Roadha Mihaaru
ކްރޫޒްގެ "މިޝަން އިމްޕޮސިބަލް 7" ގައި ޕްރަބާސް؟

ކްރޫޒްގެ "މިޝަން އިމްޕޮސިބަލް 7" ގައި ޕްރަބާސް؟

27 މެއި 2021

ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަތް ވަނަ ފިލްމުގެ ރޯލަކުން އިންޑިއާގެ އެކްޓަރު ޕްރަބާސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަތް ވަނަ ފިލްމުގެ ރޯލަކުން އިންޑިއާގެ އެކްޓަރު ޕްރަބާސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޯފާ މެކްއަރީ ދީފައިވަ އިންޓަވިއުއަކާ ހަވާލާދީ ޓްވިޓާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވާ ގޮތުން ކްރޫޒްގެ ފިލްމުން ޕްރަބާސް އަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު އޭނާ އިޓަލީގައި ފިލްމު "ރާދޭ ޝާމް" ގެ ޝޫޓްކުރަމުން ދިޔަ ދުވަސްވަރު އެވެ. އޭރު އެ ގައުމުގައި "މިޝަން އިމްޕޮސިބަލް 7" ގެ މަސައްކަތް ވެސް ދިޔައީ ކުރަމުންނެވެ. އެގޮތުން، ޑައިރެކްޓަރު ފިލްމުގެ މުހިއްމު ރޯލެއް ޕްރަބާސް އަށް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މިކަން އަދި އެ ފިލްމުގެ ޓީމުން ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ޕްރަބާސްގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އިޓަލީ އާއި ޖޯޖިއާގެ އިތުރުން އިންޑިއާގެ ހައިދަރުއާބާދުގައި ޝޫޓްކޮށްފައިވާ ޕީރިއަޑް ރޮމޭންޓިކް ޑްރާމާ "ރާދޭ ޝާމް" އެވެ. ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލު ކުޅެފައިވާ އެ ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ރާދާ ކްރިޝްނާ ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޖުމްލަ 350 ކްރޯޑް ރުޕީސް (48.14 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ރާދޭ ޝާމް" ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ޖުލައި 30 ގަ އެވެ.

ހޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "މިޝަން އިމްޕޮސިބަލް" ގެ ފިލްމަކުން އިންޑިއާގެ އެކްޓަރަކަށް ފުރުސަތު ލިބުމަކީ އާ ކަމެއް ނޫނެވެ. އެ ސީރީޒްގެ ހަތަރު ވަނަ ފިލްމު 2011 ގެ "ގޯސްޓް ޕްރޮޓޮކޯލް" ގެ ރޯލެއް ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރް ވެސް ކުޅެފައިވެ އެވެ. އޭނާ އޭގައި ކުޅުނީ އިންޑިއާގެ މީޑިއާ ޓައިކޫން ބްރިޖް ނާތުގެ ރޯލެވެ.

"މިޝަން އިމްޕޮސިބަލް 7" އަކީ އަންނަ އަހަރުގެ މެއި 27 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މީގެ ކާސްޓްގައި ސައިމަން ޕެގް، ރެބެކާ ފާގަސަން، ވަނެސާ ކާބީ، އެންޖެލާ ބެޒޭ، ފްރެޑްރިކް ޝްމިޓް އަދި ހެންރީ ޒާނީ ހިމެ އެވެ.

"މިޝަން އިމްޕޮސިބަލް 8" ގެ މަސައްކަތް ވެސް ހަތް ވަނަ ބަޔާ އެކުއެކީގައި ކުރިއަށް ގެންގޮސްފައިވާ އިރު އެ ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 7، 2023 ގަ އެވެ.

ކްރޫޒް އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ މި އަހަރުގެ ނޮވެމްބަރު 19 ގައި ގެނެސްދޭ "ޓޮޕް ގަން: މެވެރިކް" އެވެ.

ދެހާސް ނަވާރައިގައި "ސާހޯ" އިން ފެނުނު ޕްރަބާސް، 41، ގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "އާދިޕުރުޝް" އާއި "ސަލާރު" އަދި ދީޕިކާ ޕަދްކޯންއާ އެކު ކުޅަން ހަމަޖެހިފައިވާ ފިލްމެއް ހިމެނެ އެވެ.