Roadha Mihaaru
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ

ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ

14 ފެބުރުއަރީ 2022

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމާ ގުޅިގެން އެތައް ފާޑުކިޔުމެއް އަމާޒުވަމުން ދިޔަސް ބޮލީވުޑްގެ ބަތަލާ، ސޯނަމް ކަޕޫރް އާއި ރިޗާ ޗައްދާ ފަދަ ބައެއް ތަރިން މިވަނީ ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ތެދުވެފަ އެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމާ ގުޅިގެން އެތައް ފާޑުކިޔުމެއް އަމާޒުވަމުން ދިޔަސް ބޮލީވުޑްގެ ބަތަލާ، ސޯނަމް ކަޕޫރް އާއި ރިޗާ ޗައްދާ ފަދަ ބައެއް ތަރިން މިވަނީ ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ތެދުވެފަ އެވެ.

ހިންދޫގެ ހަރުކަށި ގްރޫޕްތަކުން ބުރުގާ އަޅާ އަންހެނުންނާ ދެކޮޅަށް އެތައް ކަންތައްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި ސޯނަމް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓުން އެނގެނީ އޭނާ ވެސް ހުރީ މުސްލިމް އަންހެނުންގެ ދިފާއުގައި ކަމެވެ. އެ ޕޯސްޓުގައި އޭނާ ހިއްސާކުރީ ބޮލުގައި ފަގުނޑިއެއް އަޅައިގެން ހުރި ސިކް ދީނުގެ މީހަކާއި ބުރުގާ އަޅައިގެން ހުރި އަންހެނެއްގެ ފޮޓޯ އެވެ. އަދި ފަގުނޑި އެޅުމަކީ ޗޮއިސަކަށް ވާއިރު، އަންހެނަކު ބުރުގާ އެޅުން ޗޮއިސްއަކަށް ނުވޭތޯ އޭނާ ސުވާލު އުފައްދަ އެވެ.

އެ ޕޯސްޓާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ސޯނަމް އަށް އަމާޒުވި އެވެ. ސިކުންގެ ގްރޫޕުތަކުން ސޯޝަލް މީޑިއާގައި ސޯނަމްއާ ދިމާކޮށްލިއިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ ޕޯސްޓް ސޯނަމް ވަނީ ފަހުން ޑިލީޓްކޮށްލައިފަ އެވެެ.

ސޯނަމް ކަޕޫރުގެ އިންސްޓަގްރާމު ޕޯސްޓް--

ސޯނަމް ކަޕޫރުގެ އިންސްޓަގްރާމު ޕޯސްޓް--

ސޯނަމްގެ އިތުރުން އެކްޓަރު އަލީ ފަޒަލްގެ ލޯބިވެރިޔާ ރިޗާ ޗައްސާ ވެސް ވަނީ ބުރުގާ އަޅާ މުސްލިމު އަންހެނަކަށް ބަޔަކު ދިމާކޮށްލި ވީޑިއޯ އާންމުވުމުން ރުޅިގަދަވެ ޓްވީޓްކޮށްފަ އެވެ.

އޭނާ އިޝާރާތްކުރީ ވައިރަލްވެފައިވާ ވީޑިއޯއެއްގައި 19 އަހަރުގެ ދަރިވަރު ކޮލެޖަށް ވަންނަންދާއިރު ބަޔަކު މީހުން އޭނާގެ ފަހަތުގައި އަޅުވާލާ ހަޅޭލަވާ ވީޑިއޯ އަށެވެ. މުސްކާން ހާން ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ސާބިތުކަން ދެއްކުމަށް ފަހު އެ މީހުންގެ ކުރިމަތީގައި ހުއްޓި ހުރެ، ﷲ އަކްބަރު ކިޔާ އޭނާ ގޮވަމުން ދިޔަ ވީޑިއޯ އަށް އޭނާއަށް އެތައް ބަޔަކު ތައުރީފުކުރި އެވެ.

އެ ވީޑިއޯއާ ގުޅިގެން ރިޗާ ކުރި ޓްވީޓުގައި ވަނީ ފިރިހެން ދަރިންނަށް ރަނގަޅު ތަރިބިއްޔަތެއް ދިނުމަށް ގޮވާލައިފަ އެވެ. ހުތުރު އަދި އެއްވެސް ހިއްވަރެއް ނެތް ގްރޫޕަކުން އެކަނިމާ އެކަނި ހުރި އަންހެނަކަށް ދިމާކޮށްލުމަށް ފަހު އެކަމާ ފަހުރުވެރިވަނީތޯ އާއި އެއީ "ލޫޒާސް" ތަކެއް ކަމަށް އޭނާގެ ޓްވީޓުގައިވެ އެވެ.

އެއީ ލަދުވެތި އަމަލެއްގެ ގޮތުގައި ސިފަކޮށް ރިޗާ ވަނީ އެމީހުން ބަލާ ބޮޑުކުރި ގޮތާ މެދު ކަންބޮޑުވެފަ އެވެ.

އެކަމުގައި ޕޫޖާ ބަޓް ވެސް ވަނީ އަންހެނުންގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ވެސް ވަނީ މުސްކާނާ މެދު ފިރިހެނުން އަމަލުކުރި ގޮތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.