Roadha Mihaaru
ވަގުތީ މިސްކިތެއް އަޅަން އެސްޖޭއިން ހުއްދައަކަށް އެދެފި

ޒިކްރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ ހުއްދައަކަށް އެސްޖޭ އިން އެދިއްޖެ

22 ޑިސެމްބަރ 2019

ޒިކްރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދައި ދިނުމުގެ ހުއްދައަކަށް އެސްޖޭ ކޮންސްޓްރަކްޝަނުން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒިކްރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދައި ދިނުމުގެ ހުއްދައަކަށް އެސްޖޭ ކޮންސްޓްރަކްޝަނުން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ ޒިކްރާ މިސްކިތް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން ވަގުތީ މިސްކިތެއް އަޅަން އެދިފައިވާ ކަމަށެވެ. ހުއްދަ ލިބުނުހާ އަވަހަކަށް މަސައްކަތް ފަށައި 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ބުނީ ގްރައުންޑް ފްލޯ އެކަނި ހިމެނޭ ގޮތަށް ހަދާ ވަގުތީ މިސްކިތުގައި އެއްފަހަރާ 300 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން، ޒިކްރާ މިސްކިތް ހުރި ތަނުގައި ވަގުތީ މިސްކިތެއް ހަދައި ދޭން މި އެދުނީ، އެތަނުގައި 10 ބުރީގެ މިސްކިތެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ އެކު ހެދި 130 މިލިއަން ރުފިޔާގެ އެއްބަސްވުން މި ސަރުކާރުން އުވާލައި އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓުން ބޭރުގައި ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މި ސަރުކާރުން ބުނަމުން އަންނަނީ "ދާރުލް ޒިކްރާ" ގެ ނަމުގައި އާ މިސްކިތެއް އިމާރާތް ކުރަން އެސްޖޭއާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެއްބަސްވުން އުވާލިއިރު މިސްކިތުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް އެސްޖޭ އިން ވަނީ 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ދައުލަތުން އެދިގެން އެ މައްސަލައަށް އަންނަނީ ކޯޓުން ބޭރުގައި މަޝްވަރާކުރަމުންނެވެ.

ސަރުކާރާއި އެސްޖޭއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވާ ގޮތުން އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމާފައި ވަނީ ސަރުކާރުންނެވެ. ޔާމީންގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ.

ޒިކްރާ މިސްކިތް އިމާރާތް ކުރަން ޔާމީންގެ ސަރުކާރުން އެސްޖޭއާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބުނެ، އިސްލާމިކް މިނިސްޓްރީގެ އޭރުގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް އެ މައްސަލަ ގެނެސްފަ އެވެ. ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި ގޮތާއި ދައުލަތަށް ލިބޭ ގެއްލުން ބަޔާންކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުން ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދުމަށް ފަހު ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ އެ ކުންފުންޏަށް މަންފާވާ ގޮތަށެވެ.

އެ ރިޕޯޓުގައި ލިއެފައިވާ ގޮތުގައި ޒިކުރާ މިސްކިތުގެ ކުރެހުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފާސްކުރުމުގެ ކުރިން އެސްޖޭއާ ބިން ހަވާލުކޮށްފަ އެވެ. ވަގުފު އިމާރާތެއްގެ ގޮތުގައި ޒިކުރާ މިސްކިތް އިމާރާތް ކުރަން ހަމަޖައްސާފައި އޮތަސް އެފަދަ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން ދައުލަތަށް ލިބެނީ ގެއްލުން ކަމަށް ރިޕޯޓުގައިވެ އެވެ.