Roadha Mihaaru
"މިޝަން އިމްޕޮސިބަލް 7" 2021 ގައި

ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް 7" 2021 ގައި

23 ޑިސެމްބަރ 2019

ޓޮމް ކްރޫޒް، ޖާސޫސީ އެޖެންޓެއްގެ ރޯލް ކުޅޭ ކާމިޔާބު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް" ގެ ހަތް ވަނަ ފިލްމު 2021 ގައި ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓޮމް ކްރޫޒް، ޖާސޫސީ އެޖެންޓެއްގެ ރޯލް ކުޅޭ ކާމިޔާބު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް" ގެ ހަތް ވަނަ ފިލްމު 2021 ގައި ގެނެސްދޭން ނިންމައިފި އެވެ.

މި ސީރީޒްގެ ކުރިއަށް ދެ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރާ ކްރިސްޓޯފާ މެކްއަރީ ބުނީ، ޕެރަމައުންޓް ޕިކްޗާޒް އާއި ސްކައިޑާންސް ގުޅިގެން ގެނެސްދޭ "މިޝަން އިމްޕޮސިބަލް 7" ސިނަމާތަކަށް ގެންނާނީ ޖުލައި 23، 2021 ގަ އެވެ. އަދި އަށް ވަނަ ބައި ގެނެސްދޭނީ އޮގަސްޓް 5، 2025 ގަ އެވެ.

ކްރޫޒާ އެކު "މިޝަން އިމްޕޮސިބަލް 7" ގެ ކާސްޓުން ފެންނާނެ ތަރިންގެ ތެރޭގައި ރެބެކާ ފާގަސަން އާއި މީ ސީރީޒްގެ ފިލްމުތަކުގެ ކާސްޓާ އަލަށް ގުޅޭ ހޭލީ އެޓްވެލް އާއި ޕޮމް ކްލެމެންޓިއެފްގެ އިތުރުން ދާދި ފަހުން ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޖޯކާ" ގެ ކާސްޓްގައި ހިމެނޭ ޝިއާ ވިގަމް ހިމެނެ އެވެ.

ކާސްޓާ ޝިއާ ގުޅުނުކަން ޑައިރެކްޓަރު ކުރި ޓްވީޓެއްގައި ވެސް ހިއްސާ ކޮށްފައި ވެ އެވެ. އޭގައި ބުނީ "މިޝަން އިމްޕޮސިބަލް" އާއި ހަތަކާއި އަށަކުން ވެސް އޭނާ ފެންނާނެ ކަމަށެވެ.

"މިޝަން އިމްޕޮސިބަލް" އަކީ 1996 އިން ފެށިގެން ގެނެސްދެމުން އަންނަ ފިލްމުތަކެކެވެ. މި ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ފޯލްއައުޓް" ރިލީޒްކުރީ މިދިޔަ އަހަރު އެވެ. ކްރިސްޓޯފާ ލިޔެ، ޑައިރެކްޓްކުރި އެ ފިލްމު 178 މިިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އިރު، ބޮކްސް އޮފީހުގައި ފިލްމަށް 791.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ކްރިސްޓޯފާ އަކީ 2015 ގައި ރިލީޒްކުރި "މިޝަން އިމްޕޮސިބަލް: ރޯގް ނޭޝަން" ގެ ވެސް ޑައިރެކްޓަރެވެ. މި ސީރީޒްގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރީ ބްރަޔަން ޑި ޕަލްމާ އެވެ. އޭގެ ފަހުން މީގެ ބައިތައް ޑައިރެކްޓްކުރީ ޖޯން ވޫ (2000)، ޖޭޖޭ އަބްރަމްސް (2006) އަދި ބްރެޑް ބާޑް (2011) އެވެ.

ކްރޫޒް، 57، ގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ޖޫން 26 ގައި ރިލީޒްކުރާ "ޓޮޕް ގަން: މެވެރިކް" އެވެ. މި ފިލްމަކީ 1986 ގެ "ޓޮމް ގަން" ގެ ސީކްއެލް އެވެ.