނޫން ދުންފަތުގެ އެހެން ބާވަތްތަކުން މީހުން ދުރުކުރުމަށް ވަކިން ހާއްސަކޮށް ދުންފަތް ބޭނުން ނުކުރާ މީހުން ސަލާމަތްކުރުމަށް ހެދިފައި ހުރި ގަވައިދުތައް ތަންފީޒުކުރުން،" ހަސަން ވިދާޅުވި އެވެ.

"މިއީ ވަރަށް މުހިއްމު ނިންމުމެއް، ވަރަށް ތާރީހީ ނިންމުމެއް، ވަރަށް އުއްމީދީ ނިންމުމެއް. އެގޮތަށް ދުންފަތް ކޮންޓްރޯލް ކުރަން މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް އުފާކުރަން."

އާއްމު ސިއްހަތަށް ލިބުނު މޮޅެއް

މެޑިކަލް އެސޯސިއޭޝަންގެ އެގްޒެކެޓިވް ސެކްރެޓަރީ ޑރ. އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވޭޕް ބޭނުންކުރުން މަނާކުރަން ނިންމުމަކީ އެ ޖަމިއްޔާއިން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

މިއީ، ކުޑަކުދިންނާއި ޒުވާނުން ނިކޮޓިންގެ ވަބާއިން ސަލާމަތްކުރުމަށް އެޅި އެންމެ މުހިއްމު ފިޔަވަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަންނަން އޮތް ޖީލު ނިކޮޓިންގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއް. އަޅުގަނޑުމެން އުންމީދު ކުރަނީ އާންމުން ހޭލުންތެރިކުރުވުމުގެ އިތުރު ސެޝަންތަކެއް ކުރިއަށް ގެންގޮސް ދުންފަތުގެ ބާވަތްތައް މަނާކޮށް އަދި އެންމެ ކުޑަމިނުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވިގެންދާނެ ކަމަށް،" ޑރ. އަހުމަދު ރަޝީދު ވިދާޅުވި އެވެ.

"ވޭޕް މަނާކުރުމަކީ ސިއްހީ ހިދުމަތުގެ ހަރަދު ކުޑަކުރުމަށާއި ދުޅަހެޔޮ ގައުމަކަށް ދިގު މުއްދަތަކަށް އެހީތެރިވެދޭނެ ކަމެއް."

ރާއްޖެ އަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ރައީސް މުއިއްޒު ނިންމެވި ނިންމެވުމަށް އިދިކޮޅު ފިކުރުގެ ބައެއް ބޭފުޅުން ވެސް ތާއީދެވެ. އެމްޑީޕީ ސަރުކާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ދެން އޮތީ ދުންފަތުގެ ވަބާއިން ދިވެހި ޖީލު ސަލާމަތް ކުރުމަށްޓަކައި ތަންފީޒީ ކަންކަން ހަރުދަނާ ކުރުމެވެ. ވޭޕް މަނާކުރުމަކީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް ދިއުމެވެ. ޝީޝާ ބުއިމަށް ހާއްސަ ތަންތަން ވެސް ރާއްޖޭގައި ހަދާފައި އެބަހުއްޓެވެ. އެކަމަކު، ޝީޝާ ބުއިމަށް ހާއްސަ ހުއްދައެއް ނެތަސް ފާޅުގައި އެ ދަނީ އެ ކަން ވެސް ޕްރޮމޯޓް ކުރަމުންނެވެ.