Roadha Mihaaru
ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރާނަން: އިމްރާން

ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދާނަން: މިނިސްޓަރު

24 ޑިސެމްބަރ 2019

ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތި ކަމަށް އަންނަ އަހަރު ނިމުމުގެ ކުރިން އެކަށީގެންވާ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތި ކަމަށް އަންނަ އަހަރު ނިމުމުގެ ކުރިން އެކަށީގެންވާ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕެރޯލް އޮފިސަރުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ޖަލުތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައިގައި ވާހަކަ ދައްކަވައިފަ އެވެ. ޖަލުތައް ފުރި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުށްވެރިންތަކަކާ ހަވާލުނުވި މައްސަލަ އަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ ކަރެކްޝަންސް އިން ބަލަހައްޓަން ޖެހޭ މީހުން ފުލުހުންގެ ބަންދުގައި ބައިތިއްބަން ބޭނުން ނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދަން ވޭތުވެ ދިޔަ 10 އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތަށް ވުރެ ގިނަ މަސައްކަތް އެ މިނިސްޓްރީން މި އަހަރު އެކަނި ވެސް ކުރި އެވެ.

އިމްރާން ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްގެން ގެންގުޅެވޭނީ 1300 ގައިދީން ކަމަށެވެ. އެކަމަކު މިހާރު ވެސް ޖަލުތަކުގައި 2000 ގައިދީން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވާހަދައްކަވަނީ - ފޮޓޯ: ހޯމް މިނިސްޓްރީ

ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވާހަދައްކަވަނީ - ފޮޓޯ: ހޯމް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލުތަކުގައި ބޭނުން ނުކުރެވޭ ހާލުގައި ހުރި 180 ޖާގަ މި އަހަރު ވަނީ މަރާމާތުކޮށްފަ އެވެ. އަދި ހުޅުމާލޭގައި 60 މީހުންގެ ޖާގައިގެ ތަނެއް ހަދާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ، ބިދޭސީންނަށް ހާއްސަކޮށްގެން ހެދި ތަނެކެވެ.

ތަމްރީން ފުރިހަމަކުރި ޕެރޯލް އޮފިސަރުންގެ ޒިންމާތައް ވެސް އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަނދާންކޮށްދެއްވި އެވެ.

"ރާއްޖޭގެ އިޖުތިމާއީ ވެއްޓަށް ކޮށްފައިވާ އަސަރުތަކުން ސަލާމަތް ކުރުމަށް ތިޔަ އޮފިސަރުން ގައިދީންނަށް އެހީތެރިވެ، އެބޭފުޅުންގެ ދިރިއުޅުން ބަދަލުކޮށް އިސްލާހުކޮށް މުޖުތަމައުގައި އެމީހުންނަކީ ރިވެތި ދިރިއުޅުމެއް އުޅެވޭނެ ފަދަ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާށޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުގެ ޖާގައިގެ ދަތިކަމުގެ މައްސަލައިގައި ގައިދީންތަކެއް އިއްޔެ ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްފަ އެވެ. އެ މައްސަލަ ހައްލުކުރަން، ކުށްވެރިން ބަންދުކުރުމުގެ ބަދަލުގައި އެ މީހުންނަށް ދެވޭނެ އެހެން އަދަބުތައް އިހްތިޔާރުކުރަން ވިސްނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.