Roadha Mihaaru
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"

ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"

17 އޮކްޓޯބަރ 2021

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަނިކޮށް ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާނާ މެދު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި ކޯޓުން ވެސް އަމަލު ކުރަމުންދާ ގޮތާ މެދު ވަރަށް ގިނަ ބަޔަކު ފާޑުކިިޔަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަނިކޮށް ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާނާ މެދު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި ކޯޓުން ވެސް އަމަލު ކުރަމުންދާ ގޮތާ މެދު ވަރަށް ގިނަ ބަޔަކު ފާޑުކިިޔަން ފަށައިފި އެވެ.

އަރިއަން، 23، އާ އެކު މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އެންސީބީން ހިންގި އޮޕަރޭޝަނެއްގައި އިތުރު ހަތް މީހަކު ވެސް ހައްޔަރުކުރި އެވެ. އެކަމަކު މީގެ ތެރެއިން މުޅި މައްސަލައިގެ ފޯކަސް ހުއްޓިފައި އޮތީ އަރިއަންއަށެވެ. ސަބަބަކީ އޭނާ އަކީ މަޝްހޫރު ފިލްމީ ތަރިއެއްގެ ދަރިޔަކަށް ވުމެވެ. އެކަމަކު ކުރިން ގިނަ ބަޔަކު ހީކޮށްގެން ތިބީ ނުފޫޒު ގަދަ ތަރިއެއްގެ ދަރިއަކަށް ވާތީ މަސްތުވާތަކެތީގެ މި ކޭސް މާ ބޮޑު މައްސަލައަކަށް ނުވެ، އަރިޔަންް އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ދޫކޮށްލާނެ ކަމަށެވެ.

އެކަމަކު ކަންތައް ވަމުން ދަނީ ކުރިން ބޮލީވުޑްގެ ނުފޫޒު ގަދަ މިސްމީހުންނާ ގުޅުން ހުރި މައްސަލަތައް މާ ބޮޑު ކަމަކަށް މުވެ ހިލިގެން ދިއުމާ މުޅިން އިދިކޮޅަށެވެ. މިކަމާ ގުޅިގެން އެތައް ބަޔަކު އަދި ހާއްސަކޮށް، ޝާހްރުކަށް ވާގިދޭ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކާއި ފޭނުން އަންނަނީ އަރިޔަންގެ މައްސަލާގައި އެންސީބީ އާއި ކޯޓަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެ މީހުން ތުހުމަތުކުރާ ގޮތުގައި އެންސީބީން މި މައްސަލާގައި ކަންތައް ކުރަނީ ބަދަލު ހިފާ ކަހަލަ މޭރުމަކުންނެވެ.

ސަބަބަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ އެތައް މައްސަލެއް ފެންމަތިވި ނަމަވެސް އެއިން ކަމެއްގައި މިހާތަނަށް މާ ބޮޑު އަޅާލުމެއް އެންސީބީގެ ފަރާތުން ފެނިފައި ނެތުމެވެ. އެކަމަކު އެންސީބީ އާއި ކޯޓުން ވެސް ބުނަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަމަށާއި ވަކި މީހަކާ ދޭތެރޭ ތަފާތު ގޮތަކަށް އަމަލު ނުކުރާ ކަމަށެވެ.

ބައެއް މީހުން ސިފަކުރާ ގޮތުގައި އަރިއަންއާ ދޭތެރޭ ތަފާތު ގޮތަކަށް އަމަލު ކުރަނީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސަނާކިޔާ މީހަކަށް ޝާހްރުކް ނުވުމާ އެކު، ސިޔާސީ ގޮތުން ދިމާކޮށްލުމުގެ ގޮތުންނެވެ. އަނެއްކޮޅުން ތިން ފަހަރެއްގެ މަތިން އަރިއަންގެ ކަފާލާތުގެ މައްސަލަތައް ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލާފައިވެ އެވެ.

އެހެންވެ އަރިޔަން ބަންދު ކޮށްގެން ގެންގުޅުމަކީ ޝާހްރުކާ "ޒާތީ ގޮތުން ޖައްސާލާލައިގެން އުޅޭކަން" ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި މިކަމަކީ ޝާހްރުކަކީ އިސްލާމް ދީނަށް އިހުތިރާމްކުރާ އަދި މުސްލިމު ސަޕޯޓަރުން ގިނަ އެކްޓަރަކަށް ވާތީ ހަރުކަށި ހިންދޫން އުޅޭ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ވެރިންނާއި އާންމު ސަޕޯޓުންގެ ރުހުން ހޯދަން، ދީނީ ގޮތުން ވެސް ކުޅޭ ކުޅިގަނޑެކެވެ.

އަރިޔަންގެ ބަންދުގެ މުއްދަތު މިހާރު ވަނީ މި މަހުގެ 20 އަށް ހަމައަށް ބުރާސްފަތި ދުވަހު އިތުރުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކާއި އަންހެނުން ގޯރީ ޚާނަށް ދަރިފުޅު ބަންދުކުރި ފަހުން ޖިސްމާނީ ގޮތުން ބައްދަލު ކުރުމުގެ ފުރުސަތެއް ވެސް މިހާތަނަށް ދީފައެއް ނުވެ އެވެ. އެކަމަކު މި ހަފުތާގައި ވީޑިއޯ ކޯލަކުން އަރިއަން އާއިލާއާ ބައްދަލުކުރި އެވެ.

އަރިއަންގެ މައްސަލައާ އެކު ވަކިން ބޮޑަށް އެންސީބީ އަށް ފާޑުކިޔުންތައް އަމާޒު ވެފައިވާ އިރު ބައެއް މީޑިއާތަކުން އެތަނާ ބެހޭ ގޮތުން އެންމެ ބޮޑަށް ދައްކާ ވާހަކަ އަކީ އެ އެޖެންސީގެ ޒޯނަލް ޑިރެކްޓަރު ސަމީރު ވަންކަޅެ އައިސްފައިވާ ބަދަލުތަކުގެ ވާހަކަ އެވެ. ބައެއް މީޑިއާތަކުން ބުނީ ކުރިން ވަރަށް ސީރިއަސް މޫޑެއްގައި އަބަދު ފެންނަ އަދި މީޑިއާތަކާ ވެސް ބީރައްޓެހި ސަމީރު، މިހާރު މުޅިން ވެސް ފެންނަނީ ހިނިވުންވުމެއްގަ އެވެ. އަދި މި ބަދަލު ފެންނަން ފެށި އަރިއަން ހައްޔަރުކުރި އޮޕަރޭޝަނަށް ފަހު ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

އެހެންވެ ސަމީރަށް އައި ބަދަލުން ވެސް ދައްކުވައި ދެނީ ޝާހްރުކާ "ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ކަމުގެ ކުލަވަރު" ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަރިއަންގެ ހައްޔަރާ އެކު ޝާހްރުކް ސަޕޯޓަރުން އަންނަނީ އަރިއަން ދޫކޮށްލަން ގޮވާލައި ސޯޝަލް މީޑިއާގައި ހޭޝްޓެގްތަކާ އެކު އަޑު ވެސް އުފުލަމުންނެވެ. ހޭޝްޓެގްތަކުގެ ތެރޭގައި #ރިލީޒް އަރިއަން ޚާން، #ވީސްޓޭންޓްވިތުއެސްއާރްކޭ، #ބެއިލްފޯއަރިއަންޚާން އަދި #ވީލަވްއެސްއާރްކޭ ހިމެނެ އެވެ.

ޝާހްރުކާ ދެކޮޅު މީހުންގެ ހޭޝްޓެގްތަކުގެ ތެރޭގައި #ބޮއިކޮޓްއެސްއާރްކޭ، #ނޯބެއިލްއޮންލޯ ޖެއިލް އަދި #ސެންޑްއަރިއަންޚާންޓުޖެއިލް ފަދަ ހޭޝްޓެގްތައް ހިމެނެ އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ދަރިފުޅު މަސްތުވާތަކެތީގެ މައްސަލަގަނޑެއްގެ ތެރޭގައި ތާށިވުމަކީ ޝާހްރުކްގެ ކެރިއަރަށް ވަރަށް ބޮޑަށް އަސަރުކޮށް، އޭނާ ތަރި ވެސް ދެން އެއްކޮށް އޮއްސިދާނެ ކަމެކެވެ. މި މައްސަލަގަނޑު ފެންމަތިިވުމާ އެކު އޭނާ ކުޅެމުން "ޕަތާން" އާއި "ލަޔަން" ގެ މަސައްކަތްތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އަދި މިކަމާ ހުރެ ޝާހްރުކް އެންޑޯޒްކޮށް އެތައް ބްރޭންޑެއް މިހާރު ތިބީ އޭނާއާ އެކު ކުރިއަށް ދިއުމާ މެދު ދެވަނަ ވިސްނުމެއްގެ ތެރޭގަ އެވެ.