Roadha Mihaaru
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް

ފަރުހާން އަޚްތަރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް

25 ޑިސެމްބަރ 2019

އިންޑިއާގެ މުސްލިމުންނަށް ރަށްވެހިކަން ގެއްލޭ ގޮތަށް ފާސްކުރި ގާނޫނަކާ ގުޅިގެން އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ އިރު، އެ މައްސަލާގައި ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރްހާން އަޚްތަރު ވާހަކަ ދައްކަނީ ތަނެއްދޮރެއް ނޭނގި ވާނުވާގައި ހުރެގެން ކަމަށް ބުނެ އޭނާއާ ދެކޮޅަށް ހިންދޫންގެ ބަޔަކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މުސްލިމުންނަށް ރަށްވެހިކަން ގެއްލޭ ގޮތަށް ފާސްކުރި ގާނޫނަކާ ގުޅިގެން އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ އިރު، އެ މައްސަލާގައި ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރްހާން އަޚްތަރު ވާހަކަ ދައްކަނީ ތަނެއްދޮރެއް ނޭނގި ވާނުވާގައި ހުރެގެން ކަމަށް ބުނެ އޭނާއާ ދެކޮޅަށް ހިންދޫންގެ ބަޔަކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

ފަރްހާނާ ދެކޮޅަށް ކެމްޕޭނެއް ފެށިއިރު މިދިޔަ ހަފުތާގެ ބުދަ ދުވަހު އޭނާ ވަނީ ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާ ދެކޮޅަށް މުމްބާއީގައޮ ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެފަ އެވެ. އަދި އެ ގާނޫނާ ގުޅޭ ގޮތުން އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށް، ފަރްހާން ޓްވީޓްކުރުމުން ހިންދޫން އޭނާ ދެކެ ރުޅިގަދަވެފައިވެ އެވެ.

އެހެންވެ ފަރްހާނާ ދެކޮޅަށް BoycottToofan@FarOutAkhtar# ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ގޮވައިލަނީ އަންނަ އަހަރު ރިލީޒްކުރާ އޭނާގެ ފިލްމު "ތޫފާން" ބޮއިކޮޓްކުރަން އެދި އެވެ. އެގޮތުން ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ދަނީ އެ ފިލްމު ބަލަން އެއްވެސް ބަޔަކު ނުދިއުމަށް ގޮވައިލަމުންނެވެ.

މީގެ އިތުރުން ފަރްހާންގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓްގެ އުފެއްދުންތައް ވެސް ބޮއިކޮޓްކުރަން ދަނީ ގޮވައިލަމުންނެވެ.

އަދި ފަރްހާނަކީ އިންޑިއާގެ ޒުވާނުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން ފަތުރަން އުޅޭ މީހެއް ކަމަށާއީ އޭނާ އަކީ ގައުމަށް ހުރި ނުރައްކަލެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ބައެއް މީހުން ބުނިގޮތުގައި އޭނާ ގައުމުގައި ހަމަނުޖެހުން އުގެއްދުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަނީ ކަމުގެ ދެކޮޅު ނުބަލައި، ވާނުވާގައި ހުރެގެންނެވެ. އަދި ފަރްޚާނަކީ ތަނެއްދޮރެއް ނޭނހޭ ޖާހިލެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.

އެހެންވެ އެ ފެންވަރުގެ އެކްޓަރެއްގެ ފިލްމަށް ބަލަންދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރައްޔިތުންގެ ފައިސާ ވެސް ފަރްހާންގެ ފިލްމަށް ބަލަން ހޭދަކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ސީއޭއޭއާ ގުޅިގެން ފަރްހާން ހިންދޫންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ އޭނާގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބެލުމަށް ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ.

"ތޫފާން" އަކީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ. އޭގައި ފަރްހާން ފެނިގެން ދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ. މީގެ ޑައިރެކްޓަރަކީ ފަރްހާނަށް 2013 ގައި ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ އެވެ.

ޖުމްލަ 72 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާ "ތޫފާން" ގެ ކާސްޓުންގެ ތެރޭގައި މުރްނާލް ތާކޫރް. ޕަރޭޝް ރާވަލް، އިޝާ ތަލްވާރު، ސުޕްރިޔާ ޕަތަކް، ރިޝީ ކަޕޫރް، ސޯނީ ރާޒްދާން، ދަރުޝަން ކުމާރު އަދި ވިޖޭ ރާޒް ހިމެނެ އެވެ.