Roadha Mihaaru
ވޭޕަށް އެޑިކްޓް ޖީލެއް ސްކޫލްތަކުން ނުކުތުމުގެ ބިރު!

ވޭޕަށް ދެވިހިފާފައިވާ ޖީލެއް ސްކޫލްތަކުން ނުކުތުމުގެ ބިރު!

29 ސެޕްޓެމްބަރ 2024

ރާއްޖޭގެ ސްކޫލްތަކުގެ ކުދިންގެ މެދުގައި ވޭޕްކުރުން ހައްދުފަހަނާޅާފައި އޮތްވަރަކީ މި އެވެ؛

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ސްކޫލްތަކުގެ ކުދިންގެ މެދުގައި ވޭޕްކުރުން ހައްދުފަހަނާޅާފައި އޮތްވަރަކީ މި އެވެ؛

ވޭޕްކުރުމުގެ ޝަކުވާތަކަކާ ގުޅިގެން ސްކޫލެއްގެ ދަރިވަރުން ޗެކްކުރި އިރު، ހަފުތާއެއްގެ ތެރޭގައި ވޭޕް ސްޓިކްތަކުން ބޮޑު ފޮށިގަނޑެއް ފުރުނެވެ. ވަކިވަކިން ޗެކްކޮށްގެން ހަފުތާއެއްގެ ތެރޭގައި އެހާ ބައިވަރު ވޭޕް އަތުލައިގަނެވުމަކީ އެ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވި މައްސަލައެކެވެ.

އެހެން ސްކޫލަކުން ފެންމަތިވީ މި މައްސަލަ އެވެ.

ކްލާސް ކުދިންގެ ތެރޭގައި ވޭޕަށް އޮތް ޝައުގުވެރިކަން އެނގުމުން، ދެތިން ކުއްޖަކު އެއްވެ ގްރޫޕެއް ހަދައިގެން ނިންމީ ސްކޫލްގައި ވޭޕްގެ ވިޔަފާރިކުރާށެވެ. މާލޭގެ ފިހާރައަކުން ނުވަތަ އޮންލައިންކޮށް ވިޔަސް ވަކި އުމުރެއް ނުބަލައި ފަސޭހައިން ލިބެން ހުންނާތީ ކޮންމެ ކުއްޖަކު 100 ރުފިޔާ "ހޯދުނު ގޮތަކަށް ހޯދައިގެން" ފައިސާ އެއްކޮށްގެން ވޭޕް ސްޓިކް ގަތެވެ.

އެ ގްރޫޕް ސްކޫލްގައި ވޭޕް ވިއްކާކަން އެހެން ދަރިވަރުންނަށް އެންގި އެވެ. އޭގެ ފަހުން، އެ ކުދިން ކައިރަށް ގޮސް ސްޓިކް ދަމާލާ ކޮންމެ ފަހަރަކަށް ފައިސާ ނަގަން ފެށީ އެވެ. މި ކުދިން ވަނީ ސްކޫލްގައި ވޭޕް ވިއްކައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފަހުގެ ފޯނެއް ގަނެފަ އެވެ.

މިކަން ފަޅާ އެރި ހިސާބުން ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީން މައްސަލަ ބެލުމުން އެނގުނު ގޮތުގައި އެ ކުދިން ވޭޕް ގަތީ ބެލެނިވެރިންނަށް ނޭނގި ގެއިން ފައިސާ ނަގައިގެންނެވެ. ވޭޕް ވިއްކައިގެން ފޯނެއް ގަތުމުގެ އިތުރުން އެ ކުދިން ވަނީ އިތުރު ފޯނެއް ވެސް ގަނެވޭހާ ފައިސާ ހޯދައިފަ އެވެ.

މީހަކު ވޭޕްކުރަނީ: މިއީ އާއްމުވެފައި އޮތް ސިއްހަތަށް ނުރައްކާ ބޮޑު ކަމެއް. -- ފޮޓޯ | މިހާރު

މީހަކު ވޭޕްކުރަނީ: މިއީ އާއްމުވެފައި އޮތް ސިއްހަތަށް ނުރައްކާ ބޮޑު ކަމެއް. -- ފޮޓޯ | މިހާރު

ދަރިވަރުން ސްކޫލްގައި ވޭޕްކުރާ ތަން ފެނިގެން ޓީޗަރަށް ނުވަތަ ސްކޫލްގެ މެނޭޖްމަންޓަށް މައްސަލަ ހުށަހެޅުމުން، ރިޕޯޓްކުރާ ދަރިވަރުން ހޯދައި ބުލީކޮށް، އަނިޔާކޮށްފައި ވެސް އެބަހުއްޓެވެ.

މިހާތަނަށް ފެންމަތިވި މިފަދަ މައްސަލަތަކުން ސްކޫލްތަކުގައި މިކަން އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ގޮސްފައި ކަން ވަރަށް ސާފެވެ.

ސްކޫލްތަކުގައި ވޭޕްކުރުމާ ގުޅޭ ގޮތުން މައުލޫމާތު އެއްކުރިއިރު، ބައެއް މީހުން ކިޔައިދިން ގޮތުގައި ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށް، ސްކޫލްތަކުގައި ވޭޕްކުރުމަކީ މާބޮޑު ކަމަކަށް ނުވެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅަކު، ގްރޭޑް އަށެއްގެ ދަރިވަރަކާ ހަވާލާދީ ވިދާޅުވީ އެ ދަރިވަރު ދިރިއުޅޭ ހުޅުމާލޭގެ ސްކޫލެއްގައި ވެސް ވޭޕްކުރުން ވަރަށް އާއްމެވެ. ބައެއް ވަގުތުތަކުގައި އެ ސްކޫލުގެ ފާހަނާގައި ނޭވާލާން އުނދަގޫވާ ވަރަށް ވޭޕްގެ ވަސް ހުންނަ ކަމަށް ދަރިވަރު ކިޔައިދިނެވެ.

މި ފަހަކަށް އައިސް ވޭޕްނުކުރާ އަންހެން ކުދިންނާއި ފިރިހެން ކުދިން ސްކޫލްތަކުގައި ވެސް ލޭބަލް ކުރަނީ، ޓްރެންޑް ފޮލޯނުކުރާ "ކަޑަ ބައެއް"ގެ ގޮތުގައި ކަމަށް އެ ކުއްޖާ ކިޔައިދީފައިވެ އެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް: ސްކޫލްތަކުގައި ވޭޕްކުރާ ދަރިވަރުންގެ ސަބަބުން އެހެން ކުދިންނަށް ވަނީ ނުރައްކާ ބޮޑުވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްކޫލެއްގެ ދަރިވަރުންތަކެއް: ސްކޫލްތަކުގައި ވޭޕްކުރާ ދަރިވަރުންގެ ސަބަބުން އެހެން ކުދިންނަށް ވަނީ ނުރައްކާ ބޮޑުވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ދަރިވަރުން ވޭޕަށް ދެވިހިފައި، ނުބައި މަގަކުން ދިއުމުގެ ބިރު ބޮޑު!

ކަސްޓަމްސްގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124،342،915 ރުފިޔާގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. އެ އަދަދު، މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް ހުރީ 19.7 މިލިއަން ރުފިޔާ އެވެ. އަދި 2018-2023 އަށް ހުރީ 104،564 މިލިއަން ރުފިޔާގަ އެވެ.

ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބޭކޯ ސާވޭން (ޖީވައިޓީއެސް) ބުނާ ގޮތުން ރާއްޖޭގައި ކިޔަވާކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިން، ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެ ތެރެއިން 17 ޕަސެންޓް ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބާކޯ ސާވޭން (ޖީވައިޓީއެސް)ގެ ބައެއް ތަފާސްހިސާބު.

ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބާކޯ ސާވޭން (ޖީވައިޓީއެސް)ގެ ބައެއް ތަފާސްހިސާބު.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، މިދިޔަ މޭ މަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް ނުވަތަ 1.8 ބިލިއަން ރުފިޔާގެ ސިނގިރޭޓް އެތެރެކުރެ އެވެ.

ސްކޫލްތަކުގައި ވޭޕްކުރުމުގެ ކަންބޮޑުވުން އޮތް މިންވަރާ މެދު ވާހަކަ ދައްކަވަމުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަލީ އަދީބު ވިދާޅުވީ ދުންފަތުގެ އިޝްތިހާރުތަކުން ދަރިވަރުން ވެސް އޭގެ ތެރެއަށް ވައްދަމުންދާ ކަމަށެވެ. ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަންނަ ގޮތަށް އުފެއްދުންތަކާއި އިޝްތިހާރުތައް ބޭނުންކޮށް، ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓުފޯމުތަކުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓިކް ޕައުޗް ފަދަ އުފެއްދުންތައް ޒުވާނުންގެ މެދުގައި މިހާރު މަގުބޫލްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ ކުދިން ފުރަތަމަ ފަށަނީ ވޭޕް ނުވަތަ ސިނގިރޭޓް ބުއިމުންނެވެ. އޭގެ ފަހުން ތަފާތު އެކި ބާވަތްތައް ސިނގިރެޓާ އެކު އެ ކުދިން ޓެސްޓްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލްތަކުގައި މިގޮތަށް ވޭޕްކުރުމުން، ނުބޮއެ ތިބޭ ކުދިންނަށް ވެސް އެއިން އެބަ އަސަރު ކުރޭ. ވޭޕް އާންމުވެގެން މި އައިއިރު ގިނަ މީހުން މި ގަބޫލުކުރީ ވޭޕަކީ ސިނގިރޭޓު ބުއިން ހުއްޓާލަން ބޭނުންކުރަން ރަނގަޅު އެއްޗެކޭ. ސިނގިރޭޓުން ލިބޭ ގެއްލުން ވޭޕަކުން ނުލިބޭނޭ،" އަދީބު ވިދާޅުވި އެވެ.

އެކަމަކު، ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕްކުރުމުގެ ނުރައްކާ މާ ބޮޑުވެފައި ސިއްހީ ގޮތުން ލިބޭ ގެއްލުން ވެސް ބޮޑެވެ.

ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބާކޯ ސާވޭން (ޖީވައިޓީއެސް)ގެ ބައެއް ތަފާސްހިސާބު.--

ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބާކޯ ސާވޭން (ޖީވައިޓީއެސް)ގެ ބައެއް ތަފާސްހިސާބު.--

ހަގު އުމުރުގައި ވޭޕް ނުވަތަ ސިނގިރޭޓާއި ޑްރަގްގެ ކަންކަން ފަށައިފި ނަމަ އެކަމުން ނިކުންނަން އުނދަގޫވާނެކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ ބައެއް ރަށްރަށުގެ ބެލެނިވެރިން ގުޅައި ނުވަތަ އެ މީހުންގެ ދަރިންގެ ސްކޫލު ދަބަހުން އެ ފެންނަ އެއްޗެހި ފޮޓޯ ފޮނުވައި ސުވާލު ކުރާ ކަމަށެވެ. ގިނަ ފަހަރަށް އެ ވެފައި އޮންނަނީ ވޭޕްގެ ކާޓްރިޖެއް ނުވަތަ އެކި ގޮތްގޮތަށް ހަދާފައި ހުންނަ ވޭޕް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރުމެން ގަބޫލުކުރަންވީ ރާއްޖޭގައި މިހާރު ރިހާކުރަށް ވުރެ، ގަރުދިޔައަށް ވުރެ ވެސް ފަސޭހައިން ޑްރަގްސް ލިބޭކަން. ބެލެނިވެރިން މި ހާލަތު ގަބޫލުކޮށްގެން އުޅެގެން ނޫނީ ނޫނީ މިކަމުން ސަލާމަތެއް ނުވާނެ،" އަދީބު ވިދާޅުވި އެވެ.

ސްކޫލުތަކުން ވެސް އެފަދަ ދަރިވަރަކު ފާހަގަ ވެއްޖެ ނަމަ "ކުއްޖާ ފަލީހަތް" ކޮށްލުމުގެ ބަދަލުގައި އެކަމުން އަރައިގަންނަން ކުރަން ޖެހޭ މަސައްކަތް ކިޔައިދިނުން ފަދަ ކަންކަން ކުރަން މަޖުބޫރު ވެފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. މިއީ އެ ސްކޫލެއްގައި ނުހިނގާ ކަމަކަށް ހެދުމުގެ ބަދަލުގައި، ވޭޕްގެ މައްސަލަ ސްކޫލުތަކުގައި ބޮޑުވެފައިވާ ކަން ގަބޫލު ކުރުމަކީ މިކަން ހައްލުކުރަން ރާއްޖެެއިން އެންމެ ފުރަތަމަ ކުރަން ޖެހިފައި އޮތް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމްޕެޓިޝަން އެހާ ބޮޑު ސްކޫލުތަކުގެ މެދުގައި. އެހެންވެ އެއް ސްކޫލުން މި ބުނަނީ ތިމަންނަމެން ސްކޫލުގައި ނޫޅޭނޭ، އެ ސްކޫލުގައޭ އުޅެނީ ބޯ ހައެއްކަ ކުދިން. އެކަމާ ކުރިމަތިލާކަށް ބޭނުމެއް ނުވޭ. ދެން މިހަދާ ގޮތަކީ އެއްކަލަ ކުއްޖާ ސްކޫލުން ކަނޑާލާ މި އެލުވަނީ ކޮންމެވެސް ދިމާލެއްގައި، އަނެއްކާ ވެސް އެ ކުއްޖާ މި ގެންދަނީ ކުރިއަށްވުރެ ބޮޑަށް، ޑްރަގާ، ވޭޕާ ދިމާލަށް،" އަދީބު ވިދާޅުވި އެވެ.

ސްކޫލުގެ ދަރިވަރުންތަކަކަށް ކްލާސްރޫމެއްގައި ކިޔަވައިދެނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްކޫލުގެ ދަރިވަރުންތަކަކަށް ކްލާސްރޫމެއްގައި ކިޔަވައިދެނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ފޮށިގަނޑެއް ފުރާ" ވޭޕް އަތުލުން: ނުރައްކަލުގެ އިންޒާރެއް!

ސްކޫލް ދަރިވަރުންގެ މެދުގައި ވޭޕް އާއްމުވެފައި އޮތުމުގެ ކަންބޮޑުވުންފާޅުކުރައްވައި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްކޫލުތަކުގައި ދިމާވާ ހުރިހާ ގޯސް ކަމެއްގެ ފެށުން ކަމަށް ބެލެވިފައި ވަނީ ވޭޕް ކަމަށެވެ.

ވޭޕް ކުރާ ދަރިވަރުންގެ ފަރާތުން ބުލީ ކުރުމުގެ ކޭސްތަކާއި މާރާމާރީގެ އިތުރުން ސިއްރުން ކަންކަން ކުރުން ފަދަ ކަންކަން ސްކޫލުތަކުން ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ވޭޕްގެ މައްސަލަ ބޮޑުވެފައި އޮތް މިންވަރު އަންދާޒާކޮށްލެވޭ އެއް ކަމަކީ، އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުންތަކެއް ހަފުތާއެއް ވަންދެން ޗެކްކުރުމުން ބޮޑު ފޮށިގަނޑެއް ފުރެންދެން އެޅޭ ވަރަށް ވޭޕްގެ ސްޓިކާއި ޕޮޑުތައް ފެނުމެވެ.

"ކުދިންގެ ބިހޭވިއާއަށް އަންނަ ބަދަލުތައް ސްކޫލުތަކުން ވަރަށް ބޮޑަށް ބަލާނެ. ދަރިވަރެއްގެ އަހުލާގަށް ބަދަލުތަކެއް އަންނަ ކަމަށްވާ ނަމަ، ބައްލަވާނެ. އެގޮތަށް ބަލައި ފާސްކޮށް އެއް ހަފުތާތެރޭ ސްކޫލަކުން އެބަހުރި ބޮޑު ފޮށިގަނޑެއްގެ ވޭޕް [ޑިވައިސްތައް] ދަރިވަރުން އަތުން އަތުލާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސްކޫލަކުން ހަފުތާއެއްގެ ތެރޭގައި އަތުލައިގަތް ވޭޕް ސްޓިކްތަކެއް. -- ފޮޓޯ | މިނިސްޓްރީ

މާލެ ސްކޫލަކުން ހަފުތާއެއްގެ ތެރޭގައި އަތުލައިގަތް ވޭޕް ސްޓިކްތަކެއް. -- ފޮޓޯ | މިނިސްޓްރީ

އެނގިފައިވާ ގޮތުގައި، ބައެއް ސްކޫލުތަކުގައި، ކްލާސްތަކަށް ވޭޕް އެންމެ ގިނައިން ގެންދަނީ އަންހެން ކުދިންނެވެ. ބުރުގާ އަޅައިގެން ތިބޭތީ، ސްޓިކް ފޮރުވަން ހެދުން ތެރެއަށް ލުމުން ޓީޗަރުންނަށް އަތުލަން އުނދަގޫވާނެތީ އެވެ.

މާލޭ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކަށް ދަރިވަރަކު ވޭޕް ގެންގުޅޭ ތަން ފެނިގެން އަތުލީ އެވެ. މަނާ ކަމެއް ކަން ހަނދާންކޮށްދީ ސްޓިކް އަތުލުމުން، އެ ޓީޗަރަށް އަމާޒުވީ ދަރިވަރަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ.

މާލޭގެ ކޮންމެ ސްކޫލެއްގައި އެތައް ހާސް ދަރިވަރުން އުޅޭއިރު އެ ކުދިން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ މަދު މުވައްޒަފުންނަށް، ދަރިވަރު ސްކޫލަށް ވަންނައިރު ޗެކް ކުރުމާ ގުޅޭގޮތުން ޕްރިންސިޕަލަކު ވިދާޅުވީ ކޮންމެ ދުވަހަކު ދަރިވަރުންގެ ފޮތްދަބަސް ޗެކް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ކޮންމެ ޓާމެއްގައި ވެސް ދެތިން ފަހަރު ދަރިވަރުންގެ ފޮތް ދަބަސްތައް ރެންޑަމްކޮށް ޗެކްކުރާނެ. ކޮންމެ ދުވަހަކު ކިހިނެތްތޯ އަލުގަނޑުމެން ވެސް އެތައް ހާސް ކުދިންނެއް ސްކޫލަށް ވަންނައިރު ޗެކް ކުރާނީ،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އާ ވާހަަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިދިޔަ އަންގާރަ ދުވަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އާ ވާހަަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުމަކީ ހޭލުންތެރިކޮށް ކުދިން އަމިއްލައަށް އޭގެ ނުރައްކާ ވިސްނި ސްކޫލަށް ވޭޕް ގެނައުން ހުއްޓުވާލުމެވެ. އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތީ ބެލެނިވެރިން ވެސް އެކަމަށް ހޭލުންތެރި ކުރުވުން ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތަކުގައި ވޭޕް ހުއްޓުވަން މިނިސްޓްރީން ހަރުކަށި ފިޔަވަޅުތަކެއް

ވޭޕްގެ ގިނަ މައްސަލަތަކެއް ސްކޫލްތަކުން ފެންމަތިވަމުންދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވަރަށް އާއްމު ކަމަކަށް ވެފައި އޮތީ އެކަމަށް އެންމެ އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭތީ ކަމަށެވެ. ވޭޕް ކުރުމުގެ މައްސަލަ މިހާ ބޮޑުވި އިރު، މީގެ ކުރިން ބެލެނިވެރިން ހޭލުންތެރި ކުރުވަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ދަރިވަރުންނަށް ވެސް އެބަ ބުނެދޭން ޖެހޭ މިއީ ކިހާ ނުރައްކާތެރި އެއްޗެއްކަން، އެ ދަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް. މިހާރު ދަރިވަރަކު އެފަދަ އެއްޗެއް [ވޭޕް] ބޭނުން ކުރާނަމަ ސްކޫލުގެ ނިޒާމު އެ އޮންނަ ގޮތަކަށް ބަލާ އެޓެންޑު ވަން،" މިނިސްޓްރީއަށް ނުބެލެހެއްޓޭ ވަރުގެ ދަރިވަރެއް ނަމަ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ވެސް މަސައްކަތް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިދިޔަ އަންގާރަ ދުވަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރުގެ ވިސްނުމަކީ ވެސް ވޭޕް މަނާކުރުން ކަމަށް ވިދާޅުވެ، ސްކޫލްތަކުގައި އެކަން ހުއްޓުވަން މިހާރު ފަށާފައި ޕްރޮގްރާމަށް ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަން ފާހަގަކުރެއްވި އެވެ. އަދި ބެލެނިވެރިންގެ ވިސްނުމަކީ ވޭޕް ބޭން ކުރުން ކަމަށްވާ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެކަމަށް ލަފާދެއްވައި، ޕެޓިޝަނެއް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވޭޕްކުރުމަކީ ސިނގިރެޓް ބުއިން ނޫން ކަމަށް ދެކި ބެލެނިވެރިން ވެސް ލުއިކޮށް ނަގާ ވަރަށް ވުރެ ހާލަތު ގޯހެވެ. ސްކޫލުގެ ނަން ހަރާބުވެދާނެތީ ސިއްރުކޮށްގެން ތިބެ އެތައް ދަރިވަރުން އެ ނުރައްކަލުގެ ތެރެއަށް ވަދެވޭ ގޮތަށް އަމަލުކުރުން ވެސް ހުއްޓާލަން ޖެހެ އެވެ. އެކަން ހިނގާ ނަމަ އެޑިއުކޭޝަން މިނިސްޓްރީ އާއި ބެލެނިވެރިންނާ އެކު ހައްލު ހޯދަން ޖެހެ އެވެ.

ސްކޫލްތަކުގައި އޮތް ވޭޕްކުރުމުގެ ނުރައްކާ ހާލަތާ މެދު ވަގުތުން ފިޔަވަޅު އަޅަން ޖެހެ އެވެ. ނޫން ނަމަ ވޭޕަށް އެޑިކްޓުވެ، ފަހުން މަސްތުވާތަކެތީގެ ތެރެއަށް ހިނގައިދާނެ ޖީލެއް ސްކޫލްތަކުން ނުކުތުމުގެ ބިރު އެބައޮތެވެ.