Roadha Mihaaru
ހަރުކަށި ފިކުރު ދެނެގަންނާނެ ގޮތް ކަނޑައަޅައިފި

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް އެންސީޓީސީން ކަނޑައަޅައިފި

22 ޑިސެމްބަރ 2019

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތާއި އެ މީހުންގެ ސިފަތައް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިއަދު ކަނޑައަޅައި އާންމު ކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތާއި އެ މީހުންގެ ސިފަތައް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިއަދު ކަނޑައަޅައި އާންމު ކޮށްފި އެވެ.

ހަރުކަށި ފިކުރަކީ ކޮބައިކަން މާނަ ކޮށްދިނުމަށް އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެއީ، އެތަނެއްގެ ސަގާފަތާއި ޒަމާންވީ އާދަކާދަތަކާއި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ، އޮންނަ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެ ބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމް ބައެއް ނޫން ކަމަށް ބުނެ އެގޮތަށް ދައްކަން އުޅުން ކަމަށެވެ.

ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމާއި މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަން ދައްކުވައި އެކަންކަން ކުރުމަށް ހިތްވަރު ދިނުމަކީ ވެސް ހަރުކަށި ފިކުރު ކަމަށް ބަޔާނުގައިވެ އެވެ.

މިފަދަ ހިޔާލުތަކުގެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް އެންސީޓީސީގެ ބަޔާނުގައިވެ އެވެ.

އެންސީޓީސީން ބުނި ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރު ކުރާ މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނެވެ.

ގާނޫނުއަސާސީ އަކީ ބާތިލް އެއްޗެއް ކަމަށް ބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ރާއްޖޭގެ ހުރިހާ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވެ ދިވެހި ސަގާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި ބައިބައިކުރަން މަސައްކަތް ކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް އެންސީޓީސީން ވަނީ ކަނޑައަޅައިފަ އެވެ.

ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތަކުގެ ގޮތުގައި އެންސީޓީސީން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ދިދަ އާއި ދިވެހި ދައުލަތުގެ ނިޝާނާއި ގައުމީ ސަލާމް ބަލައިނުގަތުމާއި ސްކޫލްތަކުގެ ގައުމީ އަދި ތައުލީމީ މަންހަޖު ބަލައިނުގަތުމާއި ދަރިވަރުން ސްކޫލަށް ހާޒިރު ނުކުރުމާއި މި ފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހްރޫމް ކުރުވުމާއި ރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާ ފަދަ ފަނާކުރުވަނިވި ވިސްނުން ކުރިއަރުވައި ފެތުރުމާއި އިންސާނީ ހައްގުތަކަށް ބެލުމެއް ނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް ކައިވެނި ކުރުވި ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތަކެއް ކަމަށް ވެސް އެންސީޓީސީގެ ބަޔާނުގައިވެ އެވެ.

ހަރުކަށި ފިކުރު ދެނެގަންނާނެ ގޮތް އެންސީޓީސީން ކަނޑައެޅި އިރު، ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި ބޮޑެތި ބަދަލުތަކާ އެކުގައި ޓެރަރިޒަމްގެ ކުށްތައް ވަރަށް ތަފްސީލްކޮށް ވަނީ ހިމަނައިފަ އެވެ. އަދި ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ފުލުހުންނާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމް ގާނޫނު ދާދި ފަހުން ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލާ އެކު، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ހައްދުފަހަނައެޅުމާ ދެކޮޅަށް ފުލުހުންނާއި ސިފައިން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ފަށައިފަ އެވެ. އެގޮތުން ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން މިހާރު ވެސް ދަނީ ހަރުކަށި ފިކުރު ފަތުރާ މީހުން ދިރިއުޅޭ ގެތައް ބަލައި ފާސް ކުރަމުންނެވެ. އަދި އެފަދަ ފިކުރުތައް ފަތުރާ ބައެއް މީހުން ހައްޔަރު ކުރަން ވަނީ ފަށައިފަ އެވެ.

ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.